ENGLISH

22 އޭޕްރީލު 2025

Advertisement

ތާރީޚީ ދުވަހެއް؛ ދިވެހި މާލީ ނިޒާމަށް ގެނެވޭ ހެޔޮ ބަދަލަކަށް އަލިވިލިއްޖެ

28 ޖެނުއަރީ 2025

|

ޝިފްޒާން އަޙްމަދު

ޖަނަވަރީ މަހުން 28 ވަނަ ދުވަހަކީ ތާރީޚީ ގޮތުން މާ މުހިއްމު ދުވަހެއް ކަމުގައިނުވި ނަމަވެސް މި އަހަރުގެ ޖަނަވަރީ މަހުގެ 28 ވަނަ ދުވަހަކީ އިންޤިލާބީ ބޮޑު ބަދަލެއް ފެށިގެންދާ ދުވަހެވެ. ޢާންމުކޮށް ދިވެހި މާލީ ނިޒާމަށް އަދި ޚާއްޞަކޮށް ރާއްޖޭގެ ބޭންކުތަކަށް އިޞްލާޙީ ބަދަލެއްގެ ސަބަބުން ބޮޑު ލުޔެއް ލިބެން ފަށާ ދުވަހެވެ. މިއަދަކީ ފާއިތުވި އޮކްޓޯބަރު މަހު އަމަލުކުރަން ފެށި ބޭރު ފައިސާއާ ބެހޭ ޤަވާޢިދުގެ ދަށުން ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުން އެ އާމްދަނީގެ މިންވަރެއް ދިވެހިރާއްޖޭގެ މާލީ ނިޒާމަށް މާރުކުރަން ލިބޭ ފަހު ތާރީޚެވެ.

މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ފާއިތުވި އޮކްޓޯބަރު މަހު ޝާއިއުކުރި ބޭރު ފައިސާއާ ބެހޭ ޤަވާއިދުގެ ދަށުން އޮކްޓޯބަރު މަހު ޓޫރިޒަމް ވިޔަފާރިތަކަށް ލިބުނު ބޭރު ފައިސާގެ އާމްދަނީ މިއަދުގެ ކުރިން ބޭންކުތަކަށް ޖަމާކުރަން ޖެހެއެވެ. އަދި އެ އާމްދަނީގެ ތެރެއިން ވަކި މިންވަރެއް ބޭންކުތަކަށް މިއަދުގެ ކުރިން މާރުކުރަންޖެހޭނެއެވެ.

މި ބަދަލު ރާއްޖެއަށް މުހިއްމުވާ މައިގަނޑު އެއް ސަބަބަކީ މިހާތަނަށް ރާއްޖޭގެ އިޤުތިޞާދުގެ މައި ޞިނާޢަތްކަމަށްވާ ޓޫރިޒަމް ދާއިރާއާއި އިޤުތިޞާދުގެ މައިގަނޑު ބިންގާކަމުގައިވާ މާލީ ނިޒާމުގެ މެދުގައި ގުޅުން ކެނޑިފައި އޮތް އޮތުން ނިމުމަކަށް ގެނެވުމެވެ.

ރަސްމީ ހިސާބުތަކުން ދައްކާ ގޮތުގައި ފަތުރުވެރިކަމުގެ އާމްދަނީން ދިވެހިރާއްޖޭގެ މާލީ ނިޒާމަށް ފައިސާ ވަންނަނީ ވަރަށް މަދުންނެވެ. އެމްއެމްއޭގެ ހިސާބުތަކުން ފެންނަ ގޮތުގައި ކޮވިޑް-19ގެ ކުރިން ލިބުނު އާމްދަނީއަށްވުރެ ފާއިތުވި އަހަރު ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް ލިބުނު އާމްދަނީ އިތުރުވި އެވެ. ނަމަވެސް ކޮވިޑަށްފަހު ބޭންކުތަކުގައި ފަތުރުވެރިކަމުގެ އާމްދަނީ ޖަމާކުރި މިންވަރު ވަަރަށް ބޮޑަށް ދަށްވިއެވެ. 

ރާއްޖޭގެ ޓޫރިޒަމް އެންމެ ބޮޑަށް ރަނގަޅުވި 2019 ވަނަ އަހަރު ފަތުރުވެރިކަމުގެ ސޭލްސްގެ ގޮތުގައި ރަސްމީ ހިސާބުތަކުން ދައްކަނީ 3.4 ބިލިއަން ޑޮލަރެވެ. އެއިން %74 ކަމަށްވާ 2.5 ބިލިއަން ޑޮލަރު ރާއްޖޭގެ ބޭންކުތަކަށް ޖަމާކުރި އެވެ. ނަމަވެސް 2023 ވަނަ އަހަރު ފަތުރުވެރިކަމުގެ ޖުމްލަ އާމްދަނީ 4.5 ބިލިއަން ޑޮލަރަށް އިތުރުވިއިރު އެ އަހަރު ބޭންކުތަކަށް ޖަމާކުރީ ލިބުނު އާމްދަނީގެ %52 ކަމަށްވާ 2.3 ބިލިއަން ޑޮލަރެވެ. 

