ENGLISH

22 އޭޕްރީލު 2025

Advertisement

ކޮންމެ ރަށެއްގެ ނިސްބަތުން ޞިއްޙީ ޚިދުމަތްތައް ޤާއިމުކޮށްދޭނަން: ރައީސް

28 ޖެނުއަރީ 2025

|

އުމްނާ އިސްމާޢީލް

ރައިސުލްޖުމްހޫރިއްޔާ ހއ. މުރައިދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަނީ (ފޮޓޯ/ ރައީސް އޮފީސް)

ކޮންމެ ރަށެއްގެ ނިސްބަތަށް ބަލައިގެން އެ ރަށަކަށް ބޭނުންވާ ސިއްހީ ހިދުމަތްތައް ގާއިމުކޮށްދެއްވާނެ ކަމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވީ، ހއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅުގެ މުރައިދޫއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގަ އެވެ. 

ރައީސް ވިދާޅުވީ  ރާއްޖޭގެ ރަށްރަށުގައި ސިއްހީ ޚިދުމަތްތައް ޤާއިމުކުރުމުގައި އެ  ރަށެއްގެ އާބާދީއާއި، އިޤުތިޞާދީ މަސައްކަތްތަކަށް ބައްލަވާނެ ކަމަށެވެ. އެގޮތުން ކޮންމެ ރަށެއްގެ ނިސްބަތަށް ބަލައިގެން، ލެބޯޓްރީއާއި އިންސާނީ ވަސީލަތްތައް އެ ރަށެއްގެ ސިއްހީ މަރުކަޒަކަށް ހަމަޖައްސައިދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އެއިން ކޮންމެ ރަށެއްގައި ވެސް އެ ރަށެއްގެ ރައްޔިތެއް ބޭނުންވާ އަސާސީ، އަދި ކޮންމެހެން ލިބެންޖެހޭ ހިދުމަތްތައް، ސިއްހީ ދާއިރާގަ ބޭނުންވާ ކަންކަން ލެބޯރެޓްރީ އެ ރަށަކަށް ބޭނުންވާ ފެންވަރަށް ހިދުމަތް ގާއިމުކުރާނެ ކަމަށް އަޅުގަނޑު ވައުދުވީ އެހެންވެ. އަދި އިންސާނީ ވަސީލަތް، ހިއުމަން ރިސޯސަސް އެ ރަށެއްގެ ސިއްހީ މަރުކަޒާށް ބޭނުންވާ ވަރަށް ހަމަޖެއްސުން. މިއަހަރުގެ ބަޖެޓުގެ ތެރެއިން." - ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު 

 ކޮންމެ ރަށެއްގެ ނިސްބަތަށް ބަލައިގެން އެ ރަށަށް ބޭނުންވާ ސިއްހީ ހިދުމަތްތައް ގާއިމުކުރައްވަން ނިންމެވީ، ރައީސް ވިދާޅުވި ގޮތުގައި، އެމަނިކުފާނު ގެންގުޅުއްވާ ހަމަހަމަކަމުގެ ސިޔާސަތުގެ ދަށުންނެވެ. އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި އެއީ އެކަން އޮންނަން ޖެހޭ ގޮތް ވެސްމެއެވެ.

"އެއީ ކޮންމެ ރައްޔިތަކީ ހަމަހަމަ ރައްޔިތެއް ގޮތުގައި އަޅުގަނޑު ގަބޫލުކުރާ ސިޔާސަތުގެ ދަށުން ކޮންމެ ރައްޔިތަކަށް ވެސް އެ ދޭންޖެހޭ ސަމާލުކަން ހަމަހަމަ ގޮތުގައި ދޭން ޖެހޭނެތީ، އެ ރައްޔިތެއްގެ ސިއްހީ ކަންކަމަށް އެ ދޭންޖެހޭ ސަމާލުކަން ހަމަހަމަ ގޮތުގައި ދޭން ޖެހޭނެތީ އަދި މެދު ރާސްތާ ދުރު ރާސްތާގައި ސަރަހައްދީ ތަރައްގީއާއި މިކަންކަމަށް ޕްލޭންތަކެއް ހެދިޔަސް އެކަން އޮންނަންޖެހޭނީ އެހެން ކަމަށް ގަބޫލުކުރާތީ." - ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ކޮންމެ ރަށެއްގައި ރަނގަޅު ފެންވަރެއްގެ ސިއްހީ ހިދުމަތްތައް ގާއިމުކުރުމުގެ އިތުރުން ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ރަށްރަށުގެ ތައުލީމީ ވަސީލަތްތައް ފުރިހަމަކުރުމަށްޓަކައި ޕްލޭނެއް އެކުލަވާލައްވަމުން ގެންދަވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ އަމާޒަކީ ރަށްރަށަށް ބޭނުންވާ ކަންކަން ބެއްލެވުމަށްފަހު، ވަކި ތަރުތީބެއް ކަނޑައަޅުއްވައިގެން އެ މަސައްކަތް ކުރެއްވުމެވެ. އަދި އެ މަސައްކަތް ވެސް ވަރަށް އަވަހަށް ނިމިގެންދާނެ ކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

ރައީސް މިއަދު މުރައިދޫއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން އެ ރަށުގެ ކައުންސިލުގެ އައު ޢިމާރާތުގެ ބިންގާ އަޅުއްވާފައިވެއެވެ. އަދި ހުރިހާ ރަށަކަށް ފުލުހުންގެ ޚިދުމަތް ފުޅާކުރެއްވުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތްޕުޅުގެ ތެރެއިން އެ ރަށުގައި ޕޮލިސް ސްޓޭޝަންގެ ބިންގާވެސް މިއަދު އަޅުއްވާފައިވެއެވެ.  

ތިލަދުންމަތީ އުތުރުބުރީ ރަށްތަކަށް ރައީސް ކުރައްވާ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅުގައި އެމަނިކުފާނުގެ އެންމެ ފުރަތަމަ މަންޒިލަކީ އެ އަތޮޅުގެ މުރައިދޫ އެވެ. އެ ރަށަށް ވަޑައިގެން ރަށު ރައްޔިތުންނާއ ބައްދަލުކުރެއްވުމުގެ ކުރިން ރައީސް ވަނީ އެ ރަށުގެ ކައުންސިލުގެ އައު ޢިމާރާތާއި އެ ރަށުގެ ޕޮލިސް ސްޓޭޝަނުގެ ޢިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފަ އެވެ.

ކިޔުންތެރިންގެ ހިޔާލު