ENGLISH
22 އޭޕްރީލު 2025
ރާއްޖޭގައި މިހާރު މަނާކޮށްފައިވާ ވޭޕާއި އީ-ސިނގިރެޓް ބޭނުންކުރާ ނަމަ، އެ ތަކެތި އަތުލުމުގެ ބާރު ފުލުހުންނަށް ދީފިއެވެ.
މިއަދު ގެޒެޓް ކުރެވުނު ދުންފަތް ކޮންޓްރޯލްކުރުމާ ގުޅޭ ޤަވާއިދުގައި ބުނެފައިވާ ގޮތުގައި އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕް ފަދަ އާލާތްތައް ބޭނުންކުރަނިކޮށް ފެނިއްޖެ ނަމަ ނުވަތަ އަތުގައި އޮތް ނަމަ، ޤާނޫނު ތަންފީޒުކުރާ އިދާރާއަކަށް ޤާނޫނެއްގެ ދަށުން ލިބިދޭ ބާރުން ނުވަތަ ކޯޓް އަމުރެއްގެ ދަށުން ބަލައި ފާސްކުރުމުގެ ތެރޭގައި އެފަދަ އެއްޗެއް ފެނިއްޖެނަމަ އެ އެއްޗެއް، ކަމާއި ގުޅޭ ތަންފީޒީ އިދާރާގެ ބާރުގެ ދަށަށް ނެގިދާނެ ނުވަތަ އަތުލެވިދާނެއެވެ.
އެ ޤަވާއިދުގައި ބުނެފައިވަނީ ވޭޕް ބޭނުންކުރަނިކޮށް ފެނިއްޖެ ނަމަ ނުވަތަ އަތުގައި އޮތް ނަމަ އެމީހަކު 2،000 ރުފިޔާއިން ޖޫރިމަނާކޮށް، އެކަމާ ގުޅިގެން ފުލުހުން އަންގާ އެންގުމަކާ ޚިލާފު ވެއްޖެ ނަމަ 50،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ. އަދި ވިޔަފާރި ކުރާ ފަރާތެއް ނަމަ 100،000 (އެއްލައްކަ) ރުފިޔާ އިން ޖުރިމަނާ ކުރެވޭނެއެވެ.
މީގެ އިތުރުން 21 އަހަރުނުވާ މީހަކަށް ވޭޕް ވިއްކައިފިނަމަ 50،000ރ. އިން ޖޫރިމަނާ ކުރާނެ ކަމަށް ވެސް މި ޤަވާއިދުގައި ބުނެފައިވެއެވެ.