ENGLISH
22 އޭޕްރީލު 2025
ރައީސް މުރައިދޫއަށް ވަޑައިގަތުމުން ހޫނު މަރުޙަބާއެއް ދަންނަވައިފި
28 ޖެނުއަރީ 2025
|
މުރައިދޫ ރައްޔިތުން ރައީސް ޑރ.މުޙައްމަދު މުޢިއްޒަށް އެރަށުން މަރުޙަބާ ދެންނެވުން، ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހއ.މުރައިދޫއަށް ވަޑައިގަތުމުން އެ ރަށުގެ ރައްޔިތުން އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ.
ރައީސް މުރައިދޫއަށް ކުރައްވާ ޒިޔާރަތަކީ މިއަދު އެމަނިކުފާނު ހއ.އަތޮޅަށް ކުރައްވަން ފެއްޓެވި ތިން ދުވަހުގެ ރަސްމީ ދަތުުރުފުޅުގެ ތެރެއިން ކުރައްވާ ޒިޔާރަތެކެވެ. މި ދަތުުރުފުޅުގައި ރައީސް ތިލަދުންމަތީ އުތުރުބުރީގެ ދިހަ ރަށަކަށް ވަޑައިގަންނަވާނެއެވެ.
އެގޮތުން އެމަނިކުފާނު ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ، ދިއްދޫ، ފިއްލަދޫ، ހޯރަފުށި، އިހަވަންދޫ، މާރަންދޫ، މޮޅަދޫ، މުރައިދޫ، ތަކަންދޫ، އުލިގަމު އަދި އުތީމަށެވެ.
މި ދަތުރުފުޅުގައި ރައީސް ވަޑައިގަންނަވާ ރަށްތަކުގެ ތެރެއިން މިއަދު ފުރަތަމަ ވަޑައިގަންނަވަނީ މުރައިދޫއަށެވެ. މުރައިދޫއަށް ވަޑައިގެން އެ ރަށު ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި، އެ ރަށުގެ ރައްޔިތުންނާ ބައްދަަލުކުރައްވަންވަނީ ހަމަޖެހިފައެވެ.
ރައީސްގެ މި ދަތުރުފުޅުގައި ބައެއް ރަށްރަށުގައި އަލަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ ފުލުހުންގެ މަރުކަޒުތަކާއި ކައުންސިލް އިމާރާތްތަކުގެ އިތުރުން ކޯލްޑް ސްޓޯރޭޖް ފެސިލިޓީ މަޝްރޫޢުގެ މަސައްކަތް ފައްޓަވައިދެއްވުމަށާއި، އައިޑީކާޑު އަދި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް ފައްޓަވައިދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން މި ދަތުރުފުޅުގައި، މަގޭ ސޯލާ ޕްރޮގްރާމްގެ ޢަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ރަސްމީކޮށް ފައްޓަވައިދެއްވާނެއެވެ. އަދި ރަށްރަށުގައި އޭ.ޓީ.އެމް. ގެ ޚިދުމަތް ދެއްވުމަށް ކައުންސިލްތަކާއި ބެންކް އޮފް މޯލްޑިވްސްއާ ދެމެދު ވެވޭ އެއްބަސްވުންތަކުގައި ސޮއިކުރުމަށް ބާއްވަވާ ހަފްލާތަކުގައިވެސް ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.