ENGLISH

22 އޭޕްރީލު 2025

Advertisement

ބީއެމްއެލްއިން ވިޔަފާރިތަކަށް ދޫކުރާ ފައިނޭންސިންއަށް ހެޔޮ ބަދަލުތަކެއް ގެނެސްފި

12 ފެބްރުއަރީ 2025

|

ޢަލީ ޝަހީމް

ބޭންކް އޮފް މޯލްޑިވްސް އިން ވިޔަފާރިތަކަށް ދޫކުރާ ފައިނޭންސިން ޕްރޮޑަކްޓްތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްފިއެވެ.

ބީއެމްއެލް އިން މިއަދު އާއްމުކުރި ބަޔާނުގައިވާގޮތުން، ބަދަލުތައް ގެނައީ ރިއަލް އެސްޓޭޓް ފައިނޭންސިން އާއި ގެސްޓްހައުސް ފައިނޭންސިން އަދި ވަރކިން ކެޕިޓަލް ފައިނޭންސިންއަށެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، އާ ބަދަލާއެކު ދިވެހި ވިޔަފާރިތަކަށް ބީއެމްއެލްއިން ދޭ އަޙައްމިއްޔަތުކަން ހާމަވާކަމަށެވެ.

"ވިޔަފާރިތަކަށް ބޭނުންވާ ފައިނޭންސިން ހޯދަން ފަސޭހަކޮށްދިނުމަށް ގިނަ ޝަރުތުތަކެއް ލުއިކޮށް، ބޭންކުން މިދަނީ ވިޔަފާރިތައް ކުރިއަރުވައި ވާދަވެރި މާކެޓެއްގައި ވިޔަފާރިތަކަށް ދެމިތިބެވޭނެ ފުރުޞަތު ފަހިކޮށްދެމުން" މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.

ރިއަލް އެސްޓޭޓް ފައިނޭންސިންގެ ދަށުން، އިކުއިޓީ ނުވަތަ އަމިއްލައަށް ކުރަންޖެހޭ ޚަރަދު ވަނީ %30 އިން %20 އަށް ދަށްކޮށްފައެވެ. އަދި، ފައިނޭންސް އަނބުރާ ދެއްކުމުގެ މުއްދަތު 15 އަހަރުން 20 އަހަރަށް އިތުރުކޮށްފައިވެއެވެ. އާ ބަދަލާއެކު ދިގު މުއްދަތަށް ކުއްޔަށް ހިފުމަށާއި، ކޮންޓްރެކްޓަރުންނާއި، ރިއަލް އެސްޓޭޓް ޑިވެލޮޕަރުންނާއި، ކުންފުނިތަކާއި، މުއައްސަސާތަކާއި، ރަޖިސްޓަރ ކޮށްގެން ހިންގާ އެހެނިހެން އިދާރާތަކަށްވެސް ދިގު މުއްދަތުގެ ކުލި އެގްރީމެންޓާއެކު ފައިނޭންސިން ހުށަހެޅޭނެކަމަށް ބީއެމްއެލްއިން ވިދާޅުވެފައިވެއެވެ.

ގެސްޓްހައުސް ފައިނޭންސިންއަށް ގެނައި ބަދަލުގެ ތެރޭގައި، ހުށަހަޅާ ގެސްޓްހައުސް ރަހުނުގެ ގޮތުގައި ހަމަޖައްސައި، އަލަށްފަށާ ގެސްޓްހައުސްތަކަށް %12 ރޭޓުގައި ފައިނޭންސިން ލިބޭގޮތް ހަމަޖެއްސުން ހިމެނެއެވެ. އަދި، ގެސްޓްހައުސް ހިންގާތާ ދެ އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާނަމަ %11 ގެ ރޭޓުން ފައިނޭންސިން ލިބޭގޮތް މިހާރު ވަނީ ހަމަޖައްސަވައިފައެވެ.

ބީއެމްއެލްއިން ވިދާޅުވީ ވަރކިން ކެޕިޓަލް ފައިނޭންސިންއަށް ގެނައި ބަދަލުތަކާއެކު، ވިޔަފާރިއަށް މަހެއްގެ މައްޗަށް ލިބޭ އާމްދަނީގެ 2.5 ގުނަ އިތުރަށް ފައިނޭންސިން މިހާރު ނެގޭނެ ކަމަށެވެ. އެ ޝަރުތު ލުއިކޮށްފައިވަނީ ގިނަ ވިޔަފާރިތަކަކަށް ވަރކިން ކެޕިޓަލް ފައިނޭންސިން ހަމަޖެއްސުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ކަމަށް ބީއެމްއެލްއިން ވިދާޅުވެފައިވެއެވެ.

ވިޔަފާރިތަކަށް ދޫކުރާ ފައިނޭންސިންއަށް ބީއެމްއެލްއިން ހެޔޮ ބަދަލުތަކެއް ގެނެސްފައިވާއިރު، މިމަހުގެ 10 ވަނަ ދުވަހު ބީއެމްއެލްއިން ވަނީ ގެދޮރު ގަތުމާއި ގެދޮރު އިމާރާތްކުރުމަށް ދޫކުރާ ފައިނޭންސިންއަށް ވެސް ހެޔޮ ބަދަލުތަކެއް ގެންނަވާފައެވެ. 

ކިޔުންތެރިންގެ ހިޔާލު