ENGLISH
22 އޭޕްރީލު 2025
ފިއްލަދޫގައި "މަގޭ ސޯލާ" ޕްރޮގްރާމް ފައްޓަވާދެއްވައިފި
28 ޖެނުއަރީ 2025
|
ސޯލާ ހަކަތައިން ކަރަންޓު އުފައްދައި ބޭނުންކުރުމަށް ގޭބިސީތަކަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ހިންގުމަށް ރާވާފައިވާ " މަގޭ ސޯލާ" ޕްރޮގްރާމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް އިފްތިތާހުކުރައްވައިފިއެވެ.
ފިއްލަދޫގައި ރަސްމީކޮށް މި ޕްރޮގްރާމް މިއަދު ފައްޓަވާދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މިޕްރޮގްރާމަކީ ގޭބިސީތަކުން ކަރަންޓު ބިލަށް ކުރާ ހޭދަ ކުޑަކުރުމަށާއި، އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓު އުފައްދާ މިންވަރު އިތުރުކުމަށް އަމާޒުކޮށްގެން ސަރުކާރުން ހިންގަވާ ޕްރޮގްރާމެކެވެ.
މި ޕްރޮގުރާމުގެ ސަބަބުން، 2028 ވަނަ އަހަރުގެ ކުރިން ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކުން އުފެއްދުމުގެ އަމާޒަށް ވާސިލުވުމަށް މަގުފަހިވެގެން ދާނެއެވެ. މި އަމާޒަކީ ކޮޕް-28 ސަމިޓުގައި ރައީސް ޑރ. މުޢިއްޒު އިޢުލާނުކުރައްވާފައިވާ އަމާޒެކެވެ. މި ޕްރޮގްރާމަކީ ސަރުކާރާއި ބޭރުގެ އެހީދޭ ފަރާތްތަކާއި ގުޅިގެން ޔުޓިލިޓީ ކުންފުނިތައް މެދުވެރިކޮށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މިއަދު އިފްތިތާހުކުރެވުނީ މިޕްރޮގްރާމުގެ ފުރަތަމަ ފިޔަވެއްސެވެ. މި ފިޔަވަހީގައި، ހޯދިފައިވާ ސިސްޓަމުތައް އިންސްޓޯލުކުރުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވާދެއްވުމެވެ. މި ފިޔަވަހީގައި ސޯލާ ޕީވީ އިން ކަރަންޓު އުފައްދާ ނިޒާމު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ގޭބިސީތަކަށެވެ. މި ފިޔަވަހީގެ ދަށުން ޖުމްލަ 750 ގޭބިސީއަކަށް ސޯލާ ޕީވީ ނިޒާމު ފޯރުކޮށްދެވޭނެއެވެ. މިފިޔަވަހީގެ ދަށުން ސޯލާޕީވީ ނިޒާމު ހަރުކުރަން ބޭނުންވާ ފަރާތްތަކަށް، ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން، ފެނަކަ ކޯޕަރޭޝަން މެދުވެރިކޮށް، ސޯލާ ޕީވީ ނިޒާމުތައް އިންސްޓޯލްމަންޓް އުސޫލުން ގަތުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.
އަދި މިނިޒާމުތައް ގާއިމުކުރެވޭނީ ނެޓް މީޓަރިންގ އުޞޫލުގެ ދަށުން ގޭގެ ފުރާޅުގައި ސޯލާ ޕީވީ ޖަހައި ނެޓްމީޓަރިންގ އުސޫލުން ކަރަންޓު ބޭނުންކުރަން ފެށުމުން ގޭބިސީތަކުން މިހާރު ކަރަންޓު ބިލަށް ހޭދަކުރާ މިންވަރު ވަރަށް ބޮޑަށް ކުޑަވެގެންދާނެއެވެ. މިސާލަކަށް މަހަކު 500 ޔުނިޓުގެ ކަރަންޓު ބޭނުންކުރާ ގެއަކުން 3 ކިލޯވޮޓުގެ ސޯލާ ޕީވީ ސިސްޓަމެއް ޤާއިމުކޮށްފިނަމަ ގާތްގަނޑަކަށް ކަރަންޓަށް ހޭދަކުރާ މިންވަރު 80 އިންސައްތަ ކުޑަވެގެންދާނެއެވެ.
ސޯލަރ ޕީވީ ނިޒާމުތަކަކީ އުމުރު ދިގު ނިޒާމުތަކެއް ނަމަވެސް، ދުނިޔޭގެ ބާޒާރުގައި އަގުތައް ހުރިގޮތަށް ބަލާއިރު މިފަދަ ނިޒާމަކަށް އެއްފަހަރާ އަގު އަދާކުރުމަކީ އާއްމު ފަރުދުންނަށް ދަތިކަމެކެވެ. މިއަދު އަމަލީގޮތުން ފައްޓަވައިދެއްވި ޕްރޮގްރާމު ރާވާފައިވަނީ މިފަދަ ދަތިތަކަށް ލުޔެއް ހޯދައިދީ އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދެއްކޭނެ ގޮތަށެވެ. އަދި ސޯލާ ނިޒާމް ހަރުކުރުމުގެ ފައިދާ ދިގު މުއްދަތަކަށް ރައްޔިތުންނަށް ލިބިގެންދާނެ ހެންނެވެ. ސަރުކާރުގެ އަމާޒަކީ މިޕްރޮގްރާމުގެ ދަށުން ވީހާވެސް ގިނަ ފަރާތްތަކަށް އަމިއްލަ ގޭގައި ސޯލާ ޕީވީ ސިސްޓަމް ޤާއިމުކުރެވޭނެ މަގު ފަހިކޮށްދިނުމެވެ.
އަދި މިޕްރޮގްރާމު އިތުރަށް ފުޅާކުރުމަށް ސަރުކާރުން ރާވާފައިވެއެވެ. އެގޮތުން މިޕްރޮގްރާމުގެ ދަށުން އިތުރު ސޯލާ ޕީވީ ސިސްޓަމްތައް ހޯދުމަށް ފުރަތަމަ ކްއާރޓަރުގެ ތެރޭގައި ބީލަން ހުޅުވާލުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ.