ENGLISH

22 އޭޕްރީލު 2025

Advertisement

"މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ" މަޝްރޫޢުގެ ބައެއް މަސައްކަތްތައް މި އަހަރުގެ މެދުތެރޭގައި ޢަމަލީ ގޮތުން ފެށިގެންދާނެ: ރައީސް

29 ޖެނުއަރީ 2025

|

އަހުމަދު ސައީދު

އިހަވަންދިއްޕޮޅު ތަރައްގީކުރަން ސަރުކާރުން ގެންގުޅޭ ތަސައްވުރު ހަޤީގަތަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެ ސަރަހައްދުގެ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)އެއްގެ ގޮތުގައި ކަނޑައެޅި، "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ" މަޝްރޫއުގެ ބައެއް މަސައްކަތްތައް މި އަހަރުގެ މެދުތެރޭގައި އަމަލީ ގޮތުން ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހޯރަފުށީގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން، ރައީސް ވިދާޅުވީ "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ" އަކީ އިހަވަންދިއްޕޮޅު ތަރައްޤީ ކުރުމަށް ކުރީގެ ސަރުކާރުތަކުން އިއުލާނުކުރި ފަދަ ޕްރޮޖެކްޓަކަށް ނުވާނެ ކަމަށާއި، އެ ޕްރޮޖެކްޓު ވެގެންދާނީ ހަޤީޤީ މާނާގައި އެ ސަރަހައްދަށް ވަޒީފާއާއި މުޅި ރާއްޖެއަށް ވެސް ތަރައްޤީ ގެނެސްދޭ އިޤްތިޞާދު ސިންދަފާދު ކުރުމަށް ހިންގޭ މުހިންމު މަޝްރޫއުއަކަށް ކަމަށެވެ. ހޯރަފުށީގެ ދާއިރާގެ މެންބަރު އަލީ މޫސާ، ރައްޔިތުންގެ ފަރާތުން ރައީސްގެ އަރިހުން އެދިވަޑައިގަތް އެންމެ ބޮޑު ކަމަކީ ވެސް، އެ ސަރަހައްދުގައި އާމްދަނީ ލިބޭނެ މަސައްކަތްތަކެއް ފައްޓަވައިދެއްވުމެކެވެ.

"އަޅުގަނޑުމެން މި ސަރަހައްދަށް ވަރަށް މުހިއްމު މަޝްރޫއެއް ކަނޑާއަޅާފައި މި އޮތީ، މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގެ ނަމުގައި، އެކަމަށްޓަކައި ވަރަށް ބައިވަރު މަސައްކަތްތަކެއް މިހާރުވެސް މިވަނީ ފެށިފައި. އިކޮނޮމިކް މިނިސްޓްރީން ކެބިނެޓުގެ ނިންމުމާއި މަޝްވަރާތަކާއެކީގައި އެދަނީ ކުރިއަށް، އަޅުގަނޑުމެންގެ އަންދާޒާއަކީ މި އަހަރުގެ މެދަކާ ހަމައަށް ދާއިރުގައި އަމަލީގޮތުން މަސައްކަތްތައް ފެށިގެންދާނެ އޭގެތެރެއިން ވަރަށް ގިނަ ކަންތައްތައް،" ރައީސް ވިދާޅުވިއެވެ.

އިންޑިއާ ކަނޑުގެ އިރުމައްޗާއި ހުޅަނގަށް ދަތުރުކުރާ މައި ލޭނުގައި އޮންނަ ހއ، ތުރާކުނު، އުލިގަމު، ހޯރަފުށި، އިހަވަންދޫ އަދި މޮޅަދޫ ހިމެނޭ އިހަވަންދިއްޕޮޅަކީ އިޤްތިޞާދީ ބޮޑެތި ފައިދާތަކެއް ހޯދޭނެ ގޮތަށް ޖިއޮގްރަފިކް ގޮތުން އޮތް އަތޮޅެކެވެ. ރައީސް މުޢިއްޒުގެ ސަރުކާރުން ދައުރުގެ ވަރަށް ކުރީކޮޅުން ފެށިގެން މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ ޕްރޮޖެޓާ ގުޅޭ ވަރަށް ގިނަ ކަންކަން ކުރިއަށް ގެންދަވާފައިވެއެވެ.

ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ދެވަނަ ފަހަރަށް ހޯރަފުއްޓަށް ވަޑައިގެން ރައީސް ވިދާޅުވީ، އެރަށަށް ކޮށްދެއްވާނެ ކަމަށް ވިދާޅުވެވަފައިވާ ވަރަށް ގިނަ ކަންތަން މި އަހަރުގެ ތެރޭގައި ކުރިއަށް ގެންގޮސްދެއްވާނެ ކަމަށެވެ. އޭތެރޭގައި ފުޓްސަލް ދަނޑާއި ހޭންޑްބޯލް ކޯޓާއި އަދި ބަނދަރާއި މަގުހެދުމާއި ތައުލީމާއި ސިއްހީ ދާއިރާއަށް ބޭނުންވާ ކަންކަން ރައީސް ފާހަގަކުރެއްވިއެވެ. އެ ދާއިރާގެ މެންބަރު އަލީ މޫސާ ވިދާޅުވީ މިދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ވެސް ރައީސް ޑރ. މުޢިއްޒު ހޯރަފުއްޓަށް ވަރަށް ގިނަ ކަންކަން ކޮށްދެއްވާފައިވާ ކަމަށެވެ.

ރައްޔިތުންނާ މުޚާތަބު ކުރައްވާ ވާހަކަދައްކަވަމުން ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، ހަޤީޤީ ތަރައްޤީ ހާސިލުކުރެވޭނީ އިންސާނާގެ ސިކުނޑި ވެސް ތަރައްޤީވެގެންނެވެ. ރައީސް ވިދާޅުވީ ރާއްޖޭގެ ހަމަޖެހުމާއި ތަރައްޤީއަށް ހުރަސްއެޅޭފަދަ ކޮންމެ ކަމެއް ހުއްޓުވާނެކަމަށާއި، ޤާނޫނީ ގޮތުން ހުއްދަކުރާ ކޮންމެ ކަމެއް ކުރުމުގެ މިނިވަންކަންވެސް ދެއްވާނެ ކަމަށެވެ. ރައީސް ވިދާޅުވީ ފާއިތުވެދިޔަ ދުވަސްތަކަކީ ވެސް ހަމަޖެހުން ޤާއިމުކުރެވިފައިވާ ދުވަސްތަކެއް ކަމަށާއި ރާއްޖޭގެ ތަރައްޤީއަށް ޤައުމުގެ ހަމަޖެހުން މުހިންމު ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު