ENGLISH
22 އޭޕްރީލު 2025
ސަރުކާރުގެ ސިޔާސަތަކީ މީޑިއާތައް ސެލްފް ރެގިއުލޭޓަރީ ނިޒާމަކަށް ފުރުސަތު ދިނުން: ތަރުޖަމާން
26 ޖެނުއަރީ 2025
|
ނޫސްވެރިކަމާ އިންޓަރނެޓް ރެގިއުލޭޓް ކުރާ ބިލެއް ތަޢާރަފް ކުރަން ސަރުކާރުން އެެއްވެސް މަސައްކަތެއް ނުކުރާ ކަމަށާއި ސަރުކާރުގެ ސިޔާސަތަކީ މީޑިއާތައް ޑީ ރެގިއުލޭޓް ކުރުމާއެކު ސެލްފް ރެގިއުލޭޓަރީ ނިޒާމަކަށް ފުރުސަތު ދިނުން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.
ހީނާ ވިދާޅުވީ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ވެސް މީޑިއާތައް ރެގިއުލޭޓް ކުރާ ބިލެއް ހިމެނިފައި ނުވާނެ ކަމަށެވެ. އަދި ކުރިއަށްއޮތް ތަނުގައި ވެސް އެފަދަ ބިލެއް ތަޢާރަފް ކުރުމުގެ ވިސްނުމެއް ނެތް ކަމަށް ވިދާޅުވިއެވެ.
"ކުރިންވެސް ހާމަކުރައްވާފައިވާ ގޮތަށް އެއީ ސަރުކާރުގެ ސިޔާސަތު. މި ސަރުކާރުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އެންމެ އިސްކަންދޭ ސިޔާސަތަކީ މީޑިއާގެ މިނިވަންކަން އެންމެ ފުޅާ ދާއިރާއެއްގައި ޤާއިމްކޮށް ދެމެހެއްޓުން،" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހީނާ ވިދާޅުވިއެވެ.
ނޫސްވެރިކަމާއި އިންޓަރނެޓް ރެގިއުލޭޓް ކުރަން ސަރުކާރުން ބިލެއް ހުށަހަޅަން ނޫޅޭ ކަމަށް ތަރުޖަމާން ވިދާޅުވެފައި މި ވަނީ ނޫސްވެރިކަމާއި އިންޓަނެޓް ރެގިއުލޭޓް ކުރަން ބިލެއް ހުށަހެޅުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނިކޮށެވެ.
މިޑިއާ ރެގިއުލޭޓް ކުރުމަށް މިހާރު އޮންނަ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އާއި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އުވާލައި އެއް މުއައްސަސާއަކަށް އެ މެންޑޭޓު ދިނުމަށް 'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ބިލު'ގެ ނަމުގައި އަމިއްލަ މެންބަރަކު މިދިޔަ ނޮވެމްބަރު މަހު މަޖިލީހަށް ބިލެއް ހުށަހެޅި އެވެ. ނަމަވެސް އެ ބިލާ މެދު ނޫސްވެރިންގެ ކަންބޮޑުވުންތައް ހުރުމުން އެ ބިލް ވަނީ އެނބުރާ ގެނެސްފައެެވެ.
އަދި ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވެސް ވިދާޅުވެފައި ވަނީ މީޑިއާތައް ކޮންޓްރޯލް ކުރުމަކީ އެމަނިކުފާން ގެންގުޅުއްވާ ހަމައެއް ނޫން ކަމަށެވެ. މިިދިޔަ ނޮވެމްބަރު 13 ވަނަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވެފައި ވަނީ މާތް ވެގެންވާ އިސްލާމްދީނާއި ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާ ޚިލާފު ނުވާހާ ހިނދަކު ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދުގައި ކޮންމެ ދިވެއްސަކަށް ވެސް އެ މީހެއްގެ އަމިއްލަ މިނިވަންކަމާ އެކު އެ މީހަކު ބޭނުންކަމެއްކޮށް އުޅުމުގެ ހައްޤު އޮންނާނެ ކަމަށެވެ.