ENGLISH
22 އޭޕްރީލު 2025
މެޒޯ މުޙައްމަދު ނިޔާވުމުން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ
12 ފެބްރުއަރީ 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް
ރާއްޖޭގެ މަޝްހޫރު މިއުޒިކީ ފަންނާނު މުޙައްމަދު މާޖިދު (މެޒޯ މޯޑް) އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އޭނާގެ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ތަޢުޒިޔާގެ ޕޯސްޓުގައި ރައީސް ވިދާޅުވީ މެޒޯ މުޙައްމަދަކީ ފަންނާއި މުނިފޫހިފިލުވުމުގެ ދާއިރާއަށް 25 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވައި، ދިވެހި އަމިއްލަ ފަންނީ އުފެއްދުންތައް އުފެއްދެވުމުގައިވެސް މަޤުބޫލު ހުނަރުވެރިކަން ދައްކަވާފައިވާ ބޭފުޅެއް ކަމަށެވެ.
އަދި މެޒޯ މުޙައްމަދު ނިޔާވުމުގެ ހިތާމާގައި ބައިވެރިވެވަޑައިގެން މަރުޙޫމުގެ ޢާއިލާއަށް ތަޢުޒިޔާ ރައްދުކުރައްވާކަމަށް ރައީސްގެ ޕޯސްޓުގައި ވިދާޅުވިއެވެ. އަދި އޭނާއަށް މާތްﷲގެ ރުއްސެވުމާއި ފުއްސެވުން މިންވަރުކުރައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަަތުގައި ލެއްވުން އެދިވަޑައިގެން ރައީސް ދުޢާކުރައްްވާފައިވެއެވެ.
"އެމްއެމްޓީވީ"އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މުޙައްމަދު ނިޔާވީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށެވެ. އޭނާއަށް ފަރުވާދިނީ ހާޓް އެޓޭކެއް ޖެހިގެންކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ.
މެޒޯ ބޭންޑުގެ ނަމުގައި މަޝްހޫރުވި ބޭންޑުގައި އެންމެ އިސްކޮށް މަސައްކަތްކުރެއްވި މޯޑްއަކީ 1970 ގެ ކުރީ ކޮޅުން ފެށިގެން ދިވެހި މިއުޒިކު އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ ފަންނާނެކެވެ. ވަރަށް މަދުން އަމިއްލަ ދިވެހިވަންތަ ރާގުތައް އުފެއްދި ޒަމާނެއްގައި އަމިއްލަ މިއުޒިކީ އުފެއްދުންތައް އުފެއްދެވުމުގެ ދާއިރާގައި އޭނާ ފާހަގަކޮށްލެވިގެން ގޮސްފައިވެއެވެ.
މިއުޒިކުގެ ދާއިރާއަށް އޭނާ ކޮށްދެއްވި ޚިދުމަތްތަކުގެ ސަބަބުން 2010 ވަނަ އަހަރު ޕާފޯމިން އާޓްސްގެ ދާއިރާއިން ލަވަކިޔުމާއި މިއުޒިކު ކުޅުމުގެ ރޮނގުން ހިތްވަރުދިނުމުގެ ޤައުމީ އިނާމު ދިވެހި ސަރުކާރުން ދެއްވާފައިވެއެވެ.
މެޒޯ މުޙައްމަދަކީ ރާއްޖޭގެ މިއުޒިކު ދާއިރާއަށް ބޮޑު އިންޤިލާބީ ބަދަލެއް ގެންނެވި ފަންނާނުންގެ ޖީލުގައި ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ. ޚާއްޞަކޮށް އަމިއްލަ މިއުޒިކު އުފެއްދެވުމުގައި އޭނާއަކީ ފާހަގަކުރެވުނު ހުނަރުވެރި ފަންނާނެކެވެ.
އޭނާއަކީ މިއުޒިކު އުފެއްދެވުމުގެ އިތުރަށް ތަފާތު އިންސްޓުރޫމެންޓުތައް ކުޅުއްވި ބޭފުޅެކެވެ. އަދި ލަވަ ވިދާޅުވިވެސްމެއެވެ. އޭނާ ވަނީ 40 ލަވަ ހިމެނޭ 4 އަލްބަލެއް ނެރުއްވާފައެވެ. އެ އަލްބަމްތަކުގައި މުޅިންވެސް ހިމެނުނީ އަމިއްލަ އުފެއްދުންތަކެވެ.