ENGLISH

22 އޭޕްރީލު 2025

Advertisement

އިޤްތިޞާދީ މަސައްކަތްތައް ކުރުމަށް ފުރަތަމަ ފަހަރަށް ކައުންސިލްތަކަށް ފަޅު ރަށްތައް ހަވާލުކުރައްވައިފި

27 ޖެނުއަރީ 2025

|

އަހުމަދު ސައީދު

ރައްޔިތުންނާއި ކައުންސިލްތައް މާލީގޮތުން ބާރުވެރި ކުރުމުގެ ގޮތުން، ފުރަތަމަ ފަހަރަށް ކައުންސިލްގެ އިހްތިޞާޞުން ބޭރުން، ހަތަރު ފަޅުރަށެއް ތިން ރަށު ކައުންސިލަކާ ސަރުކާރުން މިއަދު ހަވާލުކުރައްވައިފިއެވެ.

"މަސްވެރިކަމާއި ދަނޑުވެރިކަމާއި އިޤްތިޞާދީ ބޭނުންތައް ފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅު ރަށްރަށް ދޫކުރުމާ ބެހޭ ޤާވާއިދު" ގެ ދަށުން ކައުންސިލްތަކަށް ދޫކުރަން ނިންމި 28 ރަށަކަށް ޕްރޮޕޯޝަލް ހުށަހެޅުމުގެ ފުރުޞަތު ކައުންސިލުތަކާ ބެހޭ ވުޒާރާއިން ހުޅުވާލެއްވީ މިދިޔަ އަހަރުގެ މެއި 30 ވަނަ ދުވަހު އެވެ. 

އެ ފުރުސަތުގެ ދަށުން ޕްރޮޕޯޒަލް ހުށަހެޅި ފަރާތްތަކުގެ ތެރެއިން، ރަށްތައް ލިބުނު ކައުންސިލުތަކަށް ރަށްތައް ހަވާލު ކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވަވާފައިވަނީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގައެވެ. 

ކައުންސިލްތަކާއި ރައްތައް ހަވާލު ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާ އާއި މާލީ ކަންކަމާ ބެހޭ ވުޒާރާ ގުޅިގެންނެވެ. ވަޒީރު އާދަމް ޝަރީފު އުމަރު ބައިވެރިވެ ވަޑައިގަތް ރަސްމިއްޔާތުގައި ކައުންސިލުތަކުގެ ރައީސުންނާއެކު އެއްބަސްވުމުގައި ސޮއިކުރެއްވީ މާލީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަހްމަދު މާޒިންއެވެ. ފަޅުރަށްތައް ހަވާލުކުރި ދ. އަތޮޅު، އަތޮޅު ކައުންސިލުގެ ރައީސް ޢަހްމަދު ޝާފިއު އާއި ރ. އިގުރައިދޫ ކައުންސިލުގެ ރައީސް މުޙައްމަދު ޖަލީލު އަދި ލ. މާވަށު ކައުންސިލުގެ ރައީސް އަޙްމަދު މޫސާ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.

މި ރަސްމިއްޔާތުގައި ރަށްތައް ހަވާލުކޮށްދެއްވީ: 

  • ދ. އަތޮޅު ކައުންސިލަށް ދ. މިނިމަސްގަލި އަދި ދ. ފެންފުށި
  • ރ. އިނގުރައިދޫ ކައުންސިލަށް ރ. ނެޔޮ. 
  • ލ. މާވަށު ކައުންސިލަށް ލ. ބޮޑުމާބުޅާލި. 

ރަށްތައް ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު އާދަމް ޝަރީފު ވިދާޅުވީ މިއީ ރައީސް ޑރ. މުޢިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް ކައުންސިލުތައް މާލީ ގޮތުން ބާރުވެރި ކުރުމަށް އެމަނިކުފާނު ނިންމެވި ނިންމެވުމާއި ގުޅިގެން ދޫކުރެވުނު ފަޅުރަށްތަކެއް ކަމަށެވެ. 

"މީގެކުރިން ކައުންސިލަކަށް ނުވަތަ އޮފީހަކަށް މިކަހަލަ ވަސީލަތެއް ހޯދައިދިނުމުގެ ނިޒާމެއް، ނުވަތަ އުސޫލުތަކެއް އެކަށައެޅިފައެއް ނެތް. ވަރަށް ގިނަ ގޮންޖެހުންތަކާ އެކު ވެސް އެކަންކަން ކުރިއަށް ގެންދެވޭނެ އުސޫލެއް، ނިންމަވައިގެން ރައީސުލްޖުމްހޫރިއްޔާ މި ކުރެއްވި މަސައްކަތް އެންމެންވެސް ޤަބޫލު ކުރާނެ މިއީ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށްޓަކައި، އެމަނިކުފާނު ކުރެއްވި ވަރަށް ބުރަ އަދި ވަރަށް މިންނެތް މަސައްކަތްފުޅުތަކެއް،" ވަޒީރު ވިދާޅުވި އެވެ. 

އާދަމް ޝަރީފް ވިދާޅުވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ހަޤީޤީ މާނާގައި ކައުންސިލުތައް ބާރުވެރިކުރުވުމަަށް ވަރަށް ގިނަ މުހިންމު މަސައްކަތްޕުޅުތަކެއް ކުރައްވަމުންނެވެ. މިގޮތުން ޕާސްޕޯޓާއި އައިޑީކާޑު ހެދުންފަދަ ޚިިދުމަތްތައް ހުރިހާ އަތޮޅުތަކެއްގައި ފެއްޓެވުމަށް ކުރައްވާ މަސައްކަތް ފާހަގަކުރެއްވިއެވެ. 

"އަޅުގަނޑު ގަބޫލުކުރާ ގޮތުން ލާމަރުކަޒީ ނިޒާމަކީ ރައްޔިތުންނާ ގާތުން ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް، ރައްޔިތުންގެ ތެރެއިން ނިންމާ ގޮތެއްގެ މަތިން ރައްޔިތުންނާ އެންމެ ގާތުން ދެވޭނެ ނިޒާމެއް ޤާއިމުކޮށްފައި އޮތުން،" ވަޒީރު ވިދާޅުވިއެވެ. "ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، މިއަދު ރައީސުލްޖުމްހޫރިއްޔާ އެވަނީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓު ޚިދުމަތާއި އައިޑީކާޑުގެ ޚިދުމަތް ދިނުން ފަދަކަންކަން، ރައްޔިތުންނާ ވީހާގާތުން ދެވޭނެ ގޮތް ހެދުމަށްޓަކައި ސިޔާސަތުތައް ކަނޑައަޅުއްވާފައި."

ވަޒީރު އާދަމް ޝަރީފު ވިދާޅުވި ގޮތުގައި، ކައުންސިލުތަކަށް ރަށްތައް ދޫކުރުމަށް ހުޅުވާލި ފުރުސަތުގެ ދަށުން ރަށް ހޯދުމަށް މިހާރު ވެސް ފަސް ކައުންސިލަކުން ޕްރޮޕޯސަލް ހުށަހަޅާފައިވެއެވެ.

ރާއްޖޭގެ އެންމެ އަގުބޮޑު އެސެޓަކީ ފަޅުރަށްތަކެވެ. ސީދާ ރައްޔިތުންގެ ބައިވެރިވުމާ އެކު އެ ރަށްތަކުން މަންފާ ހޯދުމުގެ ފުރުސަތު ފުރަތަމަ ފަހަރަށް ލިބިގެން މިދިޔައީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހިމެނިގެން ފެއްޓެވި މަސައްކަތްތަކުގެ ތެރެއިންނެވެ. ކައުންސިލްތަކުން ރަށްތައް ހޯދުމަށް ހުށަހެޅުމަށް މިހާރު ވެސް އޮތީ ހުޅުވާލައްވާފައެވެ. 

ރައްޔިތުން ބައިވެރިކޮށްގެން ކައުންސިލިތަކަށް އާމްދަނީ ލިބޭނެ މަސައްކަތްތައް ހިންގޭނެ ގޮތަށް މި ރަށްތައް ދޫކުރުމަށްޓަކައި ފަޅުރަށްތައް ދޫކުރުމާއި އަދި ލާމަރުކަޒީ ޤަވާއިދުތަކާއި އުސޫލުތަކަށް ވެސް ސަރުކާރުން ބަދަލު ގެންނެވިއެވެ. 

ރައީސް ޑރ. މުޢިއްޒު އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވާ، އަމިއްލަ ފައިމައްޗަށް ތެދުވެ، ތަރައްޤީއަށް މަސައްކަތްތައް ކުރާ ކައުންސިލްތަކަކަށް، ކައުންސިލްތައް ހެއްދެވުމެވެ.

މިއީ ރާއްޖޭގެ އެންމެ އަގު ބޮޑު އެސެޓްތައް ލާމަރުކަޒުކުރެވި، ރައްޔިތުންގެ އަތްމައްޗަށް ދޫކޮށްލެވޭ ފުރަތަމަ ފަހަރެވެ. އިޤްތިޞާދީ މަސައްކަތް ކުރުމަށް ފުރަތަމަ ފަހަރަށް ކައުންސިލްތަކަށް ފަޅުރަށްތައް ދޫކުރި ފަހަރެވެ. ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ކުރާ މަސައްކަތުގައި މިއަދަކީ، ތާރީޚުގައި ލިޔެވިގެންދާ ދުވަހެކެވެ.

ކިޔުންތެރިންގެ ހިޔާލު