ENGLISH
07 ޖުލައި 2025
އިހުމާލަށް ޙައްލެއް؛ ސްޓޭންޑާޑް ޓްރީޓްމެންޓް ގައިޑްލައިންތައް ހެލްތު މިނިސްޓްރީން ތަޢާރަފް ކުރަނީ
13 ފެބްރުއަރީ 2025
|
މިނިސްޓަރ އަބްދުﷲ ނާޒިމް އެމްއެމްޓީވީގެ ބޮޑު ޚަބަރު ޕްރޮގްރާމްގައި ވާހަކަދައްކަވަނީ / ފޮޓޯ: އެމްއެމްޓީވީ
ޞިއްޙީ ނިޒާމުގައި ޚިދުމަތް ލިބޭ ފަރާތްތަކާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކުރުމަށް އެންމެ މުހިންމު އެއް ކަމަކީ ސްޓޭންޑާޑް ޓްރީޓްމެންޓް ގައިޑްލައިންތައް ތަޢާރަފްކުރުންކަން ފާހަގަކުރައްވައި، އެ ގައިޑްލައިންތައް އެކުލަވައިލައްވައި ތަޢާރަފުކުރެއްވުމުގެ މަސައްކަތް ހެލްތު މިނިސްޓްރީން ފައްޓަވާފައިވާކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީގެ ބޮޑު ޚަބަރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ، މިހާތަނަށް ދިވެހިރާއްޖޭގައި މިކަން މާ ރަނގަޅަށް ތަންފީޒުކުރެވިފައި ނެތް ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންގެވުމުގެ ދަށުން އާ ޓްރީޓްމެންޓް ގައިޑްލައިންތައް ދުނިޔޭގެ ކަމާ ބެހޭ މާހިރުންނާ، ދިވެހިރާއްޖޭގެ ތަޖުރިބާކާރު ޑޮކްޓަރުންގެ ލަފައާއެކު ދިވެހި މުޖުތަމަޢާ އެކަށޭނެ ގޮތަކަށް އެކުލަވައިލެއްވުުގެ މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.
ޞިއްޙީ ފަރުވާ ދިނުމުގައި ހިފަހައްޓަންޖެހޭ މިންގަނޑުތައް ހިމެނޭ ގައިޑްލައިންތައް އެކުލަވައިލެއްވުމާއެކު، އެ އިރުޝާދުނާމާތަކާމެދު ޞިއްޙީ ޚިދުމަތްތެރިންނާއި ފަރުވާ ހޯދާ މީހުން ހޭލުންތެރިކުރުމަށްވެސް މަސައްކަތްތަކެއް ކުރައްވަން ނިންމަވާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ މިކަމުގެ ނަތީޖާއެއްގެ ގޮތުން އިހުމާލުގެ މައްސަލަތައް މަދުވެ، އަދި ފަރުވާ ކުޑަ ކުރުމުގެ ޖާގަ ކުޑަވެގެންދާނެ ކަމަށެވެ. އަދި ރައީސް މުޢިއްޒުގެ ސިޔާސަތަކީ އެންމެ ކުޑަ ރަށުގައި ހުންނަ އެންމެ ނިކަމެތި މީހާއަށް ސިއްޙީ ޚިދުމަތް ނުލިބޭހާ ހިނދަކު ސިއްޙީ ނިޒާމް ފުރިހަމަ ނުވާނެކަމަށް ބެއްލެވުންކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.
"އެހެން ނަމަވެސް އަޅުގަނޑުމެން އެންމެން ޤަބޫލުކުރަން ޖެހޭ ހަޤީޤަތަކީ، ކުދިކުދި އާބާދީތަކުގަ ކުދިކުދި ރަށްރަށުގަ، ބޮޑެތި އޮޕަރޭޝަން ތިއޭޓާސް އެޅުމަކީ މީގެ ހައްލު ނޫންކަން، އޭގެ މުހިންމު ކަމަކީ ޕްރިވެންޓިވެ ޕްރައިމަރީ ހެލްތް ކެއަރ ނިޒާމު ވަރުގަދަކޮށް ކުދި ހެލްތް ސެންޓަރުތަކާ ބޮޑެތި ހޮސްޕިޓަލްތައް ގުޅާލެވޭ ނިޒާމް ހަރުދަނާކުރުން، " - ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް
ދިވެހިރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާކުރުމަށް ޓަކައި ކުރަން ޖެހޭ އެންމެ މުހިންމުކަމަކީ ޓެލެ މެޑިސިން ނުވަތަ ޓެކްނޮލޮޖީ އޭގެތެރޭގައި ހިމެނޭ ގޮތަށް ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި މިހާރުދަނީ ޓެލެމެޑިސިން ފުޅާކުރުމަށް މާސްޓަރ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކުރެވެމުންނެވެ. ކުރިޔަށް އޮތް ދެމަސް ދުވަހުގެ ތެރޭގައި މި ސިޔާސަތު އެކުލަވައިލައްވައި ތަންފީޒުކުރައްވަން ފައްޓަވާނެ ކަމަށް މިނިސްޓަރ އަބްދުﷲ ނާޒިމްގެ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ ބޮޑު އެއް ވަޢުދުފުޅަކީ ދިވެހިރާއްޖޭގެ ސިއްޙީ ނިޒާމަކީ ޓެކްނޮލޮޖީގެ އެހީގައި ހިންގޭ ޒަމާނީ ވަސީލަތްތަކުގެ ޒަރީޢާއިން އެކަށީގެންވާ ޚިދުމަތްތަކެއް ލިބޭ ހަރުދަނާ ނިޒާމަކަށް ބަދަލުކުރެއްވުމެވެ.