ENGLISH
22 އޭޕްރީލު 2025
ޖަނަވަރީ މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ %48.52 އިތުރުވެއްޖެ
13 ފެބްރުއަރީ 2025
|
2024 ވަނަ އަހަރުގެ ޖެނުއަރީ މަހާ އަޅާ ބަލާއިރު މި އަހަރުގެ ޖެނުއަރީ މަހުގައި މުދަލު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ 48.52 އިންސައްތަ އިތުރުވެފައިވާކަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ހިސާބުތަކުން ދައްކައިފިއެވެ.
މީރާގެ ހިސާބުތައް ދައްކާ ގޮތުން 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި ލިބުނީ 3.58 މިލިއަން ރުފިޔާއެވެ. ނަމަވެސް 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުގައި މުދަލު ޒަކާތުގެ ގޮތުގައި 5.32 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް މިރާގެ ތަފާސްހިސާބުތަކުން ދައްކައެވެ. މިއީ ނިމިދިޔަ އަހަރާ އަޅައިބަލާއިރު 1.78 މިލިޔަން ރުފިޔާގެ އިތުރުވުމެކެވެ. އެއީ 48.52 އިންސައްތައިގެ އިތުރުވުމެކެވެ.
މިއާއެކު، މީރާގެ ހިސާބުތައް ދައްކާ ގޮތުން 2024 ވަނަ އަހަރުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި ލިބުނީ 101.9 މިލިއަން ރުފިޔާއެވެ. މިއީ މިހާތަނަށް ރާއްޖޭގައި އެންމެ ގިނައިން މުދަލު ޒަކާއި ލިބުނުފަހަރެވެ.
މިނިސްޓްރީން ފާހަގަކުރެއްވި ގޮތުގައި ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ އިތުރުވީ ފާއިތުވި އަހަރު ތެރޭގައި މޯލްޑިވްސް ޒަަކާތު ހައުސްއިން ޒަކާތާމެދު ދިވެހިން ހޭލުންތެރިކުރުމަށް ކުރެއްވި ބުރަ މަސައްކަތްތަކުގެ ސަބަބުންނެވެ.
ރާއްޖޭގެ ތަނަވަސްކަމުގެ އަހުލުވެރިން މުދަލު ޒަކާތް އަދާކުރުމަށް ދޭ އަހަންމިއްޔަތު ފާހަގަކުރައްވައި އެ ބޭފުޅުންނަށް ޝުކުރު އަދާކުރެއްވުމާއެކު މިނިސްޓްރީންވަނީ މުދަލު ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ ޝަރުޢީ އުސޫލުތަކާއި މިންގަނޑުތަކުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން ޙައްޤުވެރިންނަށް ޚަރަދުކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.