ENGLISH
22 އޭޕްރީލު 2025
އެއްވެސް ޚިދުމަތަކުން އާސަންދަ ކަނޑައެއް ނުލަން، އިތުރަށް ފުޅާކުރީ: ނާޒިމް
13 ފެބްރުއަރީ 2025
|
އާސަންދައިގެ ދެމުންދިޔަ އެއްވެސް ޚިދުމަތަކުން މި ސަރުކާރު އައިފަހުން އާސަންދަ ކަނޑައިނުލައްވާ ކަމަށާއި އޭގެ ބަދަލުގައި އިތުރު ޚިދުމަތްތަކަށް އާސަންދަ ތަޢާރަފުކުރެއްވިކަމަށާއި، ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް ވިދާޅުވެއްޖެ އެވެ.
އެމްއެމްޓީވީގެ ބޮޑު ޚަބަރު ޕްރޮގުރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ އާސަންދައިން ފަރުވާ ލިބޭނެ އާ ޚިދުމަތްތަކެއް އާސަންދައިގެ ތެރެއަށް މި ސަރުކާރުން އިތުރުކުރިއިރު އެއީ ބޮޑެތި ޚަރަދުތަކެއް ހިނގާ ޚިދުމަތްތަކެއް ކަމަށެވެ.
"ދަރިމައިވުމަށް އެހީވެދޭ ކްލިނިކެއް އައިޖީއެމްއެޗްގައި ޤާއިމުކުރެވި، އެކަމަކީ ނުލާހިކު ޚަރަދު ބޮޑު ކަމެއް، އާސަންދަ ނިޒާމްގެ ތެރެއިން އެކަން ކަށަވަރުވެގެން އެ ދިޔައީ. އޭގެ އިތުރުން އެއާ އެމްބިއުލަންސް އިތުރަށް ހަރުދަނާކުރެވި، އެއާ އެމްބިއުލާންގެ ހިދުމަތް އާސަންދައިން އިތުރަށް (މީހުނަށް ހިދުމަތް ދެވިއްޖެ). މިހާރު ދިވެހި ރާއްޖޭގައި އެއާ އެމްބިއުލާންގެ ހިދުމަތް ގާތްގަނޑަކަށް ދެ ފްލައިޓް ތިން ފްލައިޓް އެބަ އަޅަން ޖެހޭ. ކުރިން އައި އެއްވެސް ހިދުމަތެއް ހުއްޓުމެއް ނެތި އައިޖީއެމްއެޗް އާއި އަތޮޅު ތެރޭގެ ހޮސްޕިޓަލްތަކުގައި ގާއިމުކުރެވިގެން މިދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މީގެ ކުރިން ރަނގަޅަށް ހިނގަމުންދިޔަ ބައެއް ކަންކަން ކުރީ ސަރުކާރުން އަޅާނުލުމުގެ ސަބަބުން ފަހަތަށް ގޮސްފައިވާ ކަމަށާއި މި ސަރުކާރުން އެކަން ކަމަށް އަޅައިލެއްވުމާއެކު، ހަރުދަނާ ނިޒާމެއްގެ ތެރެއިން ކަންކަން ހިންގަވަން ފައްޓަވާފައިވާ ކަމަށެވެ.
"ދިވެހި ރާއްޖޭގައި ނުލާހިކު ރަނގަޅަށް ބެލެމުން އައިކަމެއް އެއީ ތެލެސީމިއާކުދިންގެ ކަންތައް. ވޭތުވެދިޔަ އެޑްމިނިސްޓްރޭޝަންގެ ދުވަސްވަރު ބޯންމެރޯހަދަން ފޮނުވާ ކުދިން މަދުވުމާއި ހޭލުންތެރިކަން އިތުރުކުރަން ކުރެވުނު މަސައްކަތް މަދުވުމާއި އެކު މިކަންތައް އޮތީ ވަރަށް ކަންބޮޑުވާ ހިސާބަށް ގޮސްފަ. އެހެން ނަމަވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެން ފާއިތުވި އަހަރުވެސް 14 ކުއްޖަކު ދައުލަތުގެ ހިލޭ އެހީގައި ބޯންމެރޯ އަށް ފޮނުވުނު،" މިނިސްޓަރު ވިދާޅުވި އެވެ.
ބޭސް ލިބުމުގައި ހުރި ދަތިތަކާ ގުޅޭ ގޮތުން މިނިސްޓަރު ވިދާޅުވީ ބޭސް ލިބުމުގައިހުރި ދަތިތަކުން އަރައިގަތުމަށް ކަމާ ބެހޭ ހުރިހާ ފަރާތްތަކާއެކު މަޝްވަރާކުރައްވަމުންދާކަމަށާއި، މި މަޝްވަރާތަކުގެ ތެރެއިން މިހުރިހާ މައްސަލަތަކެއް ޙައްލުކުރެވި، ބޭސް ނުލިބުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދިގެންދާނެ ކަމަށެވެ.
ޞިއްޙީ ނިޒާމަށް މިހާ ބޮޑު އިންވެސްޓެއް ކުރެވޭ އަދި ނިޒާމަށް މިހާ ބޮޑު ބަދަލެއް ގެނެވޭ ދުވަސްވަރެއް ރާއްޖޭގެ ތާރީޚުގައި މީގެ ކުރިން އައިސްފައިނުވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓުވުމަށް ސަރުކާރުން އެޅުއްވި ފިޔަވަޅުތަކާއި ވޭޕް މަނާ ކުރުމާއި ކާބޯތަކެއްޗާއި ބެހޭ ޤާނޫނެއް ފުރަތަމަ ފަހަރަށް މިދިޔަ އަހަރު ވުޖޫދަށް ގެންނެވުމަކީ ޞިއްޙީ ދާއިރާއިން އެޅުނު މުހިއްމު ފިޔަވަޅުތަކެއްގެ ގޮތުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ.