ENGLISH

07 ޖުލައި 2025

Advertisement

ޖަނަވަރީގައި ބޭރު ފައިސާއިން 125 މިލިއަން ޑޮލަރުގެ އާމްދަނީއެއް، ނިމުނު އަހަރަށްވުރެ %20.5 އިތުރު

13 ފެބްރުއަރީ 2025

|

ޝިފްޒާން އަޙްމަދު

މީރާގެ މައި އޮފީސް ހުންނަ ޢިމާރާތް، ފޮޓޯ: އަވަސް

ފާއިތުވި ޖަނަވަރީ މަހުގައި މީރާއަށް ބޭރު ފައިސާގެ އާމްދަނީގެ ގޮތުގައި 125.4 މިލިއަން ޑޮލަރު ލިބި، ނިމުނު އަހަރުގެ ޖަނަވަރީ މަހު ލިބުނު ބޭރު ފައިސާގެ އާމްދަނީއަށްވުރެ 20.5 އިންސައްތަ އިތުރު އާމްދަނީއެއް ލިބިއްޖެއެވެ. 

މީރާއިން ޢާންމުކޮށްފައިވާ އާމްދަނީގެ ހިސާބުތަކަށް ބަލާއިރު ފާއިތުވި ޖަނަވަރީ މަހުގެ ނިޔަލަށް މީރާއަށް ބޭރު ފައިސާގެ އާމްދަނީގެ ގޮތުގައި 125.4 މިލިއަން ޑޮލަރު ލިބުނުއިރު ފާއިތުވި 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ނިޔަލަށް ބޭރު ފައިސާގެ އާމްދަނީ ގޮތުގައި ލިބުނީ 104 މިލިއަން ޑޮލަރެވެ. 

އެހެންކަމުން މި އަހަރުގެ ޖަނަވަރީ މަހުގައި ފާއިތުވި އަހަރާ އަޅާބަލާއިރު 21.4 މިލިއަން ޑޮލަރު އިތުރަށް ބޭރު ފައިސާގެ އާމްދަނީގެ ގޮތުގައި ލިބުނެވެ. އެއީ 20.5 އިންސައްތަ އިތުރު ޢަދަދެކެވެ. 

ޑޮލަރުން ލިބުނު އާމްދަނީގެ ތެރެއިން 112.4 މިލިއަން ޑޮލަރަކީ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީއެވެ. ނިމުނު އަހަރުގެ ޖަނަވަރީގައި ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބުނީ 91.1 މިލިއަން ޑޮލަރެވެ. އެހެންކަމުން މި އަހަރު ޓެކުހުގެ ގޮތުގައި ލިބުނު ބޭރު ފައިސާގެ ޢަދަދު ނިމުނު އަހަށްވުރެ 23 އިންސައްތަ އިތުރެވެ. 

ޓެކުސް ނޫން ގޮތްގޮތުން 13.01 މިލިއަން ޑޮލަރު މި އަހަރުގެ ޖަނަވަރީގައި ލިބުނުއިރު ފާއިތުވި އަހަރުގެ ޖަނަވަރީގައި ޓެކުސް ނޫން ގޮތްގޮތުން ލިބިފައިވަނީ 12.9 މިލިއަން ޑޮލަރެވެ. 

ޓެކުހުގެ ގޮތުގައި އެންމެ ބޮޑު އާމްދަނީއެއް ބޭރު ފައިސާއިން ލިބުނީ ފަތުރުވެރިކަމުގެ މުދަލާއި ޚިދުމަތްތަކުން ނަގާ ޓެކުހުންނެވެ. އެގޮތުން ޓީޖީއެސްޓީގެ ގޮތުގައި މި ޖަނަވަރީ މަހު 69.1 މިލިއަން ޑޮލަރު ލިބުނެވެ. 

ޓެކުސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީގެ ތެރެއިން ޑޮލަރުން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ އެއާޕޯޓުމެންޓު ޑިވެލޮޕްމެންޓު ފީގެ ގޮތުގައެވެ. އެއާޕޯޓު ޑިވެލޮޕްމެންޓު ފީގެ ގޮތުގައި ޖަނަވަރީ މަހުގެ ނިޔަލަށް 7.4 މިލިއަން ޑޮލަރު ލިބުނެވެ. 

އޭގެ އިތުރަށް އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި 28.9 މިލިއަން ޑޮލަރު މި އަހަރުގެ ޖަނަވަރީގައި ލިބުނެވެ. އެއީ ނިމުނު އަހަރުގެ ޖަނަވަރީގައި އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި ލިބުނު 16.5 މިލިއަން ޑޮލަރަށްވުރެ 75.1 އިންސައްތަ އިތުރު ޢަދަދެކެވެ. އާމްދަނީން ނަގާ ޓެކުހުގެ ތެރޭގައި ފަރުދުންނާއި ވިޔަފާރިތަކުގެ އާމްދަނީން ނަގާ ޓެކުސް ހިމެނެއެވެ. 

ފާއިތުވި އަހަރު ޓެކުހާއި އެނޫން ގޮތްގޮތުން ދައުލަތަށް ބޭރު ފައިސާގެ އާމްދަނީގެ ގޮތުގައި އެއް ބިލިއަނަށްވުރެ ގިނަ ޑޮލަރު ލިބުނެވެ. ބޭރު ފައިސާއިން ލިބޭ އާމްދަނީ އިތުރުވީ މައިގަނޑު ގޮތެއްގައި ޓޫރިޒަމް ދާއިރާއިން ދައުލަތަށް ލިބުނު އާމްދަނީ އިތުރުވުމުގެ ސަބަބުންނެވެ. 

ނިމުނު އަހަރަކީ ރާއްޖެއަށް ރެކޯޑު ދެ މިލިއަން ފަތުރުވެރިން އައި އަހަރަށްވާއިރު މި އަހަރު 2.3 މިލިއަން ފަތުރުވެރިން ރާއްޖެއަށް އަންނާނެކަމަށް ސަރުކާރުން އަންދާޒާކުރައްވައެވެ. އެއާއެކު ބޭރު ފައިސާއިން ސަރުކާރަށް ލިބޭ އާމްދަނީވެސް އިތުރުވާނެ ކަމުގައި ބެލެވެއެވެ. 

ކިޔުންތެރިންގެ ހިޔާލު