ENGLISH
22 އޭޕްރީލު 2025
ސަރުކާރުން ޓެކްސީގެ ޚިދުމަތް ދޭކަށް ނޫޅޭ: ފަލާހު
10 ފެބްރުއަރީ 2025
|
ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހު އިބްރާހީމްފަލާހު
މި ސަރުކާރުން ޓެކްސީގެ ޚިދުމަތް ދޭން ފަށަން ނޫޅޭ ކަމަށް ސަރުކާރު ހިންގާ މައި ޕާޓީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެ އެވެ.
ފަލާހު މިގޮތަށް ވިދާޅުވީ، ޓެކްސީ ޑްރައިވަރުން މިފަހުން ކުރި އިހުތިޖާޖްތަކާއި ގުޅިގެން އިދިކޮޅު އެމްޑީޕީން މިއަދުގެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައަށް ބަހުސްކުރައްވަމުންނެވެ. ސަރުކާރުން ޓެކްސީގެ ޚިދުމަތް ދޭން ފެށުމަކީ ޑްރައިވަރުންގެ ބޮޑު ކަންބޮޑުވުމެކެވެ.
މެޖޯރިޓީ ލީޑަރު ފަލާހު ވިދާޅުވި ގޮތުގައި ޓެކްސީ ޑްރައިވަރުންގެ މައްސަލަތައް ބޮއްސުންލައިގެން ދިޔައީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން އެކަމާ މެދު އިހުމާލުވެ އެ ޑްރައިވަރުން "ނިކަމެތި" ކޮށްލުމުން ކަމަށެވެ. ފަލާހު ވިދާޅުވީ، އެކަން ޓެކްސީ ޑްރައިވަރުން ވެސް ގަބޫލުކުރައްވާ ކަމަށެވެ. މިދިޔަ ސަރުކާރާއި ދެކޮޅަށް އެންމެ ބޮޑަށް އަޑުއުފުލި އެއް ބަޔަކީ ވެސް ފަލާހު ވިދާޅުވި ގޮތުގައި، ޓެކްސީ ޑްރައިވަރުން ނެވެ.
"އެނގިވަޑައިގަންނަވާނެ 2023 ގެ ރިޔާސީ އިންތިޚާބުގައި ރާއްޖޭގެ ޓެކްސީ ޑްރައިވަރުން ތިބީ ކިހިނެއްކަން. 5 އަހަރު ވެރިކަމެއް ކުރަމުން އައިސް ދެން 2023 މިއައީ. އައިއިރުގައި ޓެކްސީ ޑްރައިވަރުން އެންމެ ބޮޑަށް އެމްޑީޕީ ސަރުކާރު ބަދަލުކުރަން މަސައްކަތް ކުރީ، ކިހާ ރަނގަޅަކަށް ޓެކްސީ ޑްރައިވަރުންނާ މެދު އަމަލުކުރީމަތޯ ރައީސް މިހެން ދިމާވާނީ"
އެހެންނަމަވެސް، ކުރީ ސަރުކާރާ ޚިލާފަށް ރައިސުލްހުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ފަލާހު ވިދާޅުވި ގޮތުގައި، ޓެކްސީ ޑްރައިވަރުންނަށް ދިމާވާ ގޮންޖެހުންތައް ހައްލުކޮށް، މަސައްކަތް ކުރެވޭނެ ފަހި މާހައުލެއް ގާއިމުކުރެއްވުމަށެވެ. އަދި މި ސަރުކާރުން ޓެކްސީގެ ޚިދުމަތްދޭން ނޫޅުއްވާ ކަމަށް ވެސް ވިދާޅުވި އެވެ.
ސަރުކާރުން ޓެކްސީގެ ޚިދުމަތް ދޭން ނޫޅުއްވާ ކަމަށް ފަލާހު ވިދާޅުވި އިރު ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވަނީ ސަރުކާރުން ޓެކްސީ ލައިނެއްގެ ޚިދުމަތް ދޭން ފަށަން ނިންމާފައިވާކަން މިދިޔަ ޖުލައި މަހު އިއުލާނުކުރައްވާފަ އެވެ.