ENGLISH

22 އޭޕްރީލު 2025

Advertisement

މިނިސްޓްރީން އިޖާބަދޭ މިންވަރު އިތުރުކޮށް، މަޢުލޫމާތު މެނޭޖުކުރަން އައު ނިޒާމެއް ޤާއިމުކުރަނީ

13 ފެބްރުއަރީ 2025

|

ޝިފްޒާން އަޙްމަދު

އިޖުތިމާޢީ ރައްކާތެރިކަމާއި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ.ޢާއިޝަތު ޝިހާމު، ފޮޓޯ: ރައީސް އޮފީސް

އިޖުތިމާޢީ ރައްކާތެރިކަމާއި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއަށް އެކި ކަންކަމުގައި ގުޅާ ފަރާތްތަކަށް އިޖާބަދޭ މިންވަރު ވަރަށް ބޮޑަށް އިތުރުކުރުމާއެކު، އެ ވުޒާރާއިން އެހީތެރިކަން ފޯރުކޮށްދޭންޖެހޭ މީހުންނާއި ޢާއިލާތަކުގެ މަޢުލޫމާތު ބެލެހެއްޓޭނެ ސުމޭކު ނުވަތަ ޑިޖިޓަލް ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ފައްޓަވާފައިވާކަމަށް އިޖުތިމާޢީ ރައްކާތެރިކަމާއި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ.ޢާއިޝަތު ޝިހާމު ވިދާޅުވެއްޖެއެވެ. 

އެ ވުޒާރާގެ މަސައްކަތްތަކުގެ އެންމެ ފަހުގެ އަދާހަމަ މަޢުލޫމާތު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ.ޢާއިޝަތު ޝިހާމު ވިދާޅުވީ އެ ވުޒާރާއާ ގުޅޭ ގޮތުން ރައްޔިތުންގެ ފަރާތުން ފާހަގަކުރެއްވުނު އެންމެ ބޮޑު ޝަކުވާއަކީ އެ މިނިސްޓްރީއަށް ނުގުޅޭކަމުގެ ޝަކުވާ ކަމަށެވެ. 

އެ މައްސަލައަށް ޙައްލެއް ހޯއްދެވުމުގެ ގޮތުން އެ ވުޒާރާއިން ކުރިއްސުރެ ބޭނުންކުރަމުން އައި ނަންބަރުތަކުގެ އިތުރަށް އައު ނަންބަރެއް އިފުތިތާޙުކުރައްވައި ޚިދުމަތް ފުޅާކުރެއްވިކަން ފާހަގަކުރަައްވައި ވަޒީރު ވިދާޅުވީ ފޯނު ކޯލުތަކަށް ޖަވާބުދިނުމުގެ ޚިދުމަތް ރަނގަޅުކުރުމުގެ މަސައްކަތް ފެއްޓެވިއިރު އެ ވުޒާރާއަށް ލިބޭ ކޯލުތަކުގެ 40 އިންސައްތަ ކޯލަށްވެސް ޖަވާބުނުދެވޭ ކަމަށެވެ. 

ނަމަވެސް އެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރެއްވުމަށް ފާއިތުވި އަހަރެއްހައި ދުވަހު ކުރެއްވި މަސައްކަތްޕުޅުގެ ނަތީޖާއެއްގެ ގޮތުން މިހާރު އެ ވުޒާރާއަށް އަންނަ ފޯނު ކޯލުތަކުގެ 90 އިންސައްތައަށް ޖަވާބުދެއްވިފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އެއްވެސް ފޯނު ކޯލެއް ވައްޓައިނުލާ ހުރިހާ ފޯނުކޯލަކަށް ޖަވާބުދެވޭ މިންވަރަށް ޚިދުމަތް ރަނގަޅުކުރައްވަން މަސައްކަތް ކުރައްވާނެ ކަމަށެވެ. 

"އަޅުގަނޑުމެން މި މަސައްކަތް ފެއްޓިއިރު މިނިސްޓްރީއަށް ލިބޭ ފޯނު ކޯލުތަކުގެ ތެރެއިން ޖަވާބުދެވިފައިވަނީ ގާތްގަނޑަކަށް 40 އިންސައްތަ. އެހައި ހިސާބުގައި ޖަވާބުދެވިފައިވާކަން އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ. އިރާދަކުރެއްވިއްޔާ މިހާރު އަޅުގަނޑުމެންގެ މުވައްޒަފުންގެ ވަރަށް ގިނަ މަސައްކަތްތަކުގެ ތެރެއިން މިހާރު 90 އިންސައްތައާ ކައިރިކުރާ މިންވަރަށް އެ މަސައްކަތް އެބަކުރެވޭ. އަދި އިރާދަފުޅުކުރެއްވިއްޔާ ކުރިއަށް އޮތް ތާނގައި އެންމެ ފޯނުކޯލެއްވެސް ނުވަތަ އަޅުގަނޑުމެންނަށް އެގުޅާ ކަމަަކާ ގުޅާ މީހަކާ ކޯލް ޑްރޮޕުނުވެ ސަތޭކަ އިންސައްތައަށް ޖަވާބުދާރީވެވޭކަމަށްވުން. " - އިޖުތިމާޢީ ރައްކާތެރިކަމާއި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ.ޢާއިޝަތު ޝިހާމު

އޭގެ އިތުރަށް މިނިސްޓަރު ވިދާޅުވީ މިނިސްޓްރީގެ ޚިދުމަތްތައް ރަނގަޅުކުރުމަށްޓަކައި، މިނިސްޓްރީގެ ޚިދުމަތްތަކާމެދު އެ ވުޒާރާއިން ޚިދުމަތް ހޯދާ ޢާންމުންގެ ކަންބޮޑުވުންތަކާއި، ގެންނަން ބޭނުންވާ ބަދަލުތަކާ ގުޅޭ މަޢުލޫމާތުވެސް މިނިސްޓްރީން އެއްކުރައްވަމުންދާ ކަމަށެވެ. އެ މަސައްކަތުގެ ތެރެއިން ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމުގެ ގޮތުގައި ފާހަގަކުރެއްވުނީ ހުށަހަޅާ މައްސަލަތަކުގެ އަދާހަމަ މަޢުލޫމާތު ނުލިބުން ކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ މިހާރު އެކަން ޙައްލުކުރުމުގެ ގޮތުން މައްސަލަައެއް ބަލައިގަތުމާއެކު އެކަން މިނިސްޓްރީން އެސްއެމްއެސް މެދުވެރިކޮށް އަންގަވަމުންދާ ކަމަށެވެ.

ޚިދުމަތުގެ ފެންވަރު ރަނގަޅުކުރެއްވުމަށް ކުރައްވާ މަސައްކަތުގެ ތެރެއިން ދެން ފާހަގަކުރެއްވުނު އެންމެ ބޮޑު އެއްކަމަކީ މިނިސްޓްރީގެ އެހީތެރިކަން ހޯދުމަށް އެދޭ ފަރާތްތަކުގެ މަޢުލޫމާތު ބަލަހައްޓާ ނިޒާމު އިހުނަށްވުރެ ހަދުރަނާކުރަންޖެހިފައި އޮތްކަން ކަމުގައި، ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ މިނިސްޓްރީން އެހީތެރިކަން ދޭ އެންމެންގެ މަޢުލޫމާތާއި އެބަޔަކަށް މިނިސްޓްރީން ފޯރުކޮށްދޭ އެހީތެރިކަމުގެ މަޢުލޫމާތުވެސް އެއް ތަނަކުން ފެންނާނެ ފަދަ ނިޒާމެއް ޤާއިމުކުރެއްވުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށެވެ. 

"މިހާރު އަޅުގަނޑުމެންނަށް މި ތައްޔާރުކުރެވޭ އިންފޯމޭޝަން މެނޭޖުމެންޓު ސިސްޓަމަކީ އެހީ ބޭނުންވާ ހުރިހާ ފަރާތްތަކުގެ މަޢުލޫމާތު އޭގެ ތެރޭގައި ބެހެއްޓި، އެމީހަކާ އެއްކޮށް ނުވަތަ އެ ޢާއިލާއަކާ އެއްކޮށް ހެދޭ އިންޓަވެންޝަން ޕްލޭންސް ނުވަތަ އެހީތެރިވުމަށް ހެދޭ ތަފާތު ޕްލޭންތަކާއި، އެކަން އަޅުގަނޑުމެން މިކޮޅުން ބަލަމުންދާ ގޮތް އެ އިންފޮމޭޝަން ސިސްޓަމުން ބެލޭނެ ގޮތް ހަމަޖެހިގެންދާނެ. " - އިޖުތިމާޢީ ރައްކާތެރިކަމާއި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ.ޢާއިޝަތު ޝިހާމު

މިނިސްޓަރު ވިދާޅުވީ އެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ކުރެއްވުމުގެ އެންމެ ބޮޑު ބޭނުމަކީ މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދޭ ޢުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިންނާއި ޢާއިލާތަކުގެ މަޢުލޫމާތު ރައްކާކުރެވިފައި ހުރުން ކަމަށެވެ. އަދި ނާޒުކު ޙާލަތުގައި ތިބި ފަރާތްތަކުގެ މަޢުލޫމާތު އެއްތަނަކުން ލިބޭނެ އިންތިޒާމު ހަމަޖެހުމުން އިޖުތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ނިޒާމު ހަރުދަނާކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

މިނިސްޓްރީގެ މުވައްޒަފުންގެ ކޭސް ލޯޑު ބޮޑުވުމުގެ މައްސަލައަކީ ޒަމާނުއްސުރެއް އޮތް މައްސަލައެއްކަމަށްވާއިރު، އެ މައްސަލަ ޙައްލުވާނެ ގޮތެއް ހޯއްދެވުމުގެ ގޮތުން އެހީތެރިކަން ބޭނުންވާ ޢާއިލާތަކަކީ ވަކި ޔުނިޓުތަކެއްގެ ގޮތަށް ބަލައިގެން މުޅި ޢާއިލާއަށް އެހީތެރިކަން ފޯރުކޮށްދޭ ގޮތަށް އިންތިޒާމުތައް ހަމަޖައްސަވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. 

ވަޒީރު ފާހަގަކުރެއްވި ގޮތުގައި މިބަދަލާއެކު ކުރިން ކޮންމެ މުވައްޒަފަކު 200 އެއްހައި މައްސަލަ ބަލަހައްޓަމުން ދިޔައިދިއުން ބަދަލުކޮށް، މިހާރު މުވައްޒަފަކު ބަލަހައްޓާ މައްސަލައިގެ ޢަދަދު އެވެރެޖުކޮށް 60 މައްސަލައަށް ދަށްކުރެވިފައިވެއެވެ. އަދި ކުރިއަށް އޮތް ތަނުގައި އެ ޢަދަދު 30 މައްސަލައަށް ތިރިކުރެއްވުމަކީ މިނިސްޓަރުގެ އަމާޒު ކަމަށް ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު