ENGLISH

22 އޭޕްރީލު 2025

Advertisement

އުތީމު ކައުންސިލު އިމާރާތާއި ފުލުހުންގެ ސްޓޭޝަނުގެ ބިންގާ އަޅުއްވައިފި

28 ޖެނުއަރީ 2025

|

ޝިފްޒާން އަޙްމަދު

ފޮޓޯ: ރައީސް އޮފީސް

ހއ. އުތީމު ކައުންސިލުގެ އައު ޢިމާރާތާއި އެ ރަށު ފުލުސް ސްޓޭޝަނުގެ ބިންގާ މިއަދު އަޅުއްވައިފިއެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތިލަދުންމަތީ އުތުރުބުރީގެ 10 ރަށަކަށް ކުރައްވަމުންދާ ތިން ދުވަހުގެ ދަތުރުފުޅުގައި އުތީމަށް ވަޑައިގަތުމުން އެ ރަށުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އުތީމު ކައުންސިލުގެ އައު އިދާރާގެ ބިންގާ އަޅުއްވައިދެއްވީ ލޯކަލް ގަވަރމެންޓު އެންޑް ސިޓީސް މިނިސްޓަރ އާދަމް ޝަރީފު ޢުމަރެވެ. 

އަދި އުތީމުގައި ޤާއިމުކުރާ އައު ޕޮލިސް ސްޓޭޝަނުގެ ބިންގާ އަޅުއްވައިދެއްވީ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރ ޢަލީ އިޙުސާނެވެ. 

އުތީމު ކައުންސިލުގެ އައު ޢިމާރާތް ބިނާކުރުމުގެ މަޝްރޫޢަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވީރާނާވެ ބާވެފައި ހުރި ކައުންސިލު ޢިމާރާތްތައް އައުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ސަރުކާރުން ފައްޓަވާފައިވާ މަޝްރޫޢުގެ ތެރެއިން ކުރިއަށްގެންދަވާ މަސައްކަތެކެވެ. 

އަދި އެ ރަށުގައި ޕޮލިސް ސްޓޭޝަން ޤާއިމުކުރެއްވުމުގެ މަޝްރޫއަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ތަޢާރަފުކުރެއްވުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުގެ ތެރެއިން ފެއްޓެވި މަޝްރޫޢެކެވެ. 

ރައީސްގެ މި ދަތުރުފުޅުގައި ހއ. ގެ ބައެއް ރަށްރަށުގައި ސަރުކާރުން ހިންގަވަން ނިންމަވާފައިވާ ބައެއް މަޝްރޫއުތައް ފައްޓަވައިދެއްވާނެއެވެ. އެގޮތުން ބައެއް ރަށްރަށުގައި އަލަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ ފުލުހުންގެ މަރުކަޒުތަކާއި ކައުންސިލް އިމާރާތްތަކުގެ އިތުރުން ކޯލްޑް ސްޓޯރޭޖް ފެސިލިޓީ މަޝްރޫޢުގެ މަސައްކަތް ފައްޓަވައިދެއްވުމަށާއި، އައިޑީކާޑު އަދި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް ފައްޓަވައިދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މި ދަތުރުފުޅުގައި، "މަގޭ ސޯލާ ޕްރޮގްރާމް"ގެ ޢަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ރަސްމީކޮށް ފައްޓަވައިދެއްވާނެއެވެ. އަދި ރަށްރަށުގައި އޭ.ޓީ.އެމް ގެ ޚިދުމަތް ދެއްވުމަށް ކައުންސިލްތަކާއި ބެންކް އޮފް މޯލްޑިވްސްއާ ދެމެދު ވެވޭ އެއްބަސްވުންތަކުގައި ސޮއިކުރުމަށް ބާއްވަވާ ހަފްލާތަކުގައިވެސް ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އެމަނިކުފާނު ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ، ދިއްދޫ، ފިއްލަދޫ، ހޯރަފުށި، އިހަވަންދޫ، މާރަންދޫ، މޮޅަދޫ، މުރައިދޫ، ތަކަންދޫ، އުލިގަމު އަދި އުތީމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ތިލަދުންމަތީ އުތުރުބުރީގެ ރަށްތަކަށް ކުރައްވާ މި ދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާ، ރަށްތަކާ، އަދި ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސުލްޖުމްހޫރިއްޔާ ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްތަކަށް ކުރައްވާ މި ދަތުރުފުޅު ނިންމަވާލައްވައި، މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު