ENGLISH

22 އޭޕްރީލު 2025

Advertisement

ތިނަދޫ ކައުންސިލުގައި ހަރަކާތްތެރިވީ އުސޫލާ އެއްގޮތަށް: އޭސީސީ

27 ޖެނުއަރީ 2025

|

ރާޔާ ރިޒާ

ތިނަދޫ ސިޓީ ކައުންސިލު

ތިނަދޫ ކައުންސިލުގެ އިދާރާއަށް ވަދެ ވައްކަން ކުރި ކަމަށް ބުނާ ވާހަކައަކީ ދޮގެއް ކަމަށާއި އެ ރަށު ކައުންސިލްގައި ހަރަކާތްތެރިވެފައި ވާނީ އުސޫލާ އެއްގޮތަށް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވިދާޅުވެއްޖެއެވެ. 

އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ތިނަދޫ ކައުންސިލަށް ކޮމިޝަންގެ ޓީމެއް ވަދެފައިވާ ކަމަށެވެ. އެގޮތުން ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅޭގޮތުން ތަހުގީގަށް ބޭނުންވާ ލިޔެކިޔުން ހޯދުމުގެ މަސައްކަތްކޮށްފައިވާކަން ބަޔާނުގައިވެ އެވެ. ނަމަވެސް އެކަމުގައި ކައުންސިލްގެ ފުރިހަަމަ އެއްބާރުލުން ކޮމިޝަނަށް ލިބިފައިނުވާކަން އޭސީސީއިން ފާހަގަކުރައްވަ އެވެ.

"ޤާނޫނު އަސާސީ އާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނުގެ ދަށުން އަދި މި ކޮމިޝަންގެ ޤާނޫނީ އިމުގެ ތެރެއިން އެންމެހާ އިޖުރާޢަތްތައް ފުރިހަމަކުރުމަށް ފަހު އޭސީސީން ތަހުޤީޤަށް ބޭނުންވާ ލިޔެކިޔުންތައް ވަނީ ހޯދާފައި." - އޭސީސީ

އޭސީސީން އިތުރަށް ވިދާޅުވީ މިކަމާ ގުޅޭގޮތުން ކައުންސިލުން ދައްކާފައިވަނީ ދޮގު ވާހަތަކެއް ކަމަށެވެ. އަދި އޭސީސީއާ ގުޅޭގޮތުން ފަތުރަމުންދާ ހަޤީޤަތާ ޚިލާފު ވާހަކަތަކަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާ އެކަމާ މެދު އިންތިހާއަށް ކަންބޮޑުވާ ކަމަށް އޭސީސީން ވިދާޅުވެފައިވެއެވެ. 

"އެމްއެމް ޓީވީ" އަށް މައުލޫމާތުދެއްވަމުން އޭސީސީގެ މީޑިއާ އޮފިސަރު ވިދާޅުވީ އެ ކޮމިޝަނުގެ ޓީމަކުން ތިނަދޫ ކައުންސިލުގެ އިދާރާއަށް ވަނީ އެންމެ މައްސަލައާ ގުޅިގެނެއް ނޫން ކަމަށެވެ. ތިނަދޫ ސިޓީ ކައުންސިލާ ދެކޮޅަށް އިތުރު މައްސަލަތައް އޭސީސީ އަށް ހުށަހެޅިފައިވާ ކަމަށް ވެސް އޭސީސީގެ މީޑިއާ އޮފިސަރު ވިދާޅުވިއެވެ. 

ތިނަދޫ ކައުންސިލުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ އޭސީސީގެ ނަމުގައި އައި ބަޔަކު ކައުންސިލް އިދާރާގެ ގިނަ އަދަދެއްގެ ތަކެތި ވަގަށް ނަގާފައިވާ ކަމަށެވެ. އަދި މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ބުނެފައި ވެއެވެ.

ފުލުހުން ވިދާޅުވީ މިފަދަ މައްސަލައެއް ފުލުހުންނަށް މިއަދު ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް ތިނަދޫ ކައުންސިލުން އެއްވެސް އެއްޗެއް ވަގަށް ނަގާފައިވާ ކަމަށް ނުބެލެވޭ ކަމަށް އެ މުއައްސަސާއިން ވިދާޅުވެފައިވެވެއެވެ. 

"މިހާތަނަށް ބެލި ބެލުމުން އެފަދަ ކަމެއް ހިނގާފައިވާ ކަމަކަށް ނުބެލެވޭ. މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ގެންދަނީ ބަލަމުން" - ދިވެހި ފުލުހުންގެ ޚިދުމަތް

އޭސީސީ އިން އިއްޔެ ތިނަދޫ ކައުންސިލަށް ވަދެފައިވަނީ ކޮން މައްސަލައެއްގައި ކަމަށް އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ތިނަދޫ ކައުންސިލްއާ ގުޅޭ ކޮރަޕްޝަނުގެ ބައެއް މައްސަލަތައް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާ ކަމަށްވެއެވެ.

ކިޔުންތެރިންގެ ހިޔާލު