ENGLISH

22 އޭޕްރީލު 2025

Advertisement

މިމަހުގެ 20 ވަނަ ދުވަހު މާލެ ސަރަޙައްދު ގޭބިސީތަކަށް މަސްދަޅު ކޭސް ދޫކުރަން ފަށާނެ

12 ފެބްރުއަރީ 2025

|

ޢަލީ ޝަހީމް

ރަމަޟާން މަހަށް ޚާއްޞަކޮށް ސަރުކާރުން ކޮންމެ ގޭބިސީއަކަށް ދިނުމަށް ހަމަޖެހިފައިވާ މަސްދަޅު ކޭސް، މާލެ ސަރަޙައްދުގެ ގޭބިސީތަކަށް މި މަހުގެ 20 ވަނަ ދުވަހު ދޫކުރަން ފަށާނެ ކަމަށް އެސްޓީއޯ އިން ވިދާޅުވެއްޖެއެވެ.

މާލެ ސަރަޙައްދުގައި މަސްދަޅު ކޭސް ބަހާނީ މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށެވެ. އެސްޓީއޯ އިން ވިދާޅުވީ ތާރީޚަށް އެއްވެސް ބަދަލެއް އަންނަ ނަމަ، އެކަން ކުރީބައިގައި އަންގާނެ ކަމަށެވެ.

ދެ ދަންފަޅިއަށް ބަހާލައިގެން މާލޭގެ ފަސް ސަރަޙައްދަކުން މަސްދަޅު ކޭސް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މަސްދަޅު ކޭސް ދޫކުރާނީ މެންދުރު ފަހު 2:30 އިން ހަވީރު 6:00 އަށް އަދި ރޭގަނޑު 8:30 އިން 11:00 އަށެވެ.

މާލެ ސަރަޙައްދުގެ ގޭބިސީތަކަށް މަސްދަޅު ކޭސް ދޫކުރުމަށް ހަމަޖެހިފައި ވަނީ މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުންނެވެ. އެގޮތުން މާލެ ސަރަޙައްދުން މަސްދަޅު ދޫކުރާނީ މާލެ ސިޓީ ކައުންސިލްގެ އާއްމު ޚިދުމަތްތަކާބެހޭ ބައި އަދި މިފްކޯ އޮފީސް ކޮމްޕައުންޑުންނެވެ. ވިލިމާލޭގެ ރައްޔިތުންނަށް މަސްދަޅު ކޭސް ދޫކުރުމަށް ހަމަޖެހިފައިވަނީ ވިލިމާލެ ކައުންސިލް އޮފީހުންނެވެ. ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ އުމަރު ޒާހިރު އޮފީސް ބިލްޑިންއިން ދޫކުރާއިރު، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދޫކުރުމަށް ހަމަޖެހިފައިވަނީ ހިޔާ ފްލެޓް ޓަވަރު 10 ގައި ހުންނަ ޔޫތު ސެންޓަރުން ކަމަށް އެސްޓީއޯއިން ވިދާޅުވެފައިވެއެވެ.  

ގޭބިސީތަކަށް ބެހުމަށް ހަމަޖެހިފައިވަނީ 180 ގްރާމުގެ ތެޔޮ މަސްދަޅު ކަމަށާއި، މަސްދަޅު ކޭސް ދޫކުރާނީ ހަމައެކަނި ދިވެހި ރައްޔިތުންނަށް ކަމަށް އެސްޓީއޯއިން ވިދާޅުވެފައިވެއެވެ. މަސްދަޅު ކޭސް ދޫކުރެވޭނީ ގޭގޭގެ ކަރަންޓު މީޓަރު ނަންބަރު ޗެކްކުރުމަށްފަހު، ބަލައި އަންނަ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ގުޅޭނެ ފޯނު ނަންބަރު ރެކޯޑް ކުރުމަށް ފަހުގައި ކަމަށް އެސްޓީއޯގެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.

އެސްޓީއޯގެ ބަޔާނުގައި ވިދާޅުވީ މަސްދަޅު ކޭސްތައް ބެހުމުގެ ތައްޔާރީތައް އެކުންފުނިން މިހާރު ފުރިހަމަކޮށްފައިވާ ކަމަށެވެ. އެސްޓީއޯއިން އެމަސައްކަތް ކުރިއަށްގެންދަނީ ސަރުކާރުގެ މުއައްސަސާތަކާއި، މިފްކޯ އާއި މާލެ ސިޓީ ކައުންސިލް އަދި ރަށްރަށުގެ ކައުންސިލްތަކާއެކު މަޝްވަރާކުރެވި، ގިނަ ފަރާތްތަކެއް އެއްބާރުލުމާއި އެކުގައިކަމަށް އެ ކުންފުނިން ވިދާޅުވެފައިވެއެވެ.

އެސްޓީއޯއިން ވިދާޅުވީ އަތޮޅުތެރެއަށް ފޮނުވަންޖެހޭ މަސްދަޅު ކޭސްތައް ފޮނުވުމުގެ މަސައްކަތް މިމަހުގެ 5 ވަނަ ދުވަހު ފަށާފައިވާ ކަމަށާއި، ރަށްރަށުގައި މަސްދަޅު ކޭސްތައް ބަހާނީ އެރަށެއްގެ ކައުންސިލުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު