ENGLISH

22 އޭޕްރީލު 2025

Advertisement

ޚަރަދު ކުޑަކުރުމަށް ދައުލަތުގެ ކުންފުނިތަކުން މުހިއްމު ފިޔަވަޅުތަކެއް އެޅުމަށް ޕީސީބީން އަންގަވައިފި

12 ފެބްރުއަރީ 2025

|

ޝިފްޒާން އަޙްމަދު

ޕީސީބީންވަނީ ދައުލަތުގެ ވިޔަފާރިތަކުގެ ޚަރަދުތައް ކުޑަކުރުމަށް އިރުޝާދުދެއްވާފައި، ފޮޓޯ: ގޫގްލް

ދައުލަތުގެ ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ދައުލަތުގެ ވިޔަފާރިތަކުގެ ޚަރަދުތައް ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އެޅުމަށް މިއަދު ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އަންގަވަައިފިއެވެ. 

އެބޯޑުން މިއަދު ނެރުއްސި ސާކިއުލާއެއްގައި ވިދާޅުވެފައިވަނީ، ދައުލަތަށް ކުރިމަތިވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަށް ދައުލަަތުގެ ޚަރަދުތައް ހަމަމަގަށް އެޅުއްވުމަށް ސަރުކާރުން ގިނަގުނަ ފިޔަވަޅުތަކެއް އަޅުއްވަމުންދާ ކަމަށެވެ. އަދި އެ ފިޔަވަޅުތަކަށް އެއްބާރުލުންދިނުމަށާއި، ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ޙާލަތުން އަރައިގަތުމަށްޓަކައި ދައުލަތުގެ ވިޔަފާރިތަކުގެ ޚަރަދުތައް ކުޑަކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި އެ ސާކިއުލާގައި ޕީސީބީން ފާހަގަކުރެއްވިއެވެ. 

އެގޮތުން ޚަރަދު ކުޑަކުރުމަށްޓަކައި ދައުލަތުގެ ކުންފުނިތަކާއި ވިޔަފާރިތަކުން މިއަދުން ފެށިގެން ޚާއްޞަ ފިޔަވަޅުތަކެއް ތަންފީޒުކުރުމަށް ޕީސީބީން އިރުޝާދު ދެއްވާފައިވެއެވެ. 

ދަތުރު ޚަރަދުތައް ކުޑަކުރުމުގެ ގޮތުން؛ 

ރާއްޖެއިން ބޭރަށާއި އަތޮޅުތެރެއަށް ކޮންމެހެން ކުރަންޖެހޭ ރަސްމީ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ކުރުން ހުއްޓައިލުމާއެކު، ރާއްޖެއިން ބޭރަށްކުރާ ދަތުރުތައް މަދުކޮށް، ބައިނަލްއަޤުވާމީ ކަސްޓަމަރުންނާއި ސަޕްލަޔަރުންނާ އޮންލައިންކޮށް ބައްދަލުކުރަން އަންގަވާފައިވެއެވެ. 

އަދި ރާއްޖެއިން ބޭރަށް ކޮންމެހެން ކުރާ ރަސްމީ ދަތުރުތަކުގައިވެސް ފަސްޓު ކްލާސް އަދި ބިޒްނަސް ކުލާހުގައި ދަތުރުނުކުރުމަށާއި، ދަތުރުގެ ހުރިހާ ޚަރަދެއް ބޭރުގެ ފަރާތްތަކުން ދޭ ދަތުރުތަކުގައި ކުންފުނިން ކުރާ ޚަރަދުތައް ކުޑަކުރުމަށްވެސް އިރުޝާދުދެއްވާފައިވެއެވެ. 

އިތުރަށް ޕީސީބީން އަންގަވާފައިވަނީ އެތެރޭގެ ދަތުރުތަކުގެ ތެރެއިން ފެރީގެ ޚިދުމަތް ލިބޭ ސަރަހައްދުތަކުގައި ކުރަންޖެހޭ ދަތުރުތައް ފެރީ މެދުވެރިކޮށް ކުރުމަށާއި، އަތޮޅުތެރެއަށް ކުރާ ރަސްމީ ދަތުރުތަކުގައި ކެއުމާއި ބުއިމުގެ ޚަރަދުތައް އެންމެ ކުޑަވާނެ ގޮތަކަށް ދަތުރުތަކުގެ އިންތިޒާމުތައް ހަމަޖެއްސުމާއެކު، ކުންފުންޏަށް ސީދާ ފައިދާވާ މަހާސިންތާތަކާއި ފެއާތަކުގައި ނޫނީ ބައިރިނުވުމަށެވެ. 

މުވައްޒަފުންގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން؛ 

ކުންފުނީގެ އޮނިގަނޑުގައި ހިމެނުނު ނަމަވެސް ކުންފުނީގެ ހިންގުމަށް ކޮންމެހެން ބޭނުންނުވާ މުވައްޒަފުން އެ މަޤާމުތަކަށް ނުނެގުމަށް އެންގެވުމާއެކު، އެ ބޯޑުން އެކުލަވައިލައްވައި ޢާންމުކުރައްވާފައިވާ ގައިޑްލައިނާ އެއްގޮތަށް ނޫނީ މުވައްޒަފުންގެ މުސާރައާއި ޢިނާޔަތްތަކަށް ބަދަލު ނުގެންނެވުމަށް އިރުޝާދު ދެއްވާފައިވެއެވެ. އަދި ޑޮލަރުން އާމްދަނީ ލިބޭ ދައުލަތުގެ ވިޔަފާރިތަކުން ޑޮލަރުން މުސާރަ ނުދިނުމަށްވެސް އަންގަވާފައިވެއެވެ.

ޕީސީބީން އެދިވަޑައިގެންފައިވަނީ ކުންފުނިތަކުގެ މަސައްކަތް ރަސްމީ ގަނޑީގައި ނިމޭނެ ގޮތަށް މަސައްކަތް ތަރުތީބުކޮށް، ރަސްމީ ގަޑީގެ ބޭރުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ނޫނީ އިތުރުގަޑީގައި ނުކުރުމަށެވެ. އަދި ތަމްރީނުތަކުގައި ތަނުގެ މުވައްޒަފުން ބޭނުންކުރުމާއެކު ރާއްޖެއިން ލިބެންހުރި ވަސީލަތްތައް ބޭނުންކުރުމަށް އަންގަވާފައިވެއެވެ. 

ކޮންމެހެން ވަގުތުން ވަގުތަށް ނިންމަންޖެހޭ މަސައްކަތެއް ނޫނީ ކުންފުނިން ބޭރު ބަޔަކާ ހަވާލުކޮށްގެން ނުވާނެ ކަމަށާއި، މަސައްކަތެއް ނެތި އެއްވެސް ޑިޕާޓުމެންޓެއްގެ މުވައްޒަފުން ތިބިނަމަ އިތުރު މުވައްޒަފުން ވަޒީފާއަށް ނުނަގައި، އެފަދަ މުވައްޒަފުން ކުންފުނީގެ އެހެނިހެން މަސައްކަތްތަކުގައި ބޭނުންކުރަންވާނެ ކަމުގައި ޕީސީބީން އަންގަވާފައިވެއެވެ. 

އެހެނިހެން ޚަރަދުތައް ކުޑަކުރުމުގެ ގޮތުން؛ 

ކުންފުނީގެ ހިންގުމުގައި އިއާދަކުރަނަވި ހަކަތަ ބޭނުންކުރެވެން އޮތްނަމަ ވީއެންމެ ފުޅާ ދާއިރާއެއްގައި އެކަންކުރުމާއި ކަރަންޓުގެ ޚަރަދު ކުޑަކުރުމަށް ޕީސީބީން އަންގަވާފައިވެއެވެ. އަދި ކަރުދާހާއި ސްޓޭޝަނަރީސްއަށް ކުރާ ޚަރަދުތައް ކުޑަކޮށް، އެކި ޙަރަކާތްތަކުގައި ރިފްރެޝްމެންޓުތަކަށް ކުރާ ޚަރަދުތަކާއި، އަހަރީ ޕްރޮކިއުމެންޓު ޕްލޭނާއި ބަޖެޓާ އެއްގޮތަށް ޕްރޮކިއުމެންޓުތައް ހިންގުމަށްވެސް އިރޝާދު ދެއްވާފައިވެއެވެ. ސީއެސްއާރުއާއި ސްޕޮންސާޝިޕު ދިނުމުގައި ޚަރަދު ކުޑަވާނެ ގޮތަށް ޢަމަލުކުރުމަށާއި، އަހަރީ ބަޖެޓުގައި ހިމެނޭ ކަންކަމުގެ ތެރެއިންވެސް ކޮންމެހެން ކުރަންނުޖެހޭ ކަންކަން ނުކުރުމަށް ޕީސީބީން އަންގަވާފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު