ENGLISH
22 އޭޕްރީލު 2025
ހޯރަފުށީގައި ކުޑަކުދިންނަށް ހާއްސަ ހާފްވޭ ހައުސްއެއް ހުޅުވައިދެއްވައިފި
30 ޖެނުއަރީ 2025
|
ހޯރަފުށީގައި ޤާއިމުކޮށްފައިވާ ޖުވެނައިލް ހާފްވޭ ހައުސް ރައީސް ހުޅުވައިދެއްވަނީ، ފޮޓޯ: ރައީސް އޮފީސް
ކުށުގެ މާހައުލުގައި ތާށިވެފައިވާ ކުދިން އަނބުރާ މުޖުތަމައަށް ގެނައުމަށްޓަކައި އެ ކުދިންނަށް ދޭންޖެހޭ ފަރުވާއާއި ރިހިބިލިޓޭޝަން ފޯރުކޮށްދިނުމަށްޓަކައި ހާއްސަ ޖުވެނައިލް ހާފްވޭ ހައުސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހުޅުވައިދެއްވައިފިއެވެ.
ޑިޕާޓްމެންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ދަށުން ހިންގާ ގޮތަށް ޤާއިމުކޮށްފައިވާ މި ޖުވެނައިލް ހާފްވޭ ހައުސްގައި ދެ ޖިންސުގެ ކުދިން ވަކިން ބޭތިއްބޭނެ އިންތިޒާމުތައް ހަމަޖައްސާފައިވެއެވެ. މި ހާފްވޭ ހައުސްގަައި ކުށުގެ ވެށީގައި ތާށިވެފައިވާ ކުދިން ބަންދުގައި ހޭދަކުރަންޖެހޭ މުއްދަތު ފުރިހަމަކުރުމަށްފަހު އަނބުރާ މުޖުތަމައަށް އިއާދަވުމުގެ ކުރިން އެ ކުދިންނަށް ފޯރުކޮށްދޭންޖެހޭ ފަރުވާ މި މަރުކަޒުގައި ފޯރުކޮށްދެވޭނެއެވެ.
މިފަދަ ހައުސްތަކުގައި ކުށުގެ ވެށިން ސަލާމަތްކުރެވޭ ކުދިން އަނބުރާ މުޖުތަމަޢަށް ރުޖޫޢަވުމަށް ބޭނުންވާ ހުނަރުތައް ފޯރުކޮށްދިނުމާއި، އެ ކުދިންނަށް ބޭނުންވާ ތަރުބަވީ ތަޢުލީމު ފޯރުކޮށްދެވޭނެ ކަމުގައި މިއަދު އޮތް ރަސްމިއްޔާތުގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ބުނެފައިވެއެވެ.
ކުށުގެ ވެށިން ސަލާމަތްކުރެވޭ ކުޑަކުދިން ރިހިބިލިޓޭޓުކޮށް އެ ކުދިން އަނބުރާ މުޖުތަމަޢަށް ނެރުމަށްޓަކައި، ޤާއިމުކުރަންޖެހޭ މިފަދަ އިންތިޒާމުތައް ޤާއިމުކުރުމަކީ ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ ދަށުން ޤާއިމުކުރުން ލާޒިމުކޮށްފައިވާ ތަންތަން ނަމަވެސް މިފަދަ ތަންތަން އެކަށީގެންވާ މިންވަރަށް ރާއްޖޭގައި ޤާއިމުކުރެވިފައިނުވެއެވެ.
ހޯރަފުށީގައި މިއަދު ހުޅުވިގެންދިޔަ ޖުވެނައިލް ހާފްވޭ ހައުސްއަކީ މާލެއިން ބޭރުގައި ހުޅުވޭ މިފަދަ ފުރަތަމަ ހާފްވޭ ހައުސްއެވެ. މި މަރުކަޒު ޤާއިމުކުރުމުގެ މަސައްކަތް ކުރީ އެމްޓީސީސީންނެވެ. އެ މަޝްރޫއު ފެށީ 2022 ވަނަ އަހަރުއެވެ.
މި ޖުވެނައިލް ހާފްވޭ ހައުސް ރައީސް ހުޅުވައިދެއްވީ އެމަނިކުފާނު ތިލަދުންމަތީ އުތުރުބުރީ ބައެއް ރަށްތަކަށް ކުރައްވަމުންގެންދަވާ ތިން ދުވަހުގެ ދަތުރުފުޅުގެ ތެރެއިން ހޯރަފުއްޓަށް މިހާރު ކުރައްވަމުންދާ ޒިޔާރަތުގައެވެ.
އަންގާރަދުވަހު ފެއްޓެވި ދަތުރުފުޅު ނިންމަވަައިލެއްވުމަށްފަހު ރައީސް މާލެއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިއަދުއެވެ.