ENGLISH
22 އޭޕްރީލު 2025
މަޝްހޫރު މިއުޒިކީ ފަންނުވެރިޔާ މެޒޯ މޯޑް ނިޔާވެއްޖެ
12 ފެބްރުއަރީ 2025
|
މެޒޯ މޯޑް، ފޮޓޯ: ގޫގްލް
ރާއްޖޭގެ މިއުޒިކުގެ ދާއިރާގައި މަޝްހޫރު މިއުޒިޝަން އަދި ލަވަކިޔުންތެރިޔާ މުޙައްމަދު މާޖިދު (މެޒޯ މޯޑް) ނިޔާވެއްޖެއެވެ.
"އެމްއެމްޓީވީ"އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މުޙައްމަދު ނިޔާވީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށެވެ. އޭނާއަށް ފަރުވާދިނީ ހާޓް އެޓޭކެއް ޖެހިގެންކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ.
މެޒޯ ބޭންޑުގެ ނަމުގައި މަޝްހޫރުވި ބޭންޑުގައި އެންމެ އިސްކޮށް މަސައްކަތްކުރެއްވި މެޒޯ މޯޑްއަކީ 1970 ގެ ކުރީ ކޮޅުން ފެށިގެން ދިވެހި މިއުޒިކު އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ ފަންނާނެކެވެ. ވަރަށް މަދުން އަމިއްލަ ދިވެހިވަންތަ ރާގުތައް އުފެއްދި ޒަމާނެއްގައި އަމިއްލަ މިއުޒިކީ އުފެއްދުންތައް އުފެއްދެވުމުގެ ދާއިރާގައި އޭނާ ފާހަގަކޮށްލެވިގެން ގޮސްފައިވެއެވެ.
މިއުޒިކުގެ ދާއިރާއަށް އޭނާ ކޮށްދެއްވި ޚިދުމަތްތަކުގެ ސަބަބުން 2010 ވަނަ އަހަރު ޕާފޯމިން އާޓްސްގެ ދާއިރާއިން ލަވަކިޔުމާއި މިއުޒިކު ކުޅުމުގެ ރޮނގުން ހިތްވަރުދިނުމުގެ ޤައުމީ އިނާމު ދިވެހި ސަރުކާރުން ދެއްވާފައިވެއެވެ.
މެޒޯ މުޙައްމަދަކީ ރާއްޖޭގެ މިއުޒިކު ދާއިރާއަށް ބޮޑު އިންޤިލާބީ ބަދަލެއް ގެންނެވި ފަންނާނުންގެ ޖީލުގައި ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ. ޚާއްޞަކޮށް އަމިއްލަ މިއުޒިކު އުފެއްދެވުމުގައި އޭނާއަކީ ފާހަގަކުރެވުނު ހުނަރުވެރި ފަންނާނެކެވެ.
އޭނާއަކީ މިއުޒިކު އުފެއްދެވުމުގެ އިތުރަށް ތަފާތު އިންސްޓުރޫމެންޓުތައް ކުޅުއްވި ބޭފުޅެކެވެ. އަދި ލަވަ ވިދާޅުވިވެސްމެއެވެ. އޭނާވަނީ 40 ލަވަ ހިމެނޭ 4 އަލްބަލެއް ނެރުއްވާފައެވެ. އެ އަލްބަމްތަކުގައި މުޅިންވެސް ހިމެނުނީ އަމިއްލަ އުފެއްދުންތަކެވެ.