ENGLISH
22 އޭޕްރީލު 2025
ފިއްލަދޫގެ މަޝްރޫޢުތަކާ ގުޅޭގޮތުން ރައީސް ދެއްވީ ޔަގީންކަން: ކައުންސިލް
28 ޖެނުއަރީ 2025
|
ރައީސް، ފިއްލަދޫގެ މުޢައްސަސާތަކާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ކަންތައްތައް ކުރައްވާނެކަމުގެ ޔަގީންކަން ވަރަށް ބޮޑަށް ލިބިގެން ހިނގައްޖެކަމަށް ހއ. ފިއްލަދޫ ކައުންސިލްގެ ރައީސް ފަތުޙުﷲ ޙަސަން ވިދާޅުވެއްޖެ އެވެ.
ހއ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސް މިއަދު ވަނީ ފިއްލަދޫއަށް ވަޑައިގެންފައެވެ.
މިއަދު ހެނދުނު ފިއްލަދޫއަށް ވަޑައިގެން ރައީސް ޑރ. މުޢިއްޒު ވަނީ ފިއްލަދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަދި މުޢައްސަސާތަކުގެ އިސްވެރިންނާއި ބައްދަލުކޮށް އެރަށުގެ ތަރައްޤީއަށް ބޭނުންވާ އެންމެ މުހިއްމު ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ. އަދި، ފިއްލަދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގައި ފިއްލަދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ ފިއްލަދޫއަކީ ތަރައްޤީގެ ފުރުޞަތު ވަރަށް ބޮޑު ރަށެއްކަމުގައި ވިދާޅުވެފައެވެ.
ފިއްލަދޫގެ ތަރައްޤީއަށް އެންމެ އިސްކަމެއް ދެއްވައިގެން ކުރައްވާނެކަމަކީ އެރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުންކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް ފިއްލަދޫއަށް ކުރެއްވި ދަތުރުފުޅާއި ގުޅިގެން އެމްއެމް ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ކައުންސިލްގެ ރައީސް ފަތުޙުﷲ ވިދާޅުވީ، ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް ފިއްލަދޫގެ މަޝްރޫޢުތަކާ ގުޅޭގޮތުން ފިއްލަދޫގެ ރައްޔިތުން އުއްމީދުކުރަމުންދިޔަ ކަމެއް ހަޤީގަތަކަށް ގެންނަވާނެކަމުގެ ވަރަށް ބޮޑު އުއްމީދެއް ދެއްވި ކަމަށެވެ.
"ވަރަށް ބޮޑު އުއްމީދެއް އަދި ޔަގީންކަމެއް އެދެއްވީ. ފެންތިލަ މި ރަށުގެ މަގުތައް ހެދުމުގެ މަޝްރޫޢު. އެހެންވީމަ ރައީސްއަށް ވަރަށް ބޮޑަށް އަޅުގަނޑުމެން ފިއްލަދޫ ރައްޔިތުންގެ ނަމުގަ އެކަމަށްޓަކައި ޝުކުރު އަދާކުރަން" ފަތުޙުﷲ ވިދާޅުވި އެވެ.
ފަޠުހުﷲ ވިދާޅުވީ ރައީސް އެރަށަށް ވަޑައިގެން ހޭދަކުރެއްވި ވަގުތުކޮޅުން، ފިއްލަދޫ ރައްޔިތުންނަށް އުފާވެރިކަން ލިބި ފިއްލަދޫގެ މަސްތަޤްބަލަށްޓަކައި ވަރަށް ބޮޑު އުއްމީދެއް ލިބިގެންދިޔަކަމަށެވެ.
ފިއްލަދޫއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ޑރ. މުޢިއްޒު ވަނީ އެރަށުގެ އައު ކައުންސިލް އިދާރާގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ. އަދި، އެރަށުގެ "މަގޭ ސޯލަރ" ޕްރޮގްރާމްގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވިއެވެ.
ހއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅުގެ 10 ރަށަކަށް ރައީސް ޑރ. މުޢިއްޒު ވަޑައިގަންނަވާނެއެވެ.