ENGLISH

22 އޭޕްރީލު 2025

Advertisement

ރައީސުލްޖުމްހޫރިއްޔާ، އިލެކްޝަންސް އާއި އޭސީސީ އަށް މެންބަރުން އައްޔަން ކުރައްވައިިފި

26 ޖެނުއަރީ 2025

|

ހަސަން އާމިރު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ދެ ބޭފުޅަކު، އަދި އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެންބަރުކަމަށް، ދެ ބޭފުޅުން މިއަދު ޢައްޔަން ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ, އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ޢައްޔަނުކުރެއްވި ދެ ބޭފުޅުންނަކީ، މުޙައްމަދު ޒާހިދު، ދަފުތަރު ނަންބަރު ރސ 1548 އަދި ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، ކ.ހުރާ، ރޯޒް އެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 167 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން އުފައްދައިފައިވާ، އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް، މި ދެ ބޭފުޅުން ޢައްޔަނުކުރެއްވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 168 ވަނަ މާއްދާގެ (ށ) އާއި، ޤާނޫން ނަންބަރު 8/2008 (އިލެކްޝަންސް ކޮމިޝަންގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތީންނެވެ.

މެންބަރުކަމަށް ޢައްޔަން ކުރެއްވިކަމުގެ ލިޔުން، މި ދެ މެންބަރުންނާ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވީ، އެކަމަށްޓަކައި މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި މެންބަރުކަމުގެ ލިޔުން ހަވާލު ކުރެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު މަހާޒް ޢަލީ ޒާހިރުގެ ކުރިފުޅުމަތީގައި، މުޙައްމަދު ޒާހިދާއި ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، ވަނީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވައި ކުރައްވައި، ހުވައިގެ އިޤުރާރުގައި ސޮއި ކުރައްވައިފައެވެ.  

އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ މިއަދު އައްޔަންކުރެއްވީ އަޙްމަދު ނާޝިދު، މއ. ގޯލްޑަންމޫން އަދި ޢަބްދުﷲ ނާޝިދު، ރ. އަލިފުށި، ފަސާނާއެވެ.

‎މއ. ގޯލްޑަންމޫން، އަޙްމަދު ނާޝިދަކީ ޕޮލިސް ބޯޑްގެ މެންބަރުކަމާއި، ކުރީގެ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެކެވެ.‎ ރ. އަލިފުށި، ފަސާނާ، ޢަބްދުﷲ ނާޝިދަކީ އިންޑިއާގެ ރީޖަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން އިން މާސްޓަރ އޮފް އެޑިއުކޭޝަން (ސްކޫލް މެނޭޖްމަންޓް) ޙާޞިލްކުރައްވާފައިވާ ބޭފުޅެކެވެ. މީގެއިތުރުން ޢަބްދުﷲ ނާޝިދަކީ އާސަންދަ ކުންފުނީގެ އެކި ޑިޕާޓްމަންޓުގެ މެނޭޖަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.‎

އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެންބަރުކަމަށް މި ދެ ބޭފުޅުން ޢައްޔަން ކުރެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު މަހާޒް ޢަލީ ޒާހިރުގެ ކުރިފުޅުމަތީގައި އެބޭފުޅުން ވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ކުރައްވާފައެވެ. ‎މި ރަސްމިއްޔާތުގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ މި ދެ ބޭފުޅުންނާ ވަނީ ޙަވާލުކޮށްދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު