ENGLISH

22 އޭޕްރީލު 2025

Advertisement

އޭސީސީގެ ތަހުޤީޤުތައް އަވަސްކުރަން ޕީޖީ އަމުރުކުރައްވައިފި

26 ޖެނުއަރީ 2025

|

އުމްނާ އިސްމާޢީލް

ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފް މަޖިލީހުގެ ކޮމިޓީގައި (ފޮޓޯ/ ރައްޔިތުންގެ މަޖިލީސް)

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހިންގާ ޖިނާޢީ ތަހުޤީޤުތައް އަވަސްކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އައްބާސް ޝަރީފް މިއަދު އަމުރުކުރައްވައިފި އެވެ.

މިކަމާ ގުޅިގެން ޕީޖީ އޮފީހުން ވިދާޅުވީ، އޭސީސީން ހިންގާ ތަހުގީގުތައް އެކަށީގެންވާ އަވަސް މިނެއްގައި ހިނގަމުން ނުދާކަމުގެ ޝަކުވާތައް ޕީޖީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. މިކަން ޕީޖީ ބެއްލެވިއިރު، ދިވެހި ދައުލަތާއި އާންމު ރައްޔިތުންގެ މަޞްލަޙަތު މަތީ މިންވަރަކަށް ހިމެނޭ މައްސަލަތަކުގެ ތަހުޤީޤުތަކާއި، އޭސީސީން ހިންގާ ޖިނާޢީ ތަހުޤީޤުތައް ލަސްވެ، ކޮރަޕްޝަނާއި ޚިޔާނާތުގެ މައްސަލަތަކުގައި ދައުލަތަށް ގެއްލޭ ފައިސާ އަނބުރާ ހޯދުމުގައާއި، އެފަދަ މައްސަލަތަކުގައި ދައުލަތާއި އާންމު ރައްޔިތުންގެ މަސްލަޙަތުތަކަށް އުނިކަން އަންނަމުންދާކަން ފާހަގަކުރެއްވުނު ކަމަށެވެ.

މި ސަބަބަށްޓަކައި، ޕީޖީ އައްބާސް ވަނީ އެމަނިކުފާނަށް ޤާނޫނުއަސާސީން ލިބިދޭ ބާރުގެ ދަށުން، އޭސީސީން ތަހުޤީޤުކުރަމުންދާ ހުރިހާ ޖިނާޢީ މައްސަލަތައް ޕީޖީ އޮފީހަށް ހުށަހެޅުމުގައި އަމަލުކުރާނެ ގޮތުގެ އިރުޝާދެއް އެކުލަވާލައްވައި، އެ އިރުޝާދަށް މިއަދުން ފެށިގެން ޢަމަލުކުރުމަށް، އެ ކޮމިޝަންގެ މައްޗަށް އަމުރުކުރައްވާފަ އެވެ.

ޕީޖީ ޢައްބާސްގެ އަމުރުފުޅުގައި އޭސީސީން ތަހުޤީޤުކުރަމުންދާ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ޚިޔާނާތުގެ މައްސަލަ އާއި، ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ މުދަލާއި ފައިސާ ނަހަމަގޮތުގައި ބޭނުންކުރުމުގެ މައްސަލަ އާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްއާ ގުޅުންހުރި މައްސަލަތައް ފަދަ ދައުލަތުގެ މާލިއްޔަތާއި އާއްމު ފަރުދުންގެ މަޞްލަޙަތާ ގުޅުންހުރި ޚިޔާނާތުގެ ބޮޑެތި މައްސަލަތަކުގެ ތަޙުޤީޤު، ޚާއްޞަ ސަމާލުކަމެއްދީގެން އަވަހަށް ހިންގައި، ޕީޖީގެ އިރުޝާދާ އެއްގޮތަށް އެ އޮފީހަށް ހުށަހެޅުމަށް ވެސް އަންގަވާފައިވެ އެވެ.

އޭސީސީގެ މައްސަލަތައް އަވަސްކޮށް، ހަރުދަނާކުރުމަށްޓަކައި ޕީޖީ ނެރުއްވި އިރުޝާދަކީ އެ ކޮމިޝަނުން ތަޙުޤީޤުކުރަމުންދާ ހުރިހާ މައްސަލަތައް އެ އޮފީހަށް ހުށަހެޅުމުގައި، މިއަދުން ފެށިގެން ޢަމަލުކުރަންޖެހޭނެ އިރުޝާދެކެވެ. މި އިރުޝާދުގެ ބޭނުމަކީ، ޕީޖީ އޮފީހުން ވިދާޅުވި ގޮތުގައި އޭސީސީން ތަހުޤީޤުކުރާ މައްސަލަތަކުގެ ތަހުޤީޤު އަވަސްކުރުމުގެ އިތުރުން، ތަހުޤީޤުތަކުގެ މަރުޙަލާތައް ކުރިއަށްގެންދާނެ ސިސްޓެމެޓިކް ގޮތްތަކެއް ކަނޑައެޅުމާއި، ޖިނާޢީ މައްސަލަތައް ބަލާ އެކިއެކި އިދާރާތަކުން ހިންގާ ތަހުޤީޤުތަކުގެ ޔުނީފޯމިޓީ ކަށަވަރުކުރުމާއި، ތަހުޤީޤުގެ ކުރީ މަރުޙަލާއިން ފެށިގެން އެ އޮފީހުގެ ލަފާ ހޯދަން އިތުރަށް ފަސޭހަކޮށް، އެކަމާގުޅޭ އިންތިޒާމުތައް ހަމަޖެއްސުމެވެ.

ކިޔުންތެރިންގެ ހިޔާލު