ENGLISH

22 އޭޕްރީލު 2025

Advertisement

މިދިޔަ ސަރުކާރުން އިންތިގާލީ އިންސާފުގެ އޮފީހަށް 40 މިލިއަން ހަރަދުކުރި؛ ކުރެވުނު މަސައްކަތެއް ނެތް

27 ޖެނުއަރީ 2025

|

އުމްނާ އިސްމާޢީލް

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް (ފޮޓޯ/ސަން އޮންލައިން)

ނިޒާމީ ގޮތެއްގައި ރޭވިގެން ހިންގާފައިވާ އަމަލެއްގެ ސަބަބުން މީހެއްގެ އިންސާނީ ހައްޤެއް ހިފެހެއްޓިފައިވާނަމަ، އެކަން ބެލުމަށް ނިމިދިޔަ އެމްޑީޕީ ސަރުކާރުން އުފެއްދި "އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަރސަން" ގެ އޮފީހަށް ޖުމްލަ 40 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަން އޮޑިޓް ރިޕޯޓްތަކުން ދައްކައިފި އެވެ. އެހެންނަމަވެސް އެ އޮފީހަށް ހުށަހެޅުނު ގިނަ މައްސަލަތަކަށް އިންސާފު ނުލިބޭކަމުގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ.

ދެހާސް ވިހި ވަނަ އަހަރުގެ ޑިސެމްބަރު މަހު އޭރުގެ ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ތަސްދީގުކުރެއްވި އިންތިގާލީ އިންސާފުގެ ޤާނޫނުގެ ދަށުން އުފެއްދެވި އޮފީހުގެ 2022 އަދި 2023 ވަނަ އަހަރުގެ މާލީ އޮޑިޓެއް އޮޑިޓާރ ޖެނެރަލްގެ އޮފީހުން ވަނީ މިދިޔަ ހަފްތާގައި އާާއްމުކުރައްވާފަ އެވެ. އެ ރިޕޯޓުތަކުން އެނގޭ ގޮތުގައި 2021 އިން 2023 އަށް ދައުލަތުން އެ އޮފީހަށް ގާތްގަނޑަކަށް 40 މިލިއަން ހަރަދުކޮށްފައިވެ އެވެ. އެގޮތުން:

  • 2021- 11.8 މިލިއަން ރުފިޔާ
  • 2022- 14.2 މިލިއަން ރުފިޔާ
  • 2023- 13.4 މިލިއަން ރުފިޔާ

އޭގެފަހުން ސަރުކާރު ބަދަލުވެ، މަޤާމާއި ހަވާލުވެވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވަނީ، އެ އޮފީހުގެ ސިވިލް ރައިޓްސް އޮފީހަށް އެންމެ ގިނައިން ލިބިފަައިވަނީ ކުރީ ސަރުކާރުން ގާއިމުކުރި އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަށް ހުށަހަޅައި އިންސާފު ނުލިބުނު މައްސަލަތައް ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން، އިންތިގާލީ އިންސާފުގެ އޮފީހުން 464 މައްސަލައެއް ބަލައި 453 މައްސަލައެއް ނިންމި ކަމަށް އޭޖީ އޮފީހަށް ފޮނުވި ރިޕޯޓެއްގައި އޮތް ނަމަވެސް މައްސަލަތައް ބަލާފައިވަނީ އެއްވެސް ހަމައެއް ތަރުތީބެއް ނެތި ކަމަށް އޭޖީ ވިދާޅުވި އެވެ. 2023 ގެ ނޮވެމްބަރުގައި އެ އޮފީސް އުވިގެންދިޔައިރު، ދައުވާކުރަން ފޮނުވުނީ އެންމެ 30 މައްސަލަ އެވެ. އެހެންނަމަވެސް ކޭސް ނަމްބަރު ފިޔަވައި އެއްވެސް ލިޔެކިޔުމެއް ހުށަހަޅާފައިނުވާ ކަމަށް އޭޖީ ވިދާޅުވި އެވެ.

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުގެ ލިޔެކިޔުންތައް ބެލެހެއްޓުމުގައި އެއްވެސް ހަމައެއް ތަރުތީބެއް ނެތް ކަމަށް އޭޖީ ވިދާޅުވި އިރު، ލިޔެކިޔުންތަކަށް ބަދަލު ގެނައިި ކަމަށް އިންތިގާލީ އިންސާފުގެ އޮފީހަށް ތުހުމަތުކުރެވޭ މައްސަލައެއް އެ އޮފީސް އުވުމުގެ ދެ ދުވަސް ކުރިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފެއްޓެވި އެވެެ. އޭސީސީގެ ތަހުގީގަށް އެ އޮފީހުގެ ވެރިން އެއްބާރުލުން ދީފައިނުވާއިރު ގާނޫނާ ޚިލާފަށް ނިންމާފައި ހުރި ކަންކަން ފޮރުވުމަށް ބައެއް ލިޔެކިއުންތައް ނައްތާލި ކަަމަށް އެތަނުގެ ބައެއް މުވައްޒަފުން ވެސް ތުހުމަތު ކުރި އެވެ.

އެ އޮފީހުން ބެލި މައްސަލަތައް ނިންމި ގޮތުގެ ރިޕޯޓު ނުލިބިގެން އާއްމުން ވެސް އޭރު އެ އޮފީސް ދޮށަށް އެއްވި އެވެ. އެ އޮފީހަށް ހުށަހެޅުނު މައްސަލަތަކުގެ އަސްލު ބަދަލުކޮށްގެން މައްސަލަތައް ނިންމާފައިވާ ކަމުގެ ތުހުމަތު އެ މީހުން ވެސް އޭރުކުރި އެވެ.

ކިޔުންތެރިންގެ ހިޔާލު