ENGLISH
22 އޭޕްރީލު 2025
ފުލުހުންނަށް ސީޕީގެ އިލްތިމާސެއް: ޑިއުޓީގެ ބޭނުމަށް ނޫނީ ފޯނު ބޭނުން ނުކުރޭ
26 ޖެނުއަރީ 2025
|
ކޮމިޝަނާ އޮފް ޕޮލިސް ޢަލީ ޝުޖާޢު ފުލުހުންގެ 38 ވަނަ ޕޮލިސް އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި. (ފޮޓޯ/ ފުލުހުންގެ ޚިދުމަތް)
ޑިއުޓީގެ ވަޤުތުގައި ވަޒީފާގެ ބޭނުމަށް ނޫނީ މޯބައިލް ފޯނު ބޭނުން ނުކުރުމަށް ދިވެހި ފުލުހުންނަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު އިލްތިމާސްކުރައްވައިފި އެވެ.
ފުލުހުންގެ 38 ވަނަ ޕޮލިސް އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސީޕީ ވަނީ، ފުލުހުންނަށް ތިން ކަމަކަށް އިލްތިމާސްކުރައްވާފަ އެވެ.
ފުރަތަމަ ކަމަކަށް ސީޕީ އިލްތިމާސްކުރެއްވީ ޑިއުޓީގެ ވަޤުތު، ފަރުވާ ނުބަހައްޓާ ފޯނު ބޭނުންކުރަން ނުތިބުމަށެވެ. ޝުޖާޢު ވިދާޅުވިގޮތުގައި، މަގުމަތީގައި ފުލުހުން ތިބޭއިރު، ފޯނަށް ގެއްލިފައި ތިބޭ ކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން ލިބެމުންދާ ކަމަށެވެ. އެއީ ރަނގަޅުކުރަން ޖެހޭ ކަމެއް ކަން ފާހަގަކުރައްވަމުން ސީޕީ ވަނީ، ޚިދުމަތުގައި ތިބޭއިރު ފުލުހުންނަކީ އަބަދުވެސް ރައްޔިތުންނަށް ޚާއްސަވެގެން ތިބޭ ބަޔަކަށް ވުމަށް ގޮވާލައްވައިފަ އެވެ.
""ވަރަށް ގިނައިން ރައްޔިތުން ކުރާ އެއް ޝަކުވާއަކީ، ފުލުހުން މަގުމަތިން ފެނެޔޭ އެކަމަކު ތިބެނީ ފޯނާ ކުޅޭށޭ. މަގުމަތީގަައި ހިނގާ އެއްވެސް ކަމަކަށް ފަރުވާ ނުބަހައްޓާ ތިބެނީ ފޯނަށް ގެއްލިފައޭ. މިކަން ރަނގަޅުކުރަން އެބަޖެހޭ. އުއްމީދުކުރަން ތިޔަ އޮފިސަރުން ރައްޔިތުންގެ ޚިދުމަތުގައި ތިބޭއިރު ރައްޔިތުންނަށް އަބަދުވެސް ޚާއްސަވެގެން ތިބުން." " - ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާޢު
ފުލުހުންނަށް ސީޕީ އިލްތިމާސްކުރެއްވި ދެވަނަ ކަމަކީ ރައްޔިތުންނާއި އަބަދުވެސް ރިވެތި ބަހުން މުޢާމަލާތް ކުރުމަށެވެ. ޝުޖާޢު ވިދާޅުވީ، ރައްޔިތުންނާއި ރިވެތި ބަހުން ވާހަކަ ނުދެއްކޭނެ ހާލަތެއް އައިސްގެން ނުވާނެ ކަމަށާއި ރައްޔިތުންނަށް ވުރެ ވަކިން މާތްކޮށް ވާހަކަދައްކަން ޖެހޭ އިތުރު ބަޔަކު ވެސް ނުތިބޭނެ ކަމަށެވެ.
ތިން ވަނަ ކަމަކަށް ޝުޖާޢު ފާހަގަކުރެއްވީ ފުލުހުންނަށް ލިބިގެންވާ ޤާނޫނީ ބާރުތައް ޒިންމާދާރުކަމާ އެކު ބޭނުންކުރުމުގެ މުހިއްމު ކަމެވެ. ސީޕީ ވިދާޅުވީ ފުލުހުންނަށް ޤާނޫނީ ގޮތުން ލިބިދޭ ބާރަކީ ހިތުހުރި ގޮތަކަށް ބޭޏުންކުރަންޖެހޭ ބާރެއް ނޫން ކަމަށާއި އަބަދުވެސް ބަލަން ވާނީ ބާރުގެ ބޭނުންނުކޮށް ދިމާވާކަންކަން ހައްލުކުރުމަށް ކަމަށެވެ. ފުލުހުން ވާން ޖެހޭނީ ސީޕީ ވިދާޅުވި ގޮތުގައި، މަގު ދައްކައިދީ، އިސްލާހުވުމަށް ފުރުސަތު ދޭ ބަޔަކަށެވެ.