ENGLISH
22 އޭޕްރީލު 2025
ރާއްޖެއަށް 12 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް އަތުލައިގެންފި
27 ޖެނުއަރީ 2025
|
ޓުޓިކޮރިން ބަނދަރުގައި އަޅާފައިހުރި ބޯޓުތަކެއް (ފޮޓޯ/ އިންޑިއާ އިން 360)
އިންޑިއާގެ ޓުޓިކޮރިން އިން ރާއްޖެއަށް 12 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބަޔަކު އަތުލައިގަނެފި އެވެ.
އިންޑިއާގެ ނޫސްތަކުން މިދިޔަ ބުދަ ދުވަހު ރިޕޯޓުކޮށްފައިވާ ގޮތުގައި 12 ކިލޯގެ ހަޝީޝް އޮއިލް ރާއްޖެއަށް އެތެރެކުރަން އުޅުނު މައްސަލައިގައި އިންޑިއާގެ ޑިރެކްޓޮރޭޓް އޮފް ރެވެނިއު އިންޓެލިޖެންސް (ޑީއާރުއައި) އިން ހަތަރު މީހަކު ހައްޔަރުކޮށްފައިވެ އެވެ.
އެ މީހުން އަތުލައިގަތީ، ޓުޓިކޮރިން އިން ރާއްޖެއަށް ކަނޑު އުޅަނދެއްގައި މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ޑީއާރުއައިއަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އޯލްޑް ހާބަރު ސަރަހައްދުގައި ހިންގުނު ސާވެއިލެންސެއްގެ ތެރެއިންނެވެ. ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން އޯލްޑް ހާބަރުގައި ކުރެވުނު ސާވެއިލެންސްގެ ތެރެއިން ސައިކަލެއްގައި ދިޔަ ދެ މީހަކު ހުއްޓުވައި ބަލާ ފާސްކުރިިއިރު މަސްތުވާތަކެތި އަޅާފައިހުރި 12 ދަޅު ފެނިފައިވެ އެވެ.
މި މައްސަލައިގައި ހައްޔަރު ކުރެވުނު ހަތަރު މީހުންނަކީ ސައިކަލުގައި އިން 34 އަހަރުގެ ފިރިހެނަކާއި 33 އަހަރުގެ އަންހެނެކެވެ. ދެން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެއްޗާއި އެކު ސެކިއުރިޓީ ގޭޓުން އެ މީހުންނަށް ވަނުމުގެ ހުއްދަ ދިން ސެކިއުރިޓީ މުވައްޒަފާއި އެތަކެތި ރާއްޖެއަށް އެތެރެކުރަން އުޅުނު ބޯޓުގެ ފަޅުވެރިއެކެވެ.
އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު 21 މިލިއަން ރުފިޔާ އަރާނެ ކަމަށް ލަފާކުރެވެ އެވެ.