ENGLISH
22 އޭޕްރީލު 2025
ސާފު ހަކަތައިގެ ދުވަހު ރައީސް ޑރ. މުޢިއްޒު އިލްތިމާސްކުރެއްވީ ދުނިޔެ ޙިމާޔަތްކުރުމަށްޓަކައި މަސައްކަތް ކުރުމަށް
26 ޖެނުއަރީ 2025
|
ގްރީންހައުސް ގޭސް ނުވަތަ ޖައްވު ހޫނުކުރާ ވިހަ ގޭސްތައް ބޭރުކުރާ މިންވަރު މަދުކޮށް، ސާފު ހަކަތައަށް ބަދަލުވެ، އަޅުގަނޑުމެންގެ ދުނިޔެ ޙިމާޔަތްކުރުމަށްޓަކައި މަސައްކަތް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފި އެވެ.
ރައީސް މި ގޮތަށް ގޮވާލެއްވީ ދުނިޔޭގައި މިއަދު ފާހަގަކުރަމުންދާ ޑޭ އޮފް ކްލީން އެނަރޖީ ނުވަތަ ސާފު ހަކަތައިގެ ދުވަހާ ގުޅުވައިގެން އާއްމުކުރެއްވި މެސެޖެއްގަ އެވެ.
ރައީސް ވިދާޅުވީ އިޔާދަކުރަނިވި ހަކަތަ ކުރިއެރުވުމުގައި ރާއްޖެއިން ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. ޚާއްޞަކޮށް ސޯލަރ ޕަވަރ އިނީޝިއޭޓިވް ނުވަތަ އަވިން ހަކަތަ އުފެއްދުމުގެ ދާއިރާއިން ރާއްޖޭން ހޯދާފައިވާ ކުރިއެރުންތައް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ރާއްޖެއަކީ ބިންތިރި ޤައުމަކަށްވެފައި، މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް، އިޔާދަކުރަނިވި ހަކަތައިގެ ވަޞީލަތްތަކަށް އިންވެސްޓް ކުރުމަކީ ރާއްޖޭގެ މުސްތަޤްބަލަށްޓަކައި ކުރުމަށް ލާޒިމު ކަމެއްކަން ރައީސް ފާހަގަކުރެވި އެވެ.
މި ސަރުކާރުގެ އަމާޒަކީ 2028 ވަނަ އަހަރުގެ ނިޔަލަށް، ރާއްޖޭގައި ބޭނުންކުރާ ކަރަންޓު ހަކަތައިގެ 33 އިންސައްތައަކީ އިޔާދަކުރަނިވި ހަކަތައަށް ހެދުން ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
ހަކަތައިގެ ދުވަހާ ގުޅުވައިގެން ރައީސް ޑރ. މުޢިއްޒު ވަނީ ރާއްޖޭގެ ޕްރައިވެޓް ސެކްޓަރއިން މުޙިއްމު ދައުރެއް އަދާކުރައްވާކަން ފާހަގަކުރައްވައި، އެފަރާތްތަކުން މަސައްކަތުގައި ދެމިތިބުމަށް ހިތްވަރު ދެއްވައިފަ އެވެ. އިޔާދަކުރަނިވި ހަކަތައަށް ކުރާ އިންވެސްޓްމެންޓްތަކުގެ ސަބަބުން ދުނިޔޭގެ ފެންވަރުގައި ކަނޑައަޅާފައިވާ މޫސުމީ ލަނޑުދަނޑިތައް ޙާޞިލްކުރުމުގެ އިތުރުން ހަކަތައިގެ ރައްކާތެރިކަމާއި، އިޤްތިޞާދީ ހަރުދަނާކަން އިތުރުވެގެންދާކަމުގައި ރައީސްގެ މެސެޖުގައި ވަނީ ފާހަގަކުރައްވާފަ އެވެ.
މޫސުމީ ލަނޑުދަނޑިތައް ހާސިލްކުރުމުގެ އަމާޒަށް ވާޞިލްވުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި މާލީ އެހީތެރިކަން ދެއްވާ ފަރާތްތަކަށް އެމަނިކުފާނު ޝުކުރުއަދާކުރެއްވި އެވެ. އަދި، ޖަޒީރާ ކުދި ޤައުމުތަކުން، ނުވަތަ ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓޭސް (ސިޑްސް) އަށް ދޭ އެހީ، ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި އިތުރުކުރަން ޖެހޭކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މެސެޖު ނިންމަވާލައްވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ރާއްޖޭގެ ރަށްތައް ޙިމާޔަތްކޮށް ދުޅަހެޔޮ ވެއްޓެއް ޤާއިމުކޮށް، އެހެން ޤައުމުތަކަށް ވެސް ނަމޫނާއެއްގެ ގޮތުގައި ރާއްޖެ އޮންނާނެ ކަމަށާއި، ޤައުމާއި ދުނިޔޭގެ ލާބައާއި މަންފާއަށްޓަކައި ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާނީ ސާފު ހަކަތައިގެ މަގުގައި ކަމަށެވެ.