ENGLISH

06 އޭޕްރީލު 2025

Advertisement

އަންދާޒާ ކުރިވަރަށްވުރެ މީރާއަށް ލިބުނު އާމްދަނީ ފަސް އިންސައްތަ އިތުރުވެއްޖެ

12 ފެބްރުއަރީ 2025

|

ޢަލީ ޝަހީމް

މިއަހަރުގެ ޖަނަވަރީ މަހު މީރާއަށް 3.34 ބިލިއަން ރުފިޔާ ލިބި، ޖަނަވަރީގައި ލިބޭނެކަމަށް އަންދާޒާކުރި މިންވަރަށްވުރެ ފަސް އިންސައްތަ އިތުރު އާމްދަނީ ލިބުނުކަން، މީރާގެ މިދިޔަ މަހުގެ ހިސާބުތަކުން ދައްކައިފިއެވެ.

މީރާއިން އާއްމުކުރި ތަފާސްހިސާބުތަކުގައި ވިދާޅުވެފައިވަނީ، ގްރީން ޓެކުހާއި، ވޯކް ޕާމިޓް ފީ، ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ އަދި ކޯޕަރޭޓް އިންކަމް ޓެކުހުން ލިބުނު އާމްދަނީ، މި އަހަރުގެ ޖަނަވަރީ މަހު ލިބޭނެކަމަށް އަންދާޒާ ކުރިވަރަށްވުރެ އިތުރު ކަމަށެވެ.

އަންދާޒާ ކުރިވަރަށްވުރެ ފަސް އިންސައްތަ އާމްދަނީ އިތުރުވި ސަބަބުތަކުގެ ތެރޭގައި ޖަނަވަރީ މަހު ރާއްޖެ އައި ފަތުރުވެރިން އިތުރުވުމާއި، ދައުލަތަށް ޓެކްސްގެ ގޮތުގައި މީގެކުރިން ލިބެންޖެހޭ ފައިސާގެ ބޮޑު އިންސައްތައެއް ޖަނަވަރީ މަހު ލިބުން ހިމެނޭކަން މީރާއިން ފާހަގަކުރައްވާފައިވެއެވެ. ޖުމްލަ އާމްދަނީގެ ތެރެއިން މިދިޔަ މަހު މީރާއަށް ލިބުނު 11 އިންސައްތައަކީ ޓެކްސްގެ ގޮތުގައި ކުރިން ލިބެންޖެހޭ ފައިސާކަން މީރާއިން ވިދާޅުވެފައިވެއެވެ.  

ދައުލަތުގެ ޓެކްސް އިދާރާއަށް ޖަނަވަރީ މަހު ބަލައިގަތް ފައިސާގެ ތެރެއިން އެންމެ ގިނައީ ޖީއެސްޓީގެ ގޮތުގައި ބަލައިގަތް ފައިސާއެވެ. އެގޮތުން ދިވެހި ރުފިޔާގެ ޖުމްލަ އަދަދުގެ ތެރެއިން، ޖީއެސްޓީގެ ގޮތުގައި 47.7 އިންސައްތަ ފައިސާ ބަލައިގަތްއިރު، އިންކަމް ޓެކްސްގެ ގޮތުގައި 35.8 އިންސައްތަ ފައިސާ ވަނީ ބަލައިގެންފައެވެ. އަދި، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 3.5 އިންސައްތަ އާއި ޑިޕަރޗަރ ޓެކްސްގެ ގޮތުގައި 3.4 އިންސައްތަ، ގްރީން ޓެކްސްގެ ގޮތުގައި 3.2 އިންސައްތަ އަދި ފަތުރުވެރިކަމުގެ ލޭންޑް ރެންޓްގެ ގޮތުގައި ދެ އިންސައްތަ ފައިސާ ބަލައިގެންފައިވެއެވެ.

މީރާގެ ރިޕޯޓުގައި ވަނީ، ޑޮލަރުގެ ގޮތުގައި 125.49 މިލިއަން މިދިޔަ މަހު އެ ކުންފުންޏަށް ލިބިފައިވާ ކަމަށެވެ. އޭގެތެރެއިން 55.1 އިންސައްތައާއެކު އެންމެ ބޮޑު ޙިއްސާއެއް ވަނީ ޓީޖީއެސްޓީއެވެ. ޑޮލަރުގެ ގޮތުގައި ދެން އެންމެ ގިނައިން ބަލައިގަތީ އިންކަމް ޓެކްސްއެވެ. އެގޮތުން، އިންކަމް ޓެކްސް ޑޮލަރުގެ ގޮތުގައި 23 އިންސައްތަ ބަލައިގަތް ކަމަށް މީރާގެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު