ENGLISH
22 އޭޕްރީލު 2025
ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަވާނެ: މޯދީ
26 ޖެނުއަރީ 2025
|
ރައީސް ޑރ. މުޢިއްޒު އިންޑިއާ އަށް މިދިޔަ އަހަރު ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް
ދިވެހިރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް އެކުވެރިކަމާއި، ބަދަހި ގުޅުން ވަރުގަދަކުރަން އެއްބާރުލުންދެއްވާނެ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.
އިންޑިއާގައި މިއަދު ފާހަގަކުރަމުން އަންނަ 75 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެކްސް މެދުވެރިކޮށް ފޮނުއްވި ތަހުނިޔާގެ މެސެޖަށް ޝުކުރުއަދާކުރައްވައި މޯދީ ވިދާޅުވީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ދުވަސްވީ އެކުވެރިކަމުގެ ގުޅުން ބަދަހިކުރެއްވުމަށް އެއްބާރުލުން ދެއްވާނެކަމަށެވެ.
އިންޑިއާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޮޑުވަޒީރު މޯދީ އާއި އެ ޤައުމުގެ ރައީސް ޑްރޫޕަދީ މުރްމޫ އަށް ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ރައީސް ވިދާޅުވީ އިންޑިއާއާ އެކު އުފެދިފައިވާ ގާތް ގުޅުން ދެމެހެއްޓުމުގައި ރާއްޖެ އަބަދުވެސް ސާބިތުކަމާ އެކު ދެމިއޮންނާނެ ކަމަށެވެ. އަދި، ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތީ އިތުބާރާއި އިހުތިރާމް އަދި އެއްގޮތް ވިސްނުމެއްގެ މައްޗަށް އުފެދިފައިވާ ގުޅުމެއްކަން ރައީސްގެ މެސެޖުގައި ފާހަގަކުރެއްވިއެވެ.
ރައީސް ޑރ. މުޢިއްޒު ރާއްޖޭގެ ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އިންޑިއާ އަށް ފުރަމާނަ ދަތުރުފުޅެއް ވަނީ ކުރައްވާފައެވެ. އެ ދަތުރުފުޅުގައި އިންޑިއާ އެކު ރަސްމީ ބައްދަލުވުންތައް ބާއްވަވައި، ދެ ޤައުމުގެ ވިޔަފާރީގެ ދާއިރާތަކުން މަޝްވަރާތައް ވަނީ ކުރައްވައިފައެވެ.