ENGLISH
22 އޭޕްރީލު 2025
މިފްކޯގެ އޮޕަރޭޝަނަލް ކެޕޭސިޓީ ވަރުގަދަކުރާނަން: ޝިޔާމް
28 ޖެނުއަރީ 2025
|
މިފްކޯގެ އޮޕަރޭޝަނަލް ކެޕޭސިޓީ ވަރުގަދަކުރައްވާނެ ކަމަށް ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިގޮތަށް ވިދާޅުވީ ރޭ ދައުލަތުގެ މީޑިއާއިން ދެއްކި ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ނެވެ.
މި ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ މިފްކޯއަކީ ރާއްޖޭގައި ޑޮލަރު މަދުވުމުގެ މައްސަލަ ހައްލުކޮށްދިނުމުގައި ދައުރެއް އަދާކުރެވޭނެ ތަނެއް ކަމަށެވެ. ނަމަވެސް މިފްކޯގެ ޒަރީޔާއިން ރާއްޖެއަށް ބޭރު ފައިސާ ވަނުން އިތުރުވާނީ އެކުންފުނީގެ އޮޕަރޭޝަނަލް ކެޕޭސިޓީ އިތުރުކޮށްގެން ކަމަށް ޝިޔާމް ވިދާޅުވިއެވެ. ޝިޔާމް ފާހަގަކުރެއްވި ގޮތުގައި މިވަގުުތު މިފްކޯގެ އޮޕަރޭޝަނަލް ކެޕޭސިޓީ ދަށް ހާލަތެއްގައި ހުރީ ތަނުގެ ވަސީލަތްތައް މަދުވުމުގެ ސަބަބުންނެވެ.
"" މިފްކޯއަކީ ދިވެހި ރާއްޖެއަށް އެންމެ ގިނަ ބޭރު ފައިސާ ވައްދާ ކުންފުނިތަކުން ކުންފުންޏެއް. މަސްވެރިކަން ރަނގަޅުވީމަ ބޭރުފައިސާ ވަންނަވަރު އިންތިހާއަށް ރަނގަޅު އެބަވޭ. މިފްކޯގެ ކަންކަން ހަރުދަނާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަދި އަޅުގަނޑުވެސް ވަރަށް ގާތުން ބަލަމުން މިދަނީ. މީގެ ތެރެއިން މިފްކޯއަށް ވަންނަ ބޭރުފައިސާ އާންމުންނަށްވެސް ލިބޭނެ އިންތިޒާމެއް އެބައޮތް ހަމަޖެހިފައި. އެއީ ބީއެމްއެލްއަށް މި ފައިސާ މާރުވާނެ މެކޭނިޒަމްތަކެއް މިހާރު އެބައޮތް “" - ފިޝަރީޒް މިނިސްޓަރ އަހްމަދު ޝިޔާމް
މިފްކޯގެ ހާލަތަށް އަލިއަޅުވާލައްވަމުން ޝިޔާމް ވިދާޅުވީ މިފްކޯ އެއީ ރާއްޖެއަށް ގިނަ ބޭރުފައިސާ ވަންނަ ތަނަކަށްވުމުން އެތަނުގެ ހިންގުން ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކުންފުނި ވަރަށް ގާތުން ބައްލަވަމުންދާ ކަމަށެވެ.
ސަރުކާރުގެ ފުރަތަމަ ތިން އަހަރު ތެރޭގައި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގައި ހުރި ގޮންޖެހުންތައް ހައްލުކުރައްވާނެ ކަމުގައި ޝިޔާމް ވިދާޅުވިއެވެ. އެގޮތުން، ޝިޔާމް ވަނީ ރާއްޖޭގައި މަސް ސްޓޯރޭޖް ކެޕޭސިޓީ ވަރުގަދަ ކުރުމަށް ސަރުކާރުން އަމާޒު ކުރާ ކަމަށްވެސް ވިދާޅުވެފައެވެ. މިހާރު ސަރުކާރުން ވަނީ ލޮނުން އައިސް އުފެއްދޭނެ ނިޒާމް ތައާރަފްކުރުމުގެ މަސައްކަތްވެސް ފަށާފައެވެ.
ކުރީ ސަރުކާރުތަކުން އެއްވެސް ޕްލޭނެއްނެތި ސަބްސިޑީ ދޫކުރި އުސޫލަށް ފާޑު ވިދާޅުވަމުން ޝިޔާމް ވަނީ މަސްވެރިކަމުގެ ސިނާއަތަށް ކުރާ އިންވެސްޓްމެންޓް އިތުރުކުރަން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ. ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުމުގެ އިތުރުން ޕްރޮސެސިން ކެޕޭސިޓީވެސް އިތުރު ކުރަން ޖެހޭ ކަން ޝިޔާމްގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.
މި މޭރުމުން ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ ރާއްޖޭގެ ޕްރޮސެސިން ޕްލާންޓްތަކުގައި 100 ޓަން ޕްރޮސެސް ކުރުވައިގެން ޖުމްލަ 300 ޓަނުގެ މަހުގެ ޕްރޮޑަކްޓްތައް ރާއްޖެއިން ބޭރުކުރުމަށް މަސައްކަތްކުރައްވާނެ ކަމަށެެވެ. ބޭރުން މަސް ގަންނަ ފަރާތްތަކަށް ރޯ މަސް ދިނީމަ އޭގެ އުފެއްދުންތަކުން އެމީހުންނަށް ލިބޭ ވެލިއު އެޑެޑް ފައިދާ ބޮޑު ކަމަށް ޝިޔާމް އޮޅުންފިލުވާދެއްވިއެވެ. މި އުސޫލު ބަދަލުކޮށް، ދިވެހިންނަށް މަސްވެރިކަމުން ފައިދާ ލިބުމުގެ ފުރުސަތު ފަހިކޮށްދޭންޖެހޭ ކަމަށް ޝިޔާމް ވިދާޅުވެފައި ވެއެވެ.