ENGLISH

07 ޖުލައި 2025

Advertisement

އައްޑޫގައި ރަހީނުކޮށް އަނިޔާ ލިބުނު މީހަކު ފުލުހުން ސަލާމަތްކޮށްފި

11 ފެބްރުއަރީ 2025

|

އާމިނަތު މައިހާ

އައްޑޫ ސިޓީ / ފޮޓޯ: ޓްރެވެލްޓްރޭޑް.އެމްވީ

އައްޑޫ ސިޓީ ހިތަދޫގައި ރަހީނުކޮށް އަނިޔާ ލިބުނު މީހަކު ފުލުހުން ސަލާމަތްކުރައްވައިފިއެވެ. 

ފުލުހުން މީޑިއާތަކާ ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ ރޭ ދަންވަރު 01:35 ހާއިރު ސ. ހިތަދޫ މައިލޯ ދަނޑު ސަރަހައްދު ކައިރީ ޕެޓްރޯލްކުރަމުން ދަނިކޮށް، އެ ސަރަހައްދުގައި ތިބި ބަޔަކު ދުވެ ފިލަން މަސައްކަތްކުރި މަންޒަރު ފެނިފައިވާ ކަމަށެވެ.

މި މަންޒަރު ފެނުމާއެކު ފުލުހުން އިތުރަށް ބެލިބެލުމުން އެ ސަރަހައްދުގައި ހުރި ޖޯއްޔެއްގައި މީހަކު ބަނދެފައި ވަނިކޮށް ފެނިފައިވެއެވެ. ފުލުހުން ވިދާޅުވީ އޭނާގެ ބޮލުން އެއްބައި ބާލައި އަނިޔާކޮށްފައި ހުރި ކަމަށެވެ. އަދި އަނިޔާ ލިބިފައި ވަނިކޮށް ފެނިފައި ވަނީ 37 އަހަރުގެ ފިރިހެނެއް ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ. 

މެސެޖުގައި ފުލުހުން އިތުރަށް ވިދާޅުވީ މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ 20 އަހަރުގެ ދެ މީހުންނާއި 21 އަހަރުގެ މީހަކާއި، 22 އަހަރުގެ މީހަކާއި 15 އަހަރުގެ ކުޑަކުއްޖެއް ކަމަށެވެ.  މި މީހުންގެ ވަނަވަރު ހާމަނުކުރައްވައެވެ. 

އަދި މިފަދަ މައްސަލަތަކުގައި ޝާމިލުވާ ކުޑަކުދިންގެ މަޢުލޫމާތަކީ އެކުދިންގެ ޝަޚުޞިއްޔަތު ރައްކާތެރިކުރުމަށްޓަކައި އަބަދުވެސް ސިއްރުކުރާ މަޢުލޫމާތެވެ. 

މީގެ ކުރިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިޔާ ފުލެޓެއްގެ ތެރޭގައި މީހަކު ރަހީނުކޮށްގެން ގެންގުޅޭކަމަށް މަޢުލޫމާތު ލިބުމާ ގުޅިގެން ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި އެމީހާ ސަލާމަތްކޮށް އޭނާ ރަހީނުކުރިކަމަށް ތުހުމަަތުވާ މީހުން އަތުލައިގަނެފައިވެއެވެ. 

އޭގެ ދުވަސްކޮޅެއް ކުރިން މާލޭގެ ގެއެއްގައި މީހަކު ރަހީނުކޮށް ހައްޔަރުކޮށް އޭނާއަށް އަނިޔާކޮށް އިނގިއްޔެއް ބުރިކުރި މައްސަލައެއް ފެންމަތިވިއެވެ. 

މިފަދަ މައްސަލަތައް ބަލައި ތަޙުޤީޤުކޮށް މައްސަލަތައް ޙައްލުކުރުމަށް ފުލުހުންގެ ޚިދުމަތުން ގެންދަވަނީ ޚާއްޞަ އިސްކަމެއް ދެއްވައިގެން ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ފުލުހުންގެ ތަފާސްހިސާބުތަކުން ފެންނަ ގޮތުގައި މާލެއާއި އަތޮޅު ތެރޭގައި ފުލުހުން ޙަަރަކާތްތެރިވާ މިންވަރު އިތުރުކުރުމުގެ ސަބަބުން މިފަދަ ޙާދިސާތައް ހިނގާ މިންވަރު މަދުވެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު