ENGLISH

22 އޭޕްރީލު 2025

Advertisement

މާލޭގެ ޕާކިން މައްސަލަ ވަރަށް ބޮޑަށް ހައްލުވެއްޖެ: ޑެޕިއުޓީ މިނިސްޓަރ ނިޝާން

28 ޖެނުއަރީ 2025

|

ރާޔާ ރިޒާ

މާލޭގެ ޕާކިން މައްސަލަ ކުރިއާއި އަޅާބަލާއިރު ވަރަށް ބޮޑުތަނުން ހައްލުވެއްޖެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޢަލީ ނިޝާން ވިދާޅުވެއްޖެ އެވެ. 

ނިޝާން މިފަދައިން ވިދާޅުވީ އެމްއެމް ޓީވީގެ "ބޮޑު ޚަބަރު" ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުންނެވެ. 

އެ ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ނިޝާން ވިދާޅުވީ މާލޭގައި ޖާގަ ކުޑަވެފައި ދުއްވާ ތަކެތި އެހާ ގިނަވުމަކީ އަބަދުވެސް ދިމާވެފައި އޮތް މައްސަލައެއް ކަމަށެވެ. ނިޝާން ވިދާޅުވީ ރަޖިސްޓްރީ ނުކުރާ އުޅަނދުތައް މާލެއާއި ހުޅުމާލެއަށް ދޫކުރެވިފައިވާކަން މިނިސްޓްރީއަށް ފާހަގަކުރެވުނު ކަމަށެވެ. ޕާކިން ޖާގަ ކުޑަވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުގެ އިތުރު ތަފުސީލު ނިޝާން ދެއްވިއެވެ. 

ޓްރާންސްޕޯޓް މިނިސްޓްރީއިން ކުރަމުންދާ މަސައްކަތާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ނިޝާން ވިދާޅުވީ ހުޅުމާލެއިން 42،000 އަކަފޫޓްގެ ބިމެއް، ރަޖިސްޓްރީ ނުކުރާ އުޅަނދުތަކަށް ޚާއްސަ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މާލެ  ނޫން ޒޯންތަކުގެ އުޅަނދުތައް ވެސް އެތަނުގައި ބެހެއްޓޭނެ ނިޒާމެއް ގާއިމުކޮށްދީފައިވާ ކަމަށް ނިޝާން ވިދާޅުވިއެވެ. 

ޕޮލްކޯ ކުރިމަތީގައި އޮންނަ 90،000 އަކަފޫޓުގެ ބިމެއް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ޓްރާންސްޕޯޓް މިނިސްޓްރީއާ ވަގުތީ ގޮތުން ހަވާލުކޮށްފައިވާ ކަމަށް ނިޝާން މައުލޫމާތު ދެއްވިއެވެ. މިހާރު އެބިމުގެ 60 އަކަފޫޓް ވަގުތީ ޕާކިން ޖާގައެއްގެ ގޮތުގައި ހަމަޖައްސައިދީފައިވާނެ ކަމަށްވެސް ނިޝާން ވިދާޅުވިއެވެ. ނަމަވެސް އެތަނުގައި ތާއަބަދު އުޅަނދު ނުބެހެއްޓޭނެ ކަމަށާއި އެތަނުގައި އުޅަނދު ޕާކްކޮށްފައި ބެހެއްޓޭނީ ގިނަވެގެން ދެ ތިން ދުވަހަށް ކަމަށް ވިދާޅުވިއެވެ. 

މީގެ އިތުރަށް ވެސް، މިއަދާއި ހަމައަށް 7 ނުވަތަ 8 ސީޓުގެ ޖާގައިގެ ބޮޑެތި އުޅަނދުތަކަށް ވަކި އަގެއް ސަރުކާރުން ކަނޑައަޅާފައިނުވާކަން ނިޝާން ފާހަގަކުރެއްވިއެވެ. ނިޝާން ވިދާޅުވީ އެކަމަށްވެސް ހައްލު ގެންނަން ޓްރާންސްޕޯޓް މިނިސްޓްރީ އިން މަސައްކަތްކުރި ކަމަށެވެ.

"އެސައިޒްގެ ވެހިކަލްތައް ދުއްވާއިރު ވަކި އަގެއް ނެތުމުގެ ސަބަބުން އެކި މީހުން އެކި އަގު ނެގުމުގެ ޝަކުވާ އާންމުންގެ ފަރާތުން އާދޭ. އެއަށްވެސް ވަކި އަގެއް މިހާރު ކަނޑައެޅިފަ ވަނީ" އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު