ENGLISH

22 އޭޕްރީލު 2025

Advertisement

އަހަރެއް ނުވަނީސް ކިނޮޅަސް ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ނިންމާލައިފި

13 ފެބްރުއަރީ 2025

|

ޢަލީ ޝަހީމް

ރ. ކިނޮޅަސް ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ނިންމާލާފައި. މަސައްކަތް ކުރީ އެމްޓީސީސީ އިން. ފޮޓޯ: އެމްޓީސީސީ އިން

ރ. ކިނޮޅަހު ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަޝްރޫޢު، އެ މަސައްކަތް ފެށިތާ އަހަރެއް ނުވަނީސް އެމްޓީސީސީއިން ނިންމާލައިފިއެވެ.  

ކިނޮޅަސް ގޮނޑުދޮށް ހިމާޔަތްކުރުމުގެ ޢަމަލީ މަސައްކަތް އެމްޓީސީސީއިން ފެށީ މިދިޔަ އަހަރުގެ ފެބްރުވަރީ މަހުގެ 25 ވަނަ ދުވަހުއެވެ. މަޝްރޫޢުގެ ޖުމްލަ އަގަކީ 11.45 މިލިއަން ރުފިޔާއެވެ.

އެމްޓީސީސީއިން 'އެކްސް' ގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ، އެ މަޝްރޫޢުގެ ދަށުން 19،780 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކައި، 650 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ނިންމާފައިވާކަމަށެވެ.

އާބާދީގައި 700 ވަރަކަށް މީހުން ދިރިއުޅޭ ކިނޮޅޮހަށް، ރަށްގިރުމުގެ މައްސަލަ ދިމާވެފައި އޮންނަތާ އަހަރުތަކެއް ވަނީ ވެފައެވެ. ކިނޮޅޮހު ކައުންސިލުން އައީ 2012 ވަނަ އަހަރުން ފެށިގެން އެރަށުގެ ރަށްގިރުމުގެ މައްސަލައަށް ޙައްލު ގެނެސްދިނުމަށް ސަރުކާރުތަކުގައި އެދެމުންނެވެ.

ރަށްގިރުމުގެ މައްސަލައަށް އެދެވޭ ޙައްލެއް އައުމަކީ ރަށުގެ ރައްޔިތުންނަށް ލިބިގެންދިޔަ ބޮޑު ފަސޭހައެކެވެ. އިޤްތިސާދީ ގޮތުންނާއި އުމްރާނީ ގޮތުން ރަށަށް ލިބުނު ކުރިއެރުމާއެކު، ލޯކަލް ޓުއަރިޒަމް ފުޅާކުރަމުން އަންނަ އެރަށަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.

ރާއްޖޭގެ ރަށްރަށުގެ ތަރައްޤީއަށް ހުރިހާ ދާއިރާއަކުން ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ ކުރައްވަމުންނެވެ.  

މިއަހަރުގެ ރިޔާސީ ބަޔާން އިއްވެވި ޖަލްސާގައި ރަޢީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މިދިޔަ ސަރުކާރުން ފަށައި ހުއްޓިފައިވާ މަޝްރޫޢުތަކާއި، މިހާރު ކުރިއަށްދާ މަޝްރޫޢުތަކުގެ އިތުރުން އަލަށް ފަށާ މަޝްރޫޢުތަކާއެކު މާލެ އާއި އަތޮޅުތަކުގައި މިއަހަރު ތަރައްޤީގެ 1043 މަޝްރޫޢު ކުރިއަށްގެންދަވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު