ENGLISH
22 އޭޕްރީލު 2025
ސްޓެލްކޯގެ ޓްރާންސްފޯމަރަކުން ވައްކަންކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި
30 ޖެނުއަރީ 2025
|
ސްޓެލްކޯގެ މައި އިމާރާތް، ފޮޓޯ: ސްޓެލްކޯ
މާފަންނު މަދުރަސާ ސަރަހައްދުގައި ހުރި ޓްރާންސްފޯމަރަކުން ވައްކަންކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.
މިއަދު ސްޓެލްކޯއިން މީސްމީޑިޔާ މަންސަތަކުގައި ޝާއިއުކުރި ޕޯސްޓުގައި ބުނެފައިވާ ގޮތުން މާފަންނު މަދުރަސާ ސަރަހައްދުގައި ހުރި ސްޓެލްކޯގެ ޓްރާންސްފޯމަރު އެތެރެއަށް ވަދެ ވައްކަންކުރަން އުޅުނު މީހަކު އަތުލައިގަނެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.
އެމީހާ ހައްޔަރުކޮށްފައިވަނީ ސަބްސްޓޭޝަނުގައި ހުރި ކެމެރާއިން އޭނާ ފެނުމާ ގުޅިގެން، އެކަން ފުލުހުންނަށް ސްޓެލްކޯއިން އެންގުމުންނެވެ.
މާލޭގައި ހުރި ސަބްސްޓޭޝަންތައް 24 ގަޑިއިރު ކެމެރާއިން މޮނީޓާކޮށް ބަލަހައްޓަމުންދިޔަ ނަމަވެސް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ސަބްސްޓޭޝަންތައް ރައްކާތެރިކޮށް މޮނީޓާކޮށް އެތަންތަނުން ވައްކަންކުރުން ހުއްޓުވުމަށް އާންމުންގެ އެހީތެރިކަން ބޭނުންވާކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.
އަދި ސަަބްސްޓޭޝަންތައް ފަޅާލައިގެން ޓްރާންސްފޯމަރުތަކުން ވައްކަންކުރުމަކީ ނުރައްކާތެރިކަމެއްކަމާއި، އެފަދަ ކަންކަން ކުރާ މީހުންގެ ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު އޮތްކަން ފާހަގަކޮށް ސްޓެލްކޯއިންވަނީ އެފަދަ އަމަލުތައް ހިންގުމާ ދުރުހެލިވުމަށް އިލްތިމާސްކޮށްފައެވެ.
ސަބްސްޓޭޝަންތަކާއި ޓްރާންސްފޯމަރުތަކުން ވައްކަންކޮށްގެން ހޯދާ މުދާ ގަނެ އެތަކެތިން ވިޔަފާރިކުރާ ފަރާތްތަތައް ހޯދައި އެމީހުންނާމެދު ޤާނޫނީ ފިޔަވަަޅުއެޅުމަށް އެ ކުންފުނިން ކަމާ ބެހޭ އިދާރާތަކަށް އިލްތިމާސްކުރިއެވެ.
އަަދި ސްޓެލްކޯއިން ފާހަގަކުރި ގޮތުގައި މިފަދަ ތަންތަނުން ވައްކަންކުރުމުގެ ސަބަބުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތަކަށް ބުރޫއަރައި އެ ރައްޔިތުންނަށް ދަތިތައް ކުރިމަތިވެއެވެ.