ENGLISH

22 އޭޕްރީލު 2025

Advertisement

ނާގޯށި ތަރައްޤީކުރަން ބީއެމްއެލްގެ ފެސިލީޓީއެއް ހަމަޖައްސަވާނެކަން ރައީސް އިޢުލާންކުރައްވައިފި

28 ޖެނުއަރީ 2025

|

އުމްނާ އިސްމާޢީލް

ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހއ. ފިއްލަދޫގެ ރައްޔިތުންނާއި ބައްދަލުކުރެއްވުން

ހދ. ނާގޯށި ތަރައްޤީކުރުމަށްޓަކައި ފައިނޭންސް ހޯދުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ އެކު މަޝްވަރާކުރައްވަމުން ގެންދަވާ ކަމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހއ.އަތޮޅަށް ކުރައްވަން ފެއްޓެވި ތިން ދުވަހުގެ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅުގެ ފިއްލަދުއަށް ވަޑައިގެން ރައީސް ވަނީ، އެ ރަށަށާއި މުޅި ތިލަދުންމައްޗަށް އެމަނިކުފާނު ގެންގުޅުއްވާ ތަރައްޤީގެ ތަސައްވުރާއި ގުޅިގެން ވާހަކަފުޅު ދައްކަވާފަ އެވެ. ވަކިން ޚާއްސަ ގޮތެއްގައި، އެ ސަރަހައްދުގެ އިގްތިސޯދު ކުރިއެރުވުމަށްޓަކައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

ތިލަދުންމަތީގެ ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ހދ. އަތޮޅުގައި ރިސޯޓެއް ތަރައްގީކުރަން 2006 ވަނަ އަހަރު އެ އަތޮޅުން ދޫކުރެވުނު ނާގޯށި މިއަދާ ހަމަޔަށް ވެސް ތަރައްގީވެފައި ނެތުމެވެ. ފިއްލަދޫގެ ރައްޔިތުންނާއި މުޚާތަބުކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ ރައްޔިތުންގެ އެ ކަންބޮޑުވުމަށް އަވަސް މުސްތަގުބަލެއްގައި ހައްލެއް ގެނައުމަށް މަސައްކަތް ކުރައްވަމުންގެންދަވާކަން ހާމަކުރައްވާފަ އެވެ.

ރައީސް ވިދާޅުވި ގޮތުގައި ނާގޯށި ތަރައްގީކުރުމަށްޓަކައި މިހާރު ގެންދަވަނީ ބީއެމްއެލްއާއި އެކު މަޝްވަރާތަކެއް ކުރައްވަމުންނެވެ. އެގޮތުން ފައިނޭންސިން ހޯދުމަށް ފެސިލިޓީތަކެއް ހަމަޖެއްސުމުގެ މަސައްކަތްތަކެއް ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އެމްޓީޑީސީ އަށް ސަރުކާރުން ދޫކޮށްފައިވާ ވަރަށް ގިނަ އަހަރުތަކެއް ވީ ރަށެއް، ނާގޯށި އަކީ ހދ. ގައި. އަޅުގަނޑުމެން ބޭންކް އޮފް މޯލްޑިވްސް އިން މިހާރު ފެސިލިޓީތައް ހަމަޖެއްސުމުގެ ކަންތައްތައް ކުރިއަށް ގެންދާ ވާހަކަ. ހދ. ރައްޔިތުންނަށް އަދި މި ސަރަހައްދުގެ ރައްޔިތުންނަށް މުހިއްމު ވާނެތީ ހަމަ މި މައުލޫގެ ދަށުން މި ދަންނަވާލަނީ " - ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ރައީސްގެ އަމާޒަކީ އެމަނިކުފާނު ވިދާޅުވި ގޮތުގައި، ސަރުކާރުގެ އެހީތެރިކަމާއި އެކު އެ ރަށް ތަރައްގީކޮށް، ރިސޯޓެއްގެ ގޮތުގައި ހުޅުވުމެވެ.

ނާގޯށީގައި ރިސޯޓެއް ތަރައްގީކުރުމަށް އެމްޓީޑީސީއާ އެންމެ ފުރަތަމަ ހަވާލުކުރެވުނީ 2006 ވަނަ އަހަރެވެ. އޭރު އެ މަޝްރޫއު ރަޝިއާގެ ކުންފުންޏަކަށް ސަބްލީޒްކޮށްގެން ކުރިއަށް ގެންދަނިކޮށް، 2012 ވަނަ އަހަރު ދިމާވި މާލީ ހަލާތަކާއި ގުޅިގެން އެ ކުންފުންޏަށް އެ މަޝްރޫއު ކުރިއަށް ނުގެންދެވި ހުއްޓާލަން ޖެހުނެވެ. އޭގެ ފަހުން އެމެރިކާގެ ކުންފުންޏަކާއި އެކު ވެސް އެ ރަށުގެ މަސައްކަތް ނިންމުމަށް އެމްޓީޑީސީން 2015 ވަނަ އަހަރު މަސައްކަތްކުރި އެވެ. އެފަހަރުވެސް މަސައްކަތް ނާކާމިޔާބުވުމުން 2017 ވަނަ އަހަރު އެމްޓީޑީސީ އަތުން އެ ރަށް އަތުލީ އެވެ. އޭގެ ފަހުން 2021 ވަނަ އަހަރު އަނެއްކާވެސް އެމްޓީޑީސީއަށް އެ ރަށް ހަވާލުކޮށް، ދުބާއީގެ ކުންފުންޏަކަށް ސަބްލީޒްކުރި އެވެ. އެހެން ނަމަވެސް، އެ ކުންފުންނަށް ވެސް މަސައްކަތް ނުކުރެވުމުން އެ އެއްބަސްވުން އުވާލީ އެވެ.

ނާގޯށި ތަރައްގީކުރުމުގެ އިތުރުން، ރާއްޖޭގައި ލޯކަލް ޓޫރިޒަމް ފުޅާކުރުމަށްޓަކައި ކުޑަ އިންޓްރެސްޓުގައި ލޯނުތައް ހަމަޖެއްސުމާއި ގުޅިގެން ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވި އެވެ. އެގޮތުން ރައީސް ވިދާޅުވި ގޮތުގައި ބީއެމްއެލްއާ އެކު އެކަމާ ގުޅިގެން ކުރެވެމުންދާ މަޝްވަރާތައް ވެސް ވަނީ ނިމުމަކާ ހަމަޔަށް އައިސްފަ އެވެ.

"އާއްމުކޮށް މިގޮތަށް ކޮމާޝަލް ޕްރޮޖެކްޓްސްތަކަށް ލޯން ދޫކުރާ ވަރަށް ވުރެ އިންޓްރެސްޓް ރޭޓު ކުޑަކޮށް، ފިނޭންސް މިނިސްޓަރާއި އަޅުގަނޑަށް ދެންނެވީ %3 އަށް ވުރެ މިހާރު ދޫކުރާ ވަރަށް ވުރެ އިންޓްރެސްޓު ރޭޓު %3 ކުޑަވާނެ ކަމަށް. އިންޓްރެސްޓް ރޭޓު ކުޑަކޮށް، ދޫކުރާ ލޯނުތަކެއް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ގާތްގަނޑަކަށް ނިމުމަކާ ހަމަޔަށް ގޮސްފައިވާ ވާހަކަ ދަންނަވާލަން" - ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ރައީސް ވިދާޅުވީ ކައުންސިލްތަކުން ޓޫރިޒަމްގެ ބޭނުމަށް ދޫކުރާ ބިންތައް ތަރައްގީވުމާއި އެކު ސަރުކާރުގެ އެހީގައި އެތަންތަނަށް ފެނާއި ނަރުދަމާ ގުޅާދެއްވާނެ ކަމަށެވެ.

ފިއްލަދޫގެ ތަރައްގީއާއި ގުޅިގެން ވެސް ރައީސްގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވި އެވެ. އެގޮތުން އެ ރަށުގެ ތަރައްޤީއަށް އެންމެ އިސްކަމެއް ދެއްވައިގެން ކުރައްވާނެކަމަކީ އެރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުންކަމަށާއި އެ ރަށަށް ބޭނުންވާ ތަރައްޤީގެ ކަންކަމުގެ ތެރޭގައި އެކަން ހިމެނޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ފިއްލަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ކުރިން ރައީސް ވަނީ އެރަށުގެ އައު ކައުންސިލް އިދާރާގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ. ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު "މަގޭ ސޯލަރ" ޕްރޮގްރާމްގެ ޢަމަލީ މަސައްކަތް ވެސް އެމަނިކުފާނު ވަނީ ރަސްމީކޮށް ފައްޓަވައިދެއްވާފަ އެވެ. 

ކިޔުންތެރިންގެ ހިޔާލު