ENGLISH
07 ޖުލައި 2025
މަސްތުވާތަކެތީގެ 95 އިންސައްތައަށްވުރެ ގިނަ މައްސަލަ ކްރިމިނަލް ކޯޓުން މިދިޔަ އަހަރު ސާބިތުކުރި
12 ފެބްރުއަރީ 2025
|
މިދިޔަ އަހަރު ކްރިމިނަލް ކޯޓުން، މަސްތުވާތަކެތީގެ ޖުމްލަ 137 މައްސަލަ ނިންމި ކަމަށާއި، ޙުކުމްކުރި މައްސަލަތަކުގެ ތެރެއިން 95 އިންސައްތަ މައްސަލަ ސާބިތުވި ކަމަށް އެ ކޯޓުން ވިދާޅުވެއްޖެއެވެ.
ކްރިމިނަލް ކޯޓުން މިއަދު ވަނީ 2024 ވަނަ އަހަރު ނިންމާފައިވާ މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތަކުގެ ތަފާސްހިސާބު އާއްމުކޮށްފައެވެ. ކްރިމިނަލް ކޯޓުން ވިދާޅުވީ މިދިޔަ އަހަރު އެކޯޓުން މަސްތުވާތަކެތީގެ 137 މައްސަލައިގައި ގޮތް ނިންމާފައިވާ ކަމަށެވެ.
ކްރިމިނަލް ކޯޓުން މަޢުޟޫޢީ ގޮތުން ބަލައި ޙުކުމްކޮށްފައިވާ މައްސަލަތަކުގެ ތެރެއިން، ސާބިތު ނުވާކަމަށް ޙުކުމްކޮށްފައިވަނީ ހަތް މައްސަލައިގައެވެ.
"ކޯޓުން ޙުކުމްކޮށް ނިންމާފައިވާ މައްސަލަތަކުގެ ތެރެއިން 95 އިންސައްތަ އަށްވުރެ ގިނަ މައްސަލަތަކަކީ ސާބިތުވެގެން ނިންމާފައިވާ މައްސަލަތަކެއްކަން ފާހަގަކުރެވެއެވެ." ކްރިމިނަލް ކޯޓުން އާއްމުކުރި ބަޔާނުގައިވެއެވެ.
ކޯޓުން ނިންނި މަސްތުވާތަކެތީގެ މައްސަލަތަކުގެ ތެރޭގައި، މަސްތުވާތަކެތި ބޭނުންކުރާކަމަށް ޝަރީޢަތުގައި އިޢުތިރާފްވި މައްސަލަތަކާއި، ފަރުވާގެ ފުރުޞަތު ދިނުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ޑްރަގް ކޯޓަށް ހުށަހެޅުމަށްޓަކައި އަނބުރާ ގެންގޮސްފައިވާ މައްސަލަތަކާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދަޢުވާ މުރާޖަޢާކުރުމަށް ފަހު އިތުރަށް ކުރިއަށް ނުގެންދިއުމަށް ނިންމައި އަނބުރާ ގެންގޮސްފައިވާ މައްސަލަތައް ހިމެނެއެވެ.
މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށް ސާބިތުވެ މިދިޔަ އަހަރު 20 މީހަކު ވަނީ އުމުރަށް ޖަލަށްލާން ކޯޓުން ޙުކުމްކޮށްފައެވެ. އަދި، މަސްތުވާތަކެތީގެ މައްސަލަތަކުގައި 7 މީހަކު 12 އަހަރަށްވުރެ ދިގު މުއްދަތަކަށް ޖަލަށްލުމަށް ޙުކުމްކޮށްފައިވާކަމަށް ކްރިމިނަލް ކޯޓުން ވިދާޅުވެފައިވެއެވެ.
ކޯޓުން ނިންމެވި މައްސަލަތަކާއި ގުޅިގެން ޖުމްލަ 10،200،000ރ. (ދިހަ މިލިއަން ދެ ލައްކަ) ރުފިޔާއަށްވުރެ ގިނަ އަދަދެއްގެ ފައިސާ ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ދެއްކުމަށް ޝަރީޢަތުން ޙުކުމްކޮށްފައިވާކަމަށް ކްރިމިނަލް ކޯޓުން ވިދާޅުވެފައިވެއެވެ.