ENGLISH
22 އޭޕްރީލު 2025
މެޒޯ މުޙައްމަދުގެ މޫނު ދެއްކުމާއި ކަށުނަމާދު މިއަދު އިސްލާމީ މަރުކަޒުގައި
13 ފެބްރުއަރީ 2025
|
މުޙައްމަދު މާޖިދު (މެޒޯ)ގެ މޫނު ދެއްކުން މިއަދު މެންދުރު އެކަކުން ފެށިގެން އިސްލާމީ މަރުކަޒުގައި ކުރިއަށްދާއިރު މިއަދު އަޞްރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި އޭނާގެ މައްޗަށް ކަށުނަމާދުކުރުން އޮންނާނެއެވެ.
"އެމްއެމްޓީވީ"އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އިއްޔެގެ ހަވީރުގެ ވަގުތެއްގައި މުޙައްމަދު ނިޔާވީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށެވެ. އޭނާއަށް ފަރުވާދިނީ ހާޓް އެޓޭކެއް ޖެހިގެންކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ.
އޭނާ ނިޔާވީ އުމުރުން 59 އަހަރުގައެވެ.
މެޒޯ ބޭންޑުގެ ނަމުގައި މަޝްހޫރުވި ބޭންޑުގައި އެންމެ އިސްކޮށް މަސައްކަތްކުރެއްވި މެޒޯ މޯޑްއަކީ 1970 ގެ ކުރީ ކޮޅުން ފެށިގެން ދިވެހި މިއުޒިކު އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ ފަންނާނެކެވެ.
ވަރަށް މަދުން އަމިއްލަ ދިވެހިވަންތަ ރާގުތައް އުފެއްދި ޒަމާނެއްގައި އަމިއްލަ މިއުޒިކީ އުފެއްދުންތައް އުފެއްދެވުމުގެ ދާއިރާގައި އޭނާ ފާހަގަކޮށްލެވިގެން ގޮސްފައިވެއެވެ.
މެޒޯ އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވެސް އޭނާގެ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވިއެވެ.
މެޒޯ މުޙައްމަދަކީ ރާއްޖޭގެ މިއުޒިކު ދާއިރާއަށް ބޮޑު އިންޤިލާބީ ބަދަލެއް ގެންނެވި ފަންނާނުންގެ ޖީލުގައި ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ. ޚާއްޞަކޮށް އަމިއްލަ މިއުޒިކު އުފެއްދެވުމުގައި އޭނާއަކީ ފާހަގަކުރެވުނު ހުނަރުވެރި ފަންނާނެކެވެ.
އޭނާއަކީ މިއުޒިކު އުފެއްދެވުމުގެ އިތުރަށް ތަފާތު އިންސްޓުރޫމެންޓުތައް ކުޅުއްވި ބޭފުޅެކެވެ. އަދި ލަވަ ވިދާޅުވިވެސްމެއެވެ. އޭނާ ވަނީ 40 ލަވަ ހިމެނޭ 4 އަލްބަލެއް ނެރުއްވާފައެވެ. އެ އަލްބަމްތަކުގައި މުޅިންވެސް ހިމެނުނީ އަމިއްލަ އުފެއްދުންތަކެވެ.