މަރުކަޒީ ބޭންކުން ބޭންކުތަކަށް 2019 ވަނަ އަހަރު 376.6 މިލިއަން ޑޮލަރު ދޫކުރި އެވެ. 2023 ވަނަ އަހަރު އެ އަދަދުވަނީ 480.1 މިލިއަން ޑޮލަރަށް އިތުރުވެފަ އެވެ. މާނައަކީ މަރުކަޒީ ބޭންކުން ބޭންކުތަކަށް ޑޮލަރު ދޫކުރަންޖެހޭ މިންވަރު އަހަރުން އަހަރަށް އިތުރުވަމުންދާ ކަމެވެ. އެހެންވާންޖެހެނީ ބޭންކުތަކުން ބޭރު ފައިސާ ބޭނުންކުރަންޖެހޭ ކަންކަން އިތުރުވުމުންނެވެ. ފަރުދުންނާއި ވިޔަފާރިތަކުގެ ބޭނުންތަކަށް ބޭންކުން ޑޮލަރު ދޫކުރާ މިންވަރު އިތުރުވާތީއެވެ. 

ބޭންކުތަކަށް އެމްއެމްއޭއިން ދޫކުރަންޖެހޭ ބޭރު ފައިސާގެ އަދަދު އިތުރުވާ މިންވަރަކަށް ދައުލަތުގެ ބޭރު ފައިސާގެ ރަސްމީ ރިޒާވް ހީނަރުވާނެ އެވެ. އަދި އެއީ ދުރު ރާސްތާގައި ދިވެހި ދައުލަތުން އަދާކުރަންޖެހޭ މާލީ އިލްތިޒާމުތައް އަދާކުރުމަށް ހުރަސްއެޅޭނެ ކަމެކެވެ. 

ރާއްޖޭގެ މައިގަނޑު އެކްސްޕޯޓު ނުވަތަ ބޭރު ފައިސާ ގައުމަށް ވަންނަ ސިނާއަތަކީ ފަތުރުވެރިކަމެވެ. އެ ސިނާއަތަށް 4.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނުއިރު ބޭންކުތަކަށް 2023 ގައި މާރުކުރީ އެންމެ 68 މިލިއަން ޑޮލަރެވެ. އެއީ އާމްދަނީގެ އެންމެ ތިން އިންސައްތައެވެ. 

މި ތަފާސްހިސާބުތަކަށް ބަލާއިރު ޔަޤީންވާކަމަކީ ދިވެހި ފަތުރުވެރިކަމަށް ބޭރު ފައިސާ ވަންނަ ކަމެވެ. ނަމަވެސް އެ ފައިސާއިން ބައިކުޅަ ބައެއްވެސް ރާއްޖޭގެ މާލީ ނިޒާމަށް ނުވަންނަ ކަމެވެ.

އޮކްޓޯބަރު މަހު މަރުކަޒީ ބޭންކުން ތަޢާރަފުކުރި ޤަވާޢިދަށް ކުދިކުދި ބަދަލުތަކެއް ގެނެވި މިހާރު އެވަނީ ޤާނޫނަކަށް ވެފައެވެ. އެއާއެކު ކޮންމެ މަހަކު ޓޫރިސްޓު ވިޔަފާރިތަކާއި އެނޫންވެސް ވިޔަފާރިތަކަށް ބޭރު ފައިސާއިން ލިބޭ އާމްދަނީގެ ނިސްބަތެއް ބޭންކުތަކަށް މާރުކުރާނެއެވެ. އަދި އެ ވިޔަފާރިތަކަށް ލިބޭ އާމްދަނީ ބޭންކުތަކަށް ޖަމާކުރަމުންދާނެއެވެ. ނަތީޖާއަކަށްވާނީ ބޭރު ފައިސާގެ ތާށިކަމަށް ބޮޑު ލުޔެއް ލިބުމެވެ.

މި ބަދަލާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންނެވިހެން ބޭރަށް ފުރާ ދިވެހިންނަށް ބޭންކުތަކުން ގަނެވޭ ފައިސާ އިތުރުވާނެއެވެ. ވިޔަފާރިތަކަށް ޓީޓީ ހެދުމަށް ދޫކުރާ ބޭރު ފައިސާއާއި، ބޭރުގައި ކިޔަވަން ތިބި ދިވެހި ދަރިވަރުންނަށް ބޭންކުތަކުން ގަންނަން ލިބޭ ބޭރު ފައިސާ އިތުރުކުރެވޭނެއެވެ. އަޅުގަނޑުމެންގެ ޖީބުގައި އޮންނަ ޑެބިޓު އަދި ކްރެޑިޓު ކާޑުން ބޭރު ފައިސާގެ މުޢާމަލާތްތައް ހިންގޭ މިންވަރު އިތުރުކުރެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު