ENGLISH
22 އޭޕްރީލު 2025
ވޭޕް މަނާކުރުމަށް ރައީސް ނިންމެވުމުން ޤައުމަށް އައި ހެޔޮ ބަދަލުގެ ވާހަކަ ތާރީހުގައި ލިޔާނެ: ހެލްތު މިނިސްޓަރު
12 ފެބްރުއަރީ 2025
|
އެމްއެމްޓީވީގެ ބޮޑު ޚަބަރު ޕްރޮގުރާމުގައި މިނިސްޓަރު ނާޒިމް ވާހަކަދައްކަވަނީ، ފޮޓޯ: އެމްއެމްޓީވީ
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވޭޕް މަނާކުރެއްވުމަށް ނިންމެވުމުން ޤައުމަށް އައި ހެޔޮ ބަދަލުގެ ވާހަކަ ތާރީޚުގައި ލިޔެވިގެންދާނެ ކަމަށް ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޡިމް އިބްރާހީމް ރޭ ވިދާޅުވެއްޖެ އެވެ.
އެމްއެމްޓީވީގެ ބޮޑު ޚަބަރު ޕްރޮގުރާމްގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރ ނާޡިމް ވިދާޅުވީ ރާއްޖޭގައި ވޭޕް މަނާކުރުމަކީ އިންސާނާގެ ވިސްނުމަށާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެންނަންޖެހޭ ބަދަލުގެންނަވާނެ ކަމަށް ރައީސް ޑރ. މުޢިއްޒު ވެވަޑައިގެންނެވި ވަޢުދު ފުއްދަވާކަމުގެ ހެއްކެއް ކަމަށެވެ. އަދި ވިދާޅުވީ އޭގެ ނަތީޖާ އަންނަން އޮތް ޖީލުތަކަށް ފެނިގެންދާނެ ކަމަށާއި އެކަން ފަހުގެ ތާރީޚުގައި ލިޔާނެ ކަމަށެވެ.
"އަޅުގަނޑަށް ޔަޤީން، އަޅުގަނޑު މިތާ އިނދެފަ މި ދަންނަވަނީ ދިވެހި ތާރީޚު ލިޔާ މީހުން ލިޔާނެ މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒު އެޅުއްވި ފިޔަވަޅުގެ ސަބަބުން ޤައުމަށް އައި ހެޔޮ ބަދަލުގެ ވާހަކަ. ޤައުމުގެ ޒުވާނުންގެ ދިރިއުޅުމަށް އައި ހެޔޮ ބަދަލުގެ ވާހަކަ، މުޅި ޞިއްޙީ ނިޒާމަށް އައި ހެޔޮ ބަދަލުގެ ވާހަކަ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ވޭޕް މަނާކުރުމާއި ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓުވުމަށް ރައީސް އެޅުއްވި ފިޔަވަޅުތަކަކީ އަޅުއްވަން ފަސޭހަ ފިޔަވަޅުތަކެއް ނޫން ކަމަށާއި ނަމަވެސް ގިނަ ރައްޔިތުން ތިބީ ރައީސްގެ އެ ސިޔާސަތައް ތާއީދުކޮށްގެން ކަމަށެވެ.
"ސަރުކާރެއްގެ ގޮތުގައި، ދައުލަތެއްގެ ގޮތުގައި އަޅުގަނޑުމެނަށް އޮތް ކަށަވަރުކަމަކީ ދިވެހި ރައްޔިތުން ތިބީ މި ސިޔާސަތާއެކު. މި ވިސްނުމާއިއެކު، މި ފިކުރާއެކު. މި ވަގުތު އުނދަގޫ ކަމެއް ތަހައްމަލު ކޮށްލަން ޖެހުނަސް އިރާދަކުރެއްވިއްޔާ މިކަމުގައި އަޅުގަނޑުމެން ކާމިޔާބު ހޯދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
އޭގެ އިތުރުން މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް އެންމެ އުނދަގޫ ކަމަކީ މީހުންގެ ވިސްނުމަށް ގެންނަން ޖެހޭ ބަދަލު ގެނައުން ކަމަށާއި، ބަޔަކު ޒަމާނުއްސުރެ ކުރަމުންއައި ނޭދެވޭ ކަމަކުން ދުރުކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ.
ދުނިޔޭގެ އާބާދީގެ ނިސްބަތުން އެހެން އެއްވެސް ޤައުމެއްގައި ނެތް މިންވަރަށް ރާއްޖޭގައި ވޭޕުކުރާ މީހުންގެ ޢަދަދު ދިޔައީ އިތުރުވަމުންކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެކަން މަނާކުރުމަށް ދިވެހިންގެ ގިނަ ރައްޔިތުން ދިޔައީ އެދެމުން ކަމަށެވެ. ނަމަވެސް ކުރީ ސަރުކާރުތަކުން އެކަން ދޫކޮށްލާފައި އޮތީ ދާނެ ގޮތަކަށް ދާން ކަމަށާއި އެކަން އެހަައި ބޮޑަށް ޢާންމުވި އެއް ސަބަބަކީވެސް މައްސަލައަށް އަޅައިނުލައި ދޫކޮށްލާފައި އޮތުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ދިވެހި ރައްޔިތުން، ބެލެނިވެރިން އެމީހުންގެ ތުއްތު ކުދިންނާމެދު ވިސްނާ ކޮންމެ ފަހަރަކު ރޮއެ ނަރުނައަޅާ ހިސާބުގައި އޮތް މައްސަލައެއްގެ ވާހަކަ މި ދަންނަވަނީ. އެކަމު އަޅުގަނޑު އުފައްދާ ސުވާލަކީ ދިވެހި ރައްޔިތުން މިކަމުގެ ބިރުވެރިކަމާއި ނުބައި ކަމުގެ ވާހަކަ ދައްކަމުން ދިޔައިރުވެސް ވޭތުވެދިޔަ ސަރުކާރުތަކުން މިކަމަށް ފިޔަވަޅެއް ނޭޅި، އެޅިހާ ބަތަކަށް ރިހަ ނުވަތަ އޮތް ގޮތަކަށް ދޫކޮށްލެވިފައި އޮތް ކަމެއްގެ ވާހަކަ މި ދެންނެވީ،" މިނިސްޓަރު ވިދާޅުވިއެވެ.