ENGLISH
22 އޭޕްރީލު 2025
ޖާހު ފްލެޓްތައް 45 ދުވަސްތެރޭ ނުނިންމައިފި ނަމަ އެއްބަސްވުން ބާޠިލުކުރަނީ
27 ޖެނުއަރީ 2025
|
ޖާހު އިންވެސްޓްމަންޓުން ހުޅުމާލޭގައި އިމާރާތްކުރަމުން އަންނަ ފްލެޓްތައް: މި ފްލެޓްތައް ނިންމަން 45 ދުވަހުގެ މުއްދަތެއް ވަނީ ދީފައި.
ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި އިމާރާތްކުރަމުން އަންނަ "ދަ ގާޑަންސް" ޕްރޮޖެކްޓުގެ މަސައްކަން ނިންމަން އެންމެ ފަހުގެ ނޯޓިސްގެ ގޮތުގައި 45 ދުވަސްދީ، އެ މުއްދަތުގައި މަސައްކަތް ނުނިންމައިފި ނަމަ އެ ކުންފުންޏާއެކު ހަދާފައިވާ އެއްބަސްވުން ބާޠިލުކުރާނެ ކަމަށް އެޗްޑީސީ އިން ވިދާޅުވެއްޖެ އެވެ.
އެޗްޑީސީ އިން ނެރުނު ބަޔާނުގައި ބުނީ 2017 ވަނަ އަހަރުން ފެށިގެން ޖާހު ކުންފުނިން ހަދަމުން އަންނަ ފްލެޓްތައް ނިންމަން އެ ކުންފުންޏަށް ތަކުރާރުކޮށް މުއްދަތު އިތުރުކޮށްދީފައިވާ ކަމަށެވެ.
ޖާހު ކުންފުނިން ފްލެޓްތައް ނިންމައި ޙަވާލުކޮށްފައިނުވާތީ، އެ ކުންފުންޏާއެކު ހަދާފައިވާ އެއްބަސްވުން ބާޠިލްކުރުމުގެ، އެންމެ ފަހުގެ މަރުޙަލާގެ ދަށުން ޤާނޫނީ ނޯޓިސް ދޭން އެޗްޑީސީގެ ބޯޑުން މިހާރު ވަނީ ނިންމައިފަ އެވެ.
އެންމެ ފަހުގެ ނޯޓިސްގައި ފާހަގަކޮށްފައިވަނީ 45 ދުވަހުގެ ތެރޭގައި އެޕާޓްމަންޓްތަކުގެ މަސައްކަތް އެއްކޮށް ނިންމައި ޙަވާލުކުރުމަށެވެ. މަސައްކަތް އެ މުއްދަތުގައި ނުނިންމައިފި ނަމަ ޖާހު ކުންފުނި އަތުން މަސައްކަތް ނެގުމަށް ކުންފުނީގެ ބޯޑުން ވަނީ ނިންމައިފަ އެވެ.
އެޗްޑީސީ އިން ވިދާޅުވީ ޖާހު ކުންފުންޏަށް އެންމެ ފަހުގެ ނޯޓިސް ދިނީ، އެޕާޓްމަންޓުތައް ގަންނަން ފައިސާ ދެއްކި ފަރާތްތަކަށް ވީ އެންމެ އަވަސް މުއްދަތެއްގައި އެޕާޓްމަންޓްތައް ޙަވާލުކުރެވޭނެ މަގު ފަހިކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ.
ފްލެޓްތައް ނުނިމި ދިގުލައިގެންދާ މައްސަލައިގައި، އެ ކުންފުނިން ފްލެޓް ގަތް ފަރާތްތަކުން ވަނީ ކަންބޮޑުވުންތައް، ސިޓީއަކުން ރައީސް ޑރ. މުޢިއްޒުގެ ސަމާލުކަމަށް ގެނެސްފަ އެވެ.
ޖާހު ކުންފުނިން ފަށާފައިވާ ހައުސިން ޕްރޮޖެކްޓުގައި، ދެ ކޮޓަރި އާއި ތިން ކޮޓަރީގެ 83 އެޕާޓްމަންޓް ހުރެ އެވެ.