ENGLISH
22 އޭޕްރީލު 2025
ޒަކާތުގެ ޙައްޤުވެރިންނަށް ލިބޭ ފައިދާ އިތުރުކުރުމަށް ޒަކާތު ހައުސްގެ އިމާރާތެއް ބިނާކުރައްވަނީ
30 ޖެނުއަރީ 2025
|
އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ފޮޓޯ: މިހާރު
މުދަލު ޒަކާތުގެ މަންފާ އިތުރުކޮށް ޒަކާތުގެ ޙައްޤުވެރިންނަށް ލިބޭ ފައިދާ އިތުރުކުރުމުގެ ގޮތުން ޒަކާތު ހައުސްގެ ޢިމާރާތެއް ބިނާކުރެއްވުމަށް ސަރުކާރުން ނިންމަވައިފިއެވެ.
އިސްލާމިކް މިނިސްޓަރ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ އުންމީދަކީ ޒަކާތު ހައުސްގެ އައު ޢިމާރާތުގެ ޢަމަލީ މަސައްކަތް މި އަހަރު ތެރޭގައި ފެށުމެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ޒަަކާތު ހައުސްގެ ޢިމާރާތުގެ ގޮތުގައި ބިނާކުރައްވަން ނިންމަވާފައިވަނީ 10 ބުރީގެ ޢިމާރާތެކެވެ.
އެ ޢިމާރާތުގެ މަސައްކަތް ނިމުމުން އެ ޢިމާރާތުން ލިބޭ މަންފާ ބައްސަވާނީ ޒަކާތުގެ ޙައްޤުވެރިންގެ މެދުގައި ކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.
ޒަކާތުގެ ކަންކަން ހިންގައި ޒަކާތުގެ މަންފާ އިތުރުކޮށް، އިޖުތިމާޢީ-އިޤުތިޞާދީ ގޮތުން ޒަކާތުގެ ދައުރު ފުޅާކުރުމަށް ސަރުކާރުންވަނީ ޒަކާތު ހައުސްގެ ނަމުގައި ޚާއްޞަ އިދާރާއެއް ޤާއިމުކުރައްވާފައެވެ. މި އިދާރާއިން އަންނަނީ މުދަލު ޒަކާތާމެދު ހޭލުންތެރިކަން އިތުރުކޮށް ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ އޭގެ ބެހެނިވެރިންނަށް އެންމެ އެކަށީގެންވާ ގޮތުގައި ފޯރުކޮށްދިނުމަށް ގިނަގުނަ މަސައްކަތްތައް ކުރަމުންނެވެ.
ޒަކާތުގެ މަންފާ އިތުރުކުރުމަށް އަޅާ ދިހަ ބުރީގެ ޢިމާރާތުގައި ޒަކާތު ހައުސްގެ އޮފީހުގެ އިތުރަށް އެހެނިހެން އޮފީސް ހިންގުމަށް ކުއްޔަށް ދޫކުރާނެ ޖާގަ ހުންނާނެއެވެ. އެ ޢިމާރާތުން ޒަކާތު ހައުސްއަށް އާމްދަނީ ލިބޭނެ ގޮތަކީ އެތަން ކުއްޔަށް ދިނުމެވެ.
ޒަކާތު ހައުސްއަކީ ރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރެއްވުމަށް ރައީސް ޑރ.މުޢިއްޒު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންނެވި ވަޢުދުފުޅު ފުއްދެވުމުގެ ގޮތުން އުފެއްދެވި އިދާރާއެކެވެ. އަދި އެ ވަޢުދުފުޅުގެ ދަށުން ޒަކާތާ ބެހޭ ޤާނޫނެއް އެކުލަވައިލެއްވުމުގެ މަސައްކަތް ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ.
އަލަށް ޤާއިމުކުރެވުނު ޒަކާތު ހައުސްގެ ޒިންމާތަކުގެ ތެރޭގައި ޒަކާތުގެ ފައިދާ އިތުރުކޮށް ޙައްޤުވެރިންނަށް ލިބޭ މަންފާ ދެމެހެއްޓެނެވި ގޮތެއްގައި ލިބެމުންދާކަން ކަށަވަރުކުރުމަށްޓަކައި ޒަކާތު ފަންޑުން އިންވެސްޓުކުރާނެ ގޮތުގެ އަސާާސީ އޮނިގަނޑުތައް އެކުލަވައިލާ ޢާންމުކުރުން ހިމެނެއެވެ.
ޒަކާތުގެ ފައިސާ ކުރިން ބޭނުންކުރަމުން އައިސްފައިވަނީ އެކަށީގެންވާ އިދާރީ އިންތިޒާމުތަކެއް އަދި ހަރުދަނާ ސިޔާސަތުތަކެއް ނެތިއެވެ.