ENGLISH
22 އޭޕްރީލު 2025
ހުރިހާ ސުކޫލުތަކަށް ބޭނުންވާ ވަސީލަތްތައް ދެ އަހަރު ތެރޭ ހަމަކޮށްދިނުމަށް ޕްލޭނެއް އެކުލަވައިލަނީ
28 ޖެނުއަރީ 2025
|
ރާއްޖޭގެ ހުރިހާ ސުކޫލުތަކަށް ބޭނުންވާ އުމްރާނީ އަދި އެހެނިހެން ވަސީލަތްތައް ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ހަމަކޮށްދިނުމަށް ޕްލޭނެއް ސަރުކާރުން އެކުލަވައިލައްވަން ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެެއްޖެއެވެ.
ހއ.އަތޮޅުގެ ދިހަ ރަށަކަށް ރައީސް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ އަތޮޅު މުރައިދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބއްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސްވަނީ މުރައިދޫ ފަދައިން ވަރަށް ގިނަ ރަށްތަކުގައި ސްކޫލު އިމާރާތް ފުޅާކޮށް ކްލާސް ރޫމުތައް އިތުރުކުރުން ފަދަ ކަންކަން ކުރަންޖެހިފައިވާކަން ފާހަގަކުރައްވާފައެވެ.
އިތުރަށް އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ހުރިހާ ސްކޫލުތަކެއް ހިމެނޭ ގޮތަށް ދެ އަހަރު ތެރޭގައި ހުރިހާ ސްކޫލަކަށް ބޭނުންވާނެ އެންމެހައި ވަސީލަތްތައް ޤާއިމުކުރުމަށް ބޭނުންވާ ޕްލޭނު އެކުލަވައިލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި މިޕްލޭނަކީ ސްކޫލުތަކަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ފުރިހަމަކުރުމަށް އިސްކަންދެއްވައިގެން އެކުލަވައިލައްވާ ޕްލޭނެކެވެ.
ރައީސް ވިދާޅުވި ގޮތުގައި މި ޕްލޭނުގެ ތެރެއިން ރަށްރަށަށް ބޭނުންވާ ކްލާސްރޫމުގެ ވަސީލަތްތަކާއި ލެބޯޓަރީތަކާއި ލައިބްރަރީތަކާއި ސްޓާފު ރޫމުތަކާއި ހޯލުތައް ފަދަ ވަސީލަތްތައް ވަކި ތަރުތީބަކުން ޤާއިމުކުރުމުގެ މަސައްކަތް ކުރެވޭނެއެވެ.
"އެއީ އިންފްރާންސްޓްރަކްޗާ ވައިސް، ޖުމްލަކޮށް ކޮންމެ ރަށަކަށް އެބަ ބޭނުންވޭ ކްލާސްރޫމުގެ ވަސީލަތްތައް، ލެބޯޓްރީ، ލައިބްރަރީ އަދި ސްޓާފްރޫމްތައް އަދި ހޯލް. މި ކަންކަން އެބަ ޖެހޭ ތަރުތީބު ކޮށްލަން. އޭރުން ދެ އަހަރަށް ބަހާލެވިގެން އެކަން ކުރެވޭނީ." ރައީސް ވިދާޅުވިއެވެ.
އަދި އެމަނިކުފާނު ރިޔާސީ އިންތިޚާބުގައި ވަޢުދުވެވަޑައިގެންނެވި ގޮތަށް ތަޢުލީމީ ދާއިރާއަށް ހެޔޮ ބޮޑު ބަދަލުތަކެއް ގެންނެވުމަށް އެކުލަވައިލައްވަންޖެހޭ ޕްލޭނު އެކުލަވައިލައްވައި ނިންމަވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.