ENGLISH
22 އޭޕްރީލު 2025
ބޭރު ފައިސާ މާރުކުރުމުގެ ޤަވާއިދުގެ ދަށުން މި މަހު 25 މިލިއަން ޑޮލަރު މާރުކޮށްފި: ރައީސް
29 ޖެނުއަރީ 2025
|
ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކުން ބޭންކަށް ޑޮލަރު މާރުކުރަން ލާޒިމުކޮށް ހެދި ބޭރު ފައިސާއާ ބެހޭ ޤަވާއިދުގެ ދަށުން މިމަހު 25 މިލިއަން ޑޮލަރު ބޭންކުތަކަށް މާރުކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުފައި މިރޭ ހޯރަފުށީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން، ރައީސް ވިދާޅުވީ އޮކްޓޫބަރު މަހު އަމަލުކުރަން ފެށި ޤަވާއިދުގެ ދަށުން، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން 25 މިލިއަނަށްވުރެ ގިނަ ޑޮލަރު މިދިޔަ ހޯމަ ދުވަހާ ހަމައަށް ބޭންކުތަކަށް މާރުކޮށްފައިވާކަމަށް މަރުކަޒީ ބޭންކުން މަޢުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. ފަތުރުވެރިކަމުގެ ދާއިރާއަށް އޮކްޓޫބަރު މަހު ލިބުނު އާމްދަނީން ވަކި މިންވަރެއް ބޭންކަށް މާރުކުރަން ޖެހޭ އެންމެ ފަހު ތާރީޚަކީ އިއްޔެ އެވެ.
"ވަރަށް މަދު ރިސޯޓްތަކެއް ފިޔަވާ ރާއްޖޭގައި ހިންގާ ގިނަ ރިސޯޓްތަކުން އެކަމަށް ތަބާވެ، އަންނަނީ ޑޮލަރު މާރުކުރަމުން، މިހާތަނަށް ވެސް އެމްއެމްއޭގެ ގަވަރުނަރު އެންމެ ފަހުން އަޅުގަނޑަށް ދިން މަޢުލޫމާތު، އެއީ މިދިޔަ ހޯމަދުވަހު، ދިން އަޕްޑޭޓުގައި ވެސް 25 މިލިއަނަށްވުރެ ގިނަ ޑޮލަރު ވަނީ ބޭންކްތަކަށް މާރުކޮށްފައި، އެއީ އެއް މަހުގެ ތެރޭގައި،" ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އަމަލުކުރަން ފެށި ބޭރު ފައިސާއާ ބެހޭ ޤަވާއިދުގެ ބަދަލުގައި، މިއަހަރުން ފެށިގެން ބޭރުފައިސާ އާ ބެހޭ ޤާނޫނަށް ވަނީ އަމަލުކުރަން ފަށައިފައެވެ.
ރައީސް ވިދާޅުވި ގޮތުގައި ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން ޤަވާއިދުން ބޭންކުތަކަށް ޑޮލަރު މާރުކުރަމުން ދެންދާނަމަ، ރާއްޖޭގައި ޒަމާންވީ ބޭރު ފައިސާގެ މައްސަލަ ކުރިއަށް އޮތްތަނުގައި ހައްލުވެގެން އަންނާނެއެވެ. ރައީސް ވިދާޅުވީ އެ ގާނޫނުގެ ދަށުން ބޭރުފައިސާ މާރުނުކުރާ އެއްވެސް ފަރާތެއް ހުރެއްޖެނަމަ އެކަން ބަލައި ފިޔަވަޅު އަޅުއްވާ ހުރިހާ ފަރާތްތަކެއްގެ މައްޗަށް ހަމަހަމަކޮށް އެ ޤާނޫނު ތަންފީޒު ކުރައްވާނެކަމަށެވެ.
ރައީސް ވިދާޅުވީ ބޭންކުތަކަށް ޑޮލަރު މާރުކުރުން ރަނގަޅަށް ހިނގާތާ ހައެއްކަ މަހުން ފެށިގެން، ވިޔަފާރިތަކަށް ބޭނުންވާ ޑޮލަރު ފޯރުކޮށްދެވި އަދި ކުރިއަށް އޮތްތަނުގައި ރާއްޖެއިން ބޭރުގައި ތައުލީމު ހާސިލުކުރާ ދަރިވަރުންނާއި އެނޫން ފަރާތްތަކަށް ބޭނުންވާ ބޭރުފައިސާގެ ކަންކަން ހަމަޖައްސައިދެއްވުމަށްވެސް ފަސޭހަވެގެންދާނެ އެވެ.
އެމަނިކުފާނު ކުރިން ވިދާޅުވެފައިވާ ގޮތުގައި މި ބަދަލުތަކުގެ ނަތީޖާއަކަށް ވާނީ އާންމު ރައްޔިތުންނަށާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް ޑޮލަރުގެ ތިޔާގިކަން ލިބިގެން ދާނެ ކަމަށެވެ. އެގޮތުން،
ފުރަތަމަ އަމަލުކުރަންފެށި ބޭރު ފައިސާއާ ބެހޭ ޤަވާއިދުގައިވާ ގޮތުގެ މަތިން ރިސޯޓުތަކަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރު އަދި ގެސްޓްހައުސްތަކަށް އަންނަ ކޮންމެ ފަތުރުވެެރިއަކަށް 25 ޑޮލަރުގެ މަގުން، ބޭންކަށް ޑޮލަރު މާރުކުރަން ޤަވާއިދު ލާޒިމުކުރެއެވެ.