ENGLISH

22 އޭޕްރީލު 2025

Advertisement

މުރައިދޫ ކައުންސިލު އިދާރާ އާއި ޕޮލިސް ސްޓޭޝަނުގެ ބިންގާ އަޅައިފި

28 ޖެނުއަރީ 2025

|

ޝިފްޒާން އަޙްމަދު

މުރައިދޫ ކައުންސިލް އިދާރާގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ރައީސް އޮފީސް

ހއ. މުރައިދޫ ކައުންސިލުގެ އައު ޢިމާރާތާއި އެ ރަށުގެ ޕޮލިސް ސްޓޭޝަނުގެ ޢިމާރާތުގެ ބިންގާ މިއަދު އަޅައިފިއެވެ. 

ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ.

ތިލަދުންމަތީ އުތުރުބުރީ ރަށްތަކަށް ރައީސް ކުރައްވާ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅުގައި އެމަނިކުފާނު އެންމެ ފުރަތަމަ ވަޑައިގެންނެވީ މުރައިދޫއަށެވެ. އެ ރަށު ރައްޔިތުންނާ ރައީސް ބައްދަލުކުރެއްވުމުގެ ކުރިން ލޯކަލް ގަވަރމެންޓް މިނިސްޓަރ އާދަމް ޝަރީފު ޢުމްރުވަނީ އެ ރަށު ކައުންސިލުގެ އައު ޢިމާރާތުގެ ބިންގާ އަޅުއްވާދެއްވާފައެވެ. 

މިއީ ރާއްޖޭގެ ރަށްރަށުގައި ބާވެ ވީރާނާވެފައި ހުރި ކައުންސިލު ޢިމާރާތްތައް އައުކުރެއްވުމަށް ސަރުކާރުން ފައްޓަވާފައިވާ ޕްރޮގުރާމުގެ ތެރެއިން އެ ރަށުގައި ބިނާކުރައްވާ ކައުންސިލު ޢިމާރާތެކެވެ. 

ކައުންސިލު ޢިމާރާތުގެ އިތުރަށް ދިވެހި ފުލުހުންގެ ޚިދުމަތް ދިވެހިރާއްޖޭގެ ހުރިހާ ރަށަކަށް ފުޅާކުރެއްވުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ ސިޔާސަތުގެ ތެރެއިން މުރައިދޫގައި ފުލުހުންގެ ޚިދުމަތް ޤާއިމުކުރެއްވުމަށްޓަކައި އެ ރަށުގައި ބިނާކުރައްވާ ޕޮލިސް ސްޓޭޝަނުގެ އައު ޢިމާރާތުގެ ބިންގާ ވެސް މި ދަތުރުފުޅުގައިވަނީ އަޅުއްވާފައެވެ. އެ ޢިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިޙުސާނެވެ. 

ރައީސްގެ މި ދަތުރުފުޅުގައި ހއ. ގެ ބައެއް ރަށްރަށުގައި ސަރުކާރުން ހިންގަވަން ނިންމަވާފައިވާ ބައެއް މަޝްރޫއުތައް ރައީސް ފައްޓަވައިދެއްވާނެއެވެ. އެގޮތުން  ބައެއް ރަށްރަށުގައި އަލަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ ފުލުހުންގެ މަރުކަޒުތަކާއި ކައުންސިލް އިމާރާތްތަކުގެ އިތުރުން ކޯލްޑް ސްޓޯރޭޖް ފެސިލިޓީ މަޝްރޫޢުގެ މަސައްކަތް ފައްޓަވައިދެއްވުމަށާއި، އައިޑީކާޑު އަދި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް ފައްޓަވައިދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

 މީގެ އިތުރުން މި ދަތުރުފުޅުގައި، "މަގޭ ސޯލާ ޕްރޮގްރާމް"ގެ ޢަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ރަސްމީކޮށް ފައްޓަވައިދެއްވާނެއެވެ. އަދި ރަށްރަށުގައި އޭ.ޓީ.އެމް. ގެ ޚިދުމަތް ދެއްވުމަށް ކައުންސިލްތަކާއި ބެންކް އޮފް މޯލްޑިވްސްއާ ދެމެދު ވެވޭ އެއްބަސްވުންތަކުގައި ސޮއިކުރުމަށް ބާއްވަވާ ހަފްލާތަކުގައިވެސް ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ތިލަދުންމަތީ އުތުރުބުރީގެ ދިހަ ރަށަކަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން އެމަނިކުފާނު ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ، ދިއްދޫ، ފިއްލަދޫ، ހޯރަފުށި، އިހަވަންދޫ، މާރަންދޫ، މޮޅަދޫ، މުރައިދޫ، ތަކަންދޫ، އުލިގަމު އަދި އުތީމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ތިލަދުންމަތީ އުތުރުބުރީގެ ރަށްތަކަށް ކުރައްވާ މި ދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާ، ރަށްތަކާ، އަދި ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސުލްޖުމްހޫރިއްޔާ ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްތަކަށް ކުރައްވާ މި ދަތުރުފުޅު ނިންމަވާލައްވައި، މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު