ENGLISH
22 އޭޕްރީލު 2025
މަރުތޭލުން ޙަމަލާދިން މައްސަލާގައި މެލޭޝިޔާއިން ގެނެސް ހައްޔަރުކުރި މީހާގެ ކުށްކުރުމުގެ ދިގު ރެކޯޑެއް
13 ފެބްރުއަރީ 2025
|
މަރުތޭލަކުން މީހަކަށް ޙަމަލާދިންކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޢަރީޝް، ފޮޓޯ: ދިޔަރެސް
މާލޭގައި އައިޖީއެމްއެޗް ކައިރީ ސަރަހައްދެއްގައި މީހަކަށް މަރުތޭލަކުން ޙަމަލާދިނުމަށްފަހު ފިލަައިގެން މެލޭޝިޔާއަށް ދިއުމުން ރާއްޖެއަށް އަނބުރާ ގެނެސް ހައްޔަރުކުރި މީހާގެ ދިގު ކުށުގެ ރެކޯޑެއް އޮތްކަން ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރައްވައިފިއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވި ގޮތުގައި ފުވައްމުލަކު ސިޓީ، ބަނަފްސާގޭ ޢުމުރުން 31 އަހަރުގެ ޙުސައިން ޢަރީޝް ހައްޔަރުކުރީ، މި މަހުގެ ހަތަރުވަނަ ދުވަހު ހިންގި މާރާމާރީއަށްފަހު ރާއްޖެއިން ފިލައިގެން މެލޭޝިޔާއަށް ދިއުމުން އެ ޤައުމަށް އޭނާ އެތެރެވިޔަނުދީ އަނބުރާ މާލެ ގެނައުމަށްފަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.
ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި ޢަރީޝް ރާއްޖެ ދޫކޮށް ފިލައިގެން ދިޔައީ އޭނާ ހައްޔަރުކުރުމަށް ކުރިމިނަލް ކޯޓުން އަމުރެއް ނެރުއްވާފަައިވަނިކޮށެވެ.
އޭނާ ހައްޔަރުކުރުމަށްފަހު ޢަރީޝްގެ ވަނަވަރާއި އޭނާގެ ފޮޓޯ ހާމަކުރެއްވުމާއެކު އޭނާއާ ގުޅޭ ބައެއް މަޢުލޫމާތުވެސް ފުލުހުން ޢާންމުކުރައްވާފައިވެއެވެ. އެގޮތުން ފުލުހުން ވިދާޅުވެފައިވަނީ ޢަރީޝަކީ 26 ކުށެއްގެ ރެކޯޑު އޮތް މީހެއް ކަމަށެވެ.
އޭނާގެ ކުށުގެ ރެކޯޑުގައި ހިމެނޭ ކަންކަމުގެ ތެރޭގައި މާރާމާރީގެ 15 މައްސަލައަކާއި، މަސްތުވާތަކެތީގެ ހަ މައްސަލައެއްގެ އިތުރަށް ތޫނު ހަތިޔާރު ގެންގުޅުމުގެ ދެ މައްސަލައަކާއި މުދަލަށް ގެއްލުންދިނުމުގެ ހަ މައްސަލައެއް ހިމެނޭކަމަށް ފުލުހުން ވިދާޅުވިއެވެ.
ސައިކަލެއްގައި ދިޔަ ދެ މީހަކު މި މަހުގެ ހަތަރުވަނަ ދުވަހުގެ ރޭ އައިޖީއެމްއެޗް ކައިރީގައި މަގުމަތީގައި ހުރި މީހަކަށް މަރުތޭލަކުން ޙަމަލާދިނުމަށްފަހު އެ ތަނަށް ފުލުހެއް އައުމުގެ ކުރިން ސައިކަލު ދޫކޮށްލުމަށްފަހު ދުވެ ފިލާފައިވެއެވެ. މަރުތޭލުން ޙަމަލާދިންކަމަށްވަނީ ސައިކަލުގެ ފަހަތުގައި އިން މީހާއެވެ.