ENGLISH
22 އޭޕްރީލު 2025
ޤައުމީ ޤުރުއާން މުބާރާތަށް ދައުލަތުން ޚަރަދުކުރައްވާ ގޮތަށް ނިންމަވައިފި
30 ޖެނުއަރީ 2025
|
ދިވެހިރާއްޖޭގެ ޤައުމީ ޤުރުއާން މުބާރާތުގެ އެންމެހައި ޚަރަދުތައް ދައުލަތުން ހަމަޖައްސަަވާ ގޮތަށް ސަރުކާރުން ނިންމަަވައިފިއެވެ.
އިސްލާމިކް މިނިސްޓަރ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވި ގޮތުގައި މިހާތަނަށް ޤައުމީ ޤުރުއާން މުބާރާތް ބާއްވަވަމުން އައިސްފައިވަނީ ހެޔޮ އެދިވަޑައިގަންނަވާ ތަނަވަސްކަމުގެ އަހުލުވެރިން އަމިއްލަ ގޮތުން ދެއްވާ ފައިސާއިން ބޮޑު ހޭދައެއް ކުރައްވައިގެންނެވެ.
ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ކީރިތި ޤުރުއާނަށް ދެއްވާ ޚާއްޞަ އިސްކަމުގެ ދަށުން، މި އަހަރުން ފެށިގެން ޤައުމީ ޤުރުއާން މުބާރާތުގެ އެންމެހައި ޚަރަދުތަކެއް ދައުލަތުގެ ބަޖެޓުން ހަމަޖައްސަވަން ނިންމަވާފައިވާކަމަށް ޝަހީމު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވި ގޮތުގައި މި އަހަރު ބާއްވާ 37 ވަނަ ޤައުމީ ޤުރުއާން މުބާރާތް ދައުލަތުގެ ޚަރަދުގައި ބޭއްވެވުމަށް ބޭނުންވާ ހުރިހާ ފައިސާއެއް 2025 ވަނަ އަހަރަަށް ފާސްކުރި ދައުލަތުގެ ބަޖެޓުގައި ސަރުކާރުންވަނީ ހިމަނުއްވާފައެވެ.
ފާއިތުވި އަހަރު ބޭއްވި 36 ވަނަ ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ގޮފިން އެއްވަނަ ހޯދާފައިވަނީ ކެލާ ޔޫތު ފޯރަމުގެ ފަރާތުން މުބާރާތުގައި ބައިވެރިވި ޔަޢީޝް މުޙައްމަދު ނިޔާޒެވެ.
އަދި އެ މުބާރާތުގައި ނުބަލައި ކިޔެވުމުގެ ގޮފިން އެއްވަނަ ހޯދީ ތާޖުއްދީން ސުކޫލުގެ ދަރިވަރު ޢާއިޝަތު ޝައިބާ އަޙްމަދެވެ.