ENGLISH

07 ޖުލައި 2025

Advertisement

ޑޮލަރު މާރުކުރިވަރު އަންދާޒާއަށްވުރެ އިތުރުވެ ޔޫޒަބަލް ރިޒާވް 105 އިންސައްތަ މައްޗަށް

11 ފެބްރުއަރީ 2025

|

ޝިފްޒާން އަޙްމަދު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، ފޮޓޯ: އަވަސް

ފާއިތުވި އަހަރުގެ އޮކްޓޯބަރު މަހުގައި ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން ބޭންކިން ނިޒާމަށް މާރުކުރާނެކަމަށް އަންދާޒާކުރި ޢަދަދަށްވުރެ އިތުރަށް ބޭންކުތަކަށް ޑޮލަރު މާރުކުރުމާއެކު، ދައުލަތުގެ ރަސްމީ ރިޒާވް ތިޔާގިވެ، ބޭނުންކުރެވޭ ރިޒާވް 116 މިލިއަން ޑޮލަރަށް އަރައިފިއެވެ. 

މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން މީޑިޔާއަށް ކުރިން މަޢުލޫމާތު ދެއްވި ގޮތުގައި އޮކްޓޯބަރު މަހު ވިޔަފާރިތަކަށް ލިބުނު ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން މި އަހަރުގެ ޖަނަވަރީ މަހުގެ ނިޔަލަށް މާރުކުރާނެ ކަމަށް އެއިރު ބެލެވުނީ 40 މިލިއަން ޑޮލަރެވެ. 

ނަމަވެސް މިއަދު މީޑިޔާއަށް މަޢުލޫމާތުދެއްވަމުން އެ އޮތޯރިޓީން ވިދާޅުވެފައިވަނީ ޖަނަވަރީ މަހުގެ ނިޔަލަށް 50 މިލިއަން ޑޮލަރު ބޭންކިން ނިޒާމަށް މާރުކޮށްފައިވެއެވެ. 

ބޭންކިން ނިޒާމަށް މާރުކުރި ޑޮލަރު އިތުރުވުމުގެ އިތުރަށް ސަރުކާރުން ޖަނަވަރީ މަހު ލިބުނު ބޭރު ފައިސާގެ އާމްދަނީވެސް ޑިސެންބަރު މަހަށްވުރެ އިތުރުވިއެވެ. އެގޮތުން ޑިސެންބަރު މަހާ އަޅާބަލާއިރު %12 އިތުރަށް ސަރުކާރަށް ބޭރު ފައިސާއިން އާމްދަނީ ލިބުނުކަމަށް މަރުކަޒީ ބޭންކުން ވިދާޅުވިއެވެ. 

އަދި ޖަނަވަރީ މަހުގައި ބޭރު ފައިސާއިން ޚަރަަދުކުރަންޖެހުނު މިންވަރަށްވުރެ ބޭރު ފައިސާއިން ލިބުނު އާމްދަނީ އިތުރުވިއެވެ. މި ހުރިހާ ކަމެއްގެ ސަބަބުން ޖަނަވަރީ މަސް ނިމުނުއިރު ދައުލަތުގެ ރަސްމީ ރިޒާވް އެސެޓުގެ ގޮތުގައި 708.1 މިލިއަން ޑޮލަރު ހުއްޓެވެ. އެއީ ޑިސެންބަރު މަހަށްވުރެ %5 އިތުރު ޢަދަދެކެެވެ. 

ރަސްމީ ރިޒާވް އެސެޓުތައް 708.1 މިލިއަން ޑޮލަރަށް އަރާފައިވާއިރު، ރަސްމީ ރިޒާވް އެސެޓުތަކުގެ ތެރޭގައި ނުހިމެނޭ ސެކިއުރިޓީސްއާއި ދިވެހިރާއެްޖޭގެ ބޭންކުތަކުގައި އެމްއެމްއޭއިން އިންވެސްޓުކޮށްފައިވާ ބޭރު ފައިސާ ހިމެނޭ ގޮތަށް އެހެނިހެން ބޭރު ފައިސާގެ އެސެޓުތަކުގެ ގޮތުގައި 149.1 މިލިއަން ޑޮލަރު ހުއްޓެވެ. 

އެހެންކަމުން ޖުމްލަ ރިޒާވްގެ ގޮތުގައި 857.2 މިލިއަން ޑޮލަރު މަރުކަޒީ ބޭންކުގެ ހިސާބުތަކުން ދައްކައެވެ. އެ ފައިސާއިން ކުރު މުއްދަތުގައި އަދާކުރަންޖެހޭ ބޭރު ފައިސާގެ މާލީ އިލްތިޒާމުތައް އުނިކުރުމުން ބޭނުންކުރެވޭ ރިޒާވްގެ ގޮތުގައި 116 މިލިއަން ޑޮލަރު ހުރިކަން ހިސާބުތަކުން ދައްކައެވެ. 

ޑިސެންބަރު މަހުގެ ނިޔަލަށް ބޭނުންކުރެވޭ ރިޒާވްގެ ގޮތުގައި ހުރީ 56.4 މިލިއަން ޑޮލަރެވެ. އެހެންކަމުން ޖަނަވަރީގެ ނިޔަލަށް ބޭނުންކުރެވޭ ރިޒާވް 105 އިންސައްތަ އިތުރުވެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު