ENGLISH
22 އޭޕްރީލު 2025
ހިޔާތަކުގައި ތިބި 67 ކުއްޖަކަށް ޢާއިލާ ހޯދައިދެވިއްޖެ، އިތުރު 35 ފަރާތަކުން ފޮސްޓާކުރަން ހުށަހަޅާފައި އެބައޮތް
13 ފެބްރުއަރީ 2025
|
ދައުލަތުގެ ބެލުމުގައި ތިބޭ ކުދިންގެ ތެރެއިން 67 ކުއްޖަކަށް ޢާއިލާ ހަމަޖައްސައިދެއްވާފައިވާކަމަށާއި، ހިޔާތަކުގައި ތިބި ބައެއް ކުދިންނާ ޙަވާލުވުމަށް އިތުރު 35 ފަރާތަކުން ހުށަހަޅައިގެން ކުދިން އެ ފަރާތްތަކާ ޙަވާލުކުރުމުގެ އިޖުރާއާތުތައް މިހާރުވެސް ކުރިއަށްދާކަމަށް އިޖުތިމާޢީ ރައްކާތެރިކަމާއި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ.ޢާއިޝަތު ޝިހާމު ވިދާޅުވެއްޖެއެވެ.
އެވުޒާރާއިން ކުރައްވަމުންދާ މަސައްކަތްތަކާ ގުޅޭ އެންމެ ފަހުގެ އަދާހަމަ މަޢުލޫމާތު ދެއްވުމަށް މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ ކޮންމެ ކުއްޖަކަށް ޢާއިލާއެއް ހަމަޖައްސައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެއް ކަމަށެވެ.
އެ ވަޢުދުފުޅު ފުއްދެވުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތްޕުޅުގެ ތެރެއިން މިހާތަނަށް 67 ކުއްޖަކަށް ޢާއިލާތައް ހަމަޖައްސަވައިދެއްވިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އެއިން ބައެއް ކުދިން އަމިއްލަ ޢާއިލާތަކަށް ރުޖޫޢަކުރެވިފައިވާއިރު އަނެއްބައި ކުދިން ތިމާގެ ޢާއިލާތަކާ ޙަވާލުކުރެވިފައިވެއެވެ. އަދި ބައެއް ކުދިންނަށް ފޮސްޓާ ނިޒާމުގެ ތެރެއިން ޢާއިލާ ހަމަޖައްސައިދެވިފައިވެއެވެ.
"އަޅުގަނޑުމެންނަށް ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި އަޅުގަނޑުމެންނަށް މިހާ ހިސާބަށް 67 ކުއްޖެއް ޢާއިލާތަކާ ޙަވާލުކުރެވިއްޖެ. އޭގެ ތެރޭގައި އަމިއްލަ ޢާއިލާކަމުގައި ވިޔަސް ނުވަތަ ތިމާގެ ފަރާތްތަކެއް ކަމަށްވިޔަސް ނުވަތަ އަޅުގަނޑުމެން މިކިޔާ ފޮސްޓާކުރުމުގެ ތެރެއިންވިޔަސް. " - އިޖުތިމާޢީ ރައްކާތެރިކަމާއި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ.ޢާއިޝަތު ޝިހާމް
ވަޒީރުވަނީ މިފަދައިން ކުދިންނާ ޙަވާލުވާ ޢާއިލާތަކުން ވަރަށް ރަނގަޅަށް ކުދިން ބަލަހައްޓަމުންދާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ޢާއިލާތަކުން އެކުދިން ގެންދިއުމަށްފަހު ވަރަށް ބޮޑަށް އަޅާލައިގެން ކުދިންނަށް އެންމެ ފައިދާވާނެ ގޮތަށް އެކުދިން ބަލަހައްޓަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ 67 ކުއްޖަކު ޢާއިލާތަކާ ޙަވާލުކުރެވިފައިވާއިރު ކުދިންނާ ޙަވާލުވުމަށް އިތުރު 35 ފަރާތަކުން ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ފަރާތްތަަކަށް ކުދިން ޙަވާލުކުރުމާމެދު ގޮތެއް ނިންމެވުމުގެ މަސައްކަތް އެކި މަރުޙަލާތަކުގައި ހިނގަމުން އަންނަކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ކުދިން ފޮސްޓާކޮށް ކުދިން ބެލެހެއްޓުމަށް ތަރުޙީބު ލިބެމުންދާދިއުމަކީ ވަރަށް ބޮޑަށް އުފާކުރައްވާ ކަމެއް ކަމުގައި ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އުންމީދަކީ މިހާރު ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 139 ކުދިންނަށްވެސް ޢާއިލާ ހަމަޖައްސައިދެއްވުން ކަމަަށެވެ.
އިތުރަށް މިނިސްޓަރު ވިދާޅުވީ ދައުލަތުގެ ބެލުމުގެ ދަށަށް ނަގަަންޖެހޭ ކުދިންގެ ޢަދަދު ފާއިތުވި އަހަރުގައި މަދުވެފައިވާ ކަމަށެވެ. އެގޮތުން އަލަށް ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ނަގާ މިންވަރު ގާތްގަނޑަކަށް 23 އިންސައްތަ ދަށްވެފައިވާކަމަށް ވިދާޅުވެ މިނިސްޓަރު ފާހަގަކުރެއްވީ ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ނަގާ މިންވަރު ދަށްވީ ޢާއިލާތަކުގެ ތެރޭގައި ކުދިން ގެންގުޅޭ ގޮތް ރަނގަޅުވުމުންކަމަށް ޤަބޫލުކުރެއްވޭ ކަމަށެވެ.
"ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ނެގޭ މިންވަރުވެސް އެބަދަށްވޭ. އެއީ ޢާއިލާތަކުގެ ތެރޭގައި ކުދިން ބަލަހައްޓާ ގޮތް ހުރި ގޮތުންނާއި، އަޅައިލެވޭ މިންވަރު ރަނގަޅުވުމުންކަމަށް އަޅުގަނޑުމެން ޤަބޫލުކުރަނީ. 2022 އާ އަޅަބަލާއިރު 2024 ގައި އަޅުގަނޑުމެންގެ ސެންޓާސްގައި ތިބި ކުދިން 19 އިންސައްތަ ދަށް، ކުދިން ނެގުންވެސް 23 އިންސައްތަ ދަށްވެގެންދޭ. " - އިޖުތިމާޢީ ރައްކާތެރިކަމާއި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ.ޢާއިޝަތު ޝިހާމް
މިނިސްޓަރު އިތުުރަށް ފާހަގަކުރައްވާފައިވަނީ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ތެރެއިން ގްރޭޑު 10 އެއް ނިންމައި މުޖުތަމަޢަށް ނުކުންނަ ކުދިންނަށް އެކުދިންގެ އަމިއްލަ ފައިމައްޗަށް ތެދުވެ ދިރިއުޅެވޭނެ މަގުތަކެއް ފަހިކުރުމުގެ ގޮތުން އެކުދިންނަށް ބޭނުންވާ ހުނަރުވެރިކަން ހޯދައިދެއްވުމަށް މިނިސްޓްރީން ޚާއްޞަ އިސްކަމެއް ދެއްވައިގެން މަސައްކަތްކުރައްވަމުންދާ ކަމެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ގްރޭޑް 10 އެއް ނިމި މުޖުތަމަޢަށް ނުކުންނަ މަރުޙަލާގައި މިހާރު ހިޔާތަކުގައި 24 ކުދިން އެބަތިއްބެވެ. އެހުރިހާ ކުދިންނަށްވެސް ޝަރަފުވެރި ދިރިއުޅުމެއް އެޅެވޭނެ މަގު ފަހިކުރެއްވުމަށް މިނިސްޓްރީން މަސައްކަތްކުރައްވަމުންދާކަމަށް ޑރ.ޢާއިޝަތު ޝިހާމު ވިދާޅުވިއެވެ.
ދައުލަތުގެ ބެލުމުގައި ތިބި ކުދިން ހިމެނޭހެން ކޮންމެ ކުއްޖައަކީ ޢާއިލާއެއްގެ އަޅައިލުމާއި ޙިމާޔަތުގައި ބޮޑުވަމުންދާ ކުއްޖެއްކަން ކަށަވަރުކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސިޔާސަތެކެވެ. އެ ސިޔާސަތުގެ ދަށުން ކުދިންނަށް ޢާއިލާތައް ހަމަޖައްސައިދިނުމާއެކު، އެ ޢާއިލާތަކުން ކުދިން ބަލަހައްޓާ ގޮތް ކައިރިން ބެލުމަށް އިޖުތިމާޢީ ރައްކާތެރިކަމާއި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ގެންދަވަނީ ވަރަށް މުހިއްމު މަސައްކަތްތަކެއް ކުރައްވަމުންނެވެ.