ENGLISH
22 އޭޕްރީލު 2025
ޙަޤީޤަތް އޮޅޭ ގޮތަށް ފިތުނަވެރި ޚަބަރު ނުފެތުރުމަށް މަޖިލީހުގެ ނައިބު ރައީސް ނާޒިމް އިލްތިމާސްކުރައްވައިފި
26 ޖެނުއަރީ 2025
|
މަޖިލީހުގެ ނާއިބު ރައީސް ނާޒިމް
މީޑިއާ ރެގިއުލޭޓް ކުރުމާއި ގުޅޭގޮތުން މި މަހު 25 ވަނަ ދުވަހު ސަން އޮންލައިނަށް ދެއްވި އިންޓަވިއުއާ ގުޅިގެން، އެ ވާހަކައިގެ މަފްޙޫމް އޮޅުން އަރާފަދަ ގޮތަކަށް ބައެއް މީޑިއާތަކުން ޚަބަރު ފަތުރަމުން އަންނާތީ، އެފަދަ ކަންކަމުގައި ރައްޔިތުންނަށް ޙަޤީގަތް އޮޅޭފަދަ ފިތުނަވެރި ގޮތަކަށް ޚަބަރާއި މަޢުލޫމާތު ނުފެތުރުއްވުމަށް، ދިވެހިރާއްޖޭގެ ހުރިހާ މީޑިއާތަކަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަޙްމަދު ނާޒިމް އިލްތިމާސްކުރައްވައިފި އެވެ.
މީޑިއާތަކުން މައްސަލަ ރިޕޯޓްކުރި ގޮތާއި ގުޅޭގޮތުން ނާޒިމް މިއަދު ނެރުއްވި ބަޔާނުގައި ވިދާޅުވީ މީޑިއާގެ މިނިވަންކަމަށް އެމަނިކުފާނު ހުރަސްނާޅުއްވާނެ ކަމަށާއި މީޑިއާއަކީ މިއަދު ވަރަށް ބޮޑު މިނިވަންކަމަކާއި ބާރެއް ލިބިފައިވާ، އަދި ޑިމޮކްރެޓިކް މުޖުތަމަޢުއެއްގެ އެއް އަސާސްކަން އެއްގޮތަކަށްވެސް ހަނދާން ނައްތާލައިގެން ނުވާނެ ކަމަށެވެ.
ބަރުލަމާނީ ޙަޔާތުގައި މިދިޔަ މުއްދަތުގައި ރައްޔިތުންނާއި ގުޅުންހުރި އަދި ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްކުރާނެ ކަންކަމުގައި ވަކާލާތުކޮށް ގިނަ ކަންކަން ކާމިޔާބުކޮށްފައިވާނެކަމަށް އެމަނިކުފާނުގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ. މިގޮތުން، ދިވެހިރާއްޖެއަށް ސިޔާސީ ޕާޓީތައް ތަޢާރަފްވެ، އެކަމުގެ ސަބަބުން ކުރިމަތިވެދާނެ ގޮންޖެހުންތަކަށް ވިސްނާ، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނެއް ލިޔެ، ސިޔާސީ ވަކިތަކުން ސިވިލް ސަރވިސް ސަލާމަތްކުރުމަށް އެމަނިކުފާނު ކުރެއްވި މަސައްކަތަށް ފަޚުރުވެރިވާކަމަށް ނާޒިމް ވިދާޅުވެފައިވެއެވެ.
"މިހާރު ދިވެހިރާއްޖޭގައި މީޑިޔާތައް ރެގިއުލޭޓް ކުރުމަށް ވެސް ދެ މުއްއްސަސާއެއް ވަނީ އުފައްދަވާފައެވެ. އެހެނަސް އެ ދެ މުއައްސަސާ ވެސް އެންމެ ފުރިހަމަ ގޮތުގައި ހިނގަމުން ނުދާކަން ޚުދު މީޑިއާތައް ވެސް ޤަބޫލުކުރާނެއެވެ. މިއީ ދައުލަތުގެ ރިސޯސްތައް ޑުޕްލިކޭޓްވުމުގެ އިތުރުން، ނަތީޖާއެއް ނުނެރެވޭނެ ފަދަ ގޮތަކަށް އޮތް ދެ މުއައްސަސާއެވެ. ދެހާސް ސައްވީސް ވަނަ އަހަރުވެސް މި ދެ މުއައްސަސާއަށް ދައުލަތުގެ ބަޖެޓުން ޖުމްލަ 18 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ." ނާޒިމްގެ ބަޔާނުގައިވެއެވެ.
އެމަނިކުފާނުގެ މަޤްޞަދަކީ ދޯހަޅި ގޮތްގޮތަށް ހުރި މުއައްސަސާތައް ރީފޯމްކޮށް މީޑިއާތަކުން ވެސް ބޭނުންވާ އެމީހުންގެ ޙަޤީޤީ ބެލެނިވެރި ފަރާތަކީ ކޮބައިތޯ ބެލުންކަމަށް ބަޔާނުގައި ވިދާޅުވެފައިވެއެވެ.
ޒުވާނުން މުނިފޫހިފިލުވުމުގެ އިތުރުން، ޒުވާނުން އާމްދަނީ ހޯދުމާއި އެމީހުންގެ ޝުޢޫރުތައް ފާޅުކުރާ މީޑިއާ ޕްލެޓްފޯމްތައް ބްލޮކްކޮށް މީޑިއާގެ މިނިވަންކަން ނިގުޅައިގަތުމުގެ ބަދަލުގައި އެ މަންސަތައް ރެގިއުލޭޓްކުރުމަކީ މުޙިއްމުކަމެއްކަން ހުރިހާ ފަރާތްތަކަކުން ވެސް އެއްބަސްވެލައްވާނެ ކަމަށް ނާޒިމު ވިދާޅުވިއެވެ. އަދި، މަންސަތައް ބޭނުންކުރެވޭއިރު، އަނެކާގެ އަބުރާއި ޢިއްޒަތް ނަގާނުލުމަށް ނާޒިމް އެދިވަޑައިގަތެވެ. އަނިޔާ ލިބޭ ފަރާތުން އިންސާފު ހޯދަން ކުރާ މަސައްކަތުގައި، އިންސާފު ހޯދައިދިނުމަށް މި ވަގުތު އެފަދަ ޤާނޫނެއް ރާއްޖޭގައި ނެތްކަން ނާޒިމް ފާހަގަކުރެއްވާފައިވެއެވެ.
ދުނިޔެ ކުރިއަރާފައިވާއިރު ވަރަށް ގިނަ ޤައުމުތަކުގައި މިހާރުވެސް މިފަދަ ޤާނޫނުތައް ޑްރާފްޓްކުރަމުން، ބަހުސްކުރަމުން އަދި ބައެއް ޤައުމުތަކުގައި މިހާރު ޢަމަލުކުރަން ފަށާފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި، އާޓިފިޝަލް އިންޓެލިޖެންސް ފަދަ ވަސީލަތްތައް ތަރައްޤީވެގެން އަންނައިރު އެންމެންގެ މަސްލަޙަތު ޙިމާޔަތްކުރެވޭނެ ޤާނޫނީ އޮނިގަނޑެއް އޮތުމަކީ ނުހަނު މުހިއްމު ކަމެއްކަމުގައި ނާޒިމްގެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.
"ވީމާ، މިފަދަ ކަންކަމުގައި ރައްޔިތުންނަށް ޙަޤީގަތް އޮޅޭފަދަ، ފިތުނަވެރި ގޮތަކަށް ޚަބަރާއި މަޢުލޫމާތު ނުފެތުރެއްވުމަށް، ދިވެހިރާއްޖޭގެ ހުރިހާ މީޑިޔާތަކަށް ވެސް އަޅުގަނޑު އިލްތިމާސްކުރަމެވެ." ބަޔާން ނިންމަވާލައްވަމުން ނާޒިމް ވިދާޅުވެފައިވެއެވެ